25 މެއި 2017 - 11:14

މެނިލާ (މެއި 25) - ފިލިޕީންސްގެ ދެކުނުގެ މިންޑަނާއޯގައި އިއުލާން ކުރި ސިފައިންގެ ގާނޫނު މުޅި ގައުމުގައި ވެސް ހިންގަން ޖެހިދާނެ ކަމަށް އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.
ޑުޓާޓެ ވިދާޅުވީ ދެކުނުގެ މިންޑަނާއޯ ޖަޒީރާގައި ހަނގުރާމަވެރިންގެ ބަޔަކު ފުލުހުންގެ މީހެއްގެ ބޯކަނޑާލާ ސަލަމާތީ ޚިދުމަތްދޭ އިތުރު ތިން މީހަކު މަރާލާފައިވާ ކަމަށެވެ. ވަކިވެ ގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންނާއި ފިލިޕީންސް ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރާ މިންޑަނާއޯގައި ސިފައިންގެ ގާނޫނު ޑުޓާޓެ އިއުލާން ކުރެއްވީ އަންގާރަ ދުވަހު އެވެ.
"ފިލިޕީންސްގެ ރައްޔިތުން ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން އަޅުގަނޑު ފަހެއް ނުޖެހޭނަން. ފިލިޕީންސްގެ ރައްޔިތުން ސަލާމަތް ކުރުމަށް މުޅި ގައުމުގައި ވެސް ސިފައިންގެ ބާރު ހިންގަން ޖެހިދާނެ،" ޑުޓާޓެ ވިދާޅުވި އެވެ.
މިންޑަނާއޯގައި ސިފައިންގެ ގާނޫނު އިއުލާން ކުރުމަށް ފަހު، ޑުޓާޓެ ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް ސިފައިން ދެން ހަރުކަށި ވާނެ ކަމަށެވެ.
ފިލިޕީންސްގައި ހަމަނުޖެހުން ބޮޑުވުމުން ޑުޓާޓެ ވަނީ ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅު ކުރު ކުރެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޑުޓާޓެ ވަނީ ފިލިޕީންސް އަށް ޒަމާނީ ހަތިޔާރު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ފިލިޕީންސްގައި އެންމެ ފަހުން ސިފައިންގެ ގާނޫނު ހިންގާފައި ވަނ 1986 ވަނަ އަހަރު އެވެ. ސިފައިންގެ ގާނޫނު ހިންގޭނީ 60 ދުވަހަށެވެ. ނަމަވެސް ޕާލަމެންޓުން ބޭނުން ނަމަ 48 ގަޑިއިރު ތެރޭ ސިފައިންގެ ގާނޫނު ބާތިލް ކުރެވިދާނެ އެވެ. އަދި އެ އަމަރުގެ ސައްހަ ކަމާ މެދު ސުޕްރީމް ކޯޓުން ވެސް ގޮތެއް ނިންމިދާނެ އެވެ.