20 ޖޫން 2016 - 13:11

ނިއު ޔޯކް (ޖޫން 20) - އަވިން ދުއްވާ މަތިންދާ ބޯޓު ސޯލާ އިމްޕަލްސް 2 ނިއު ޔޯކުން ފުރައިގެން އެޓްލާންޓިކް ހުރަސްކޮށް 90 ގަޑިއިރުގެ ދިގު ދަތުރަށް ފަށައިފި އެވެ.

ސޯލާ ހަކަތަ އިން ދުނިޔެ ވަށާ ބުރުޖަހާ މަތިންދާ ބޯޓުގެ އެންމެ ދިގު ދަތުރުގައި ޕައިލެޓްކަން ކުރާނީ ބެޓްރާންޑް ޕިކާޑެވެ. ނިއު ޔޯކުން ފުރައިގެން ބޯޓު ދަތުރު ކުރާނީ ސްޕޭނުގެ ސެވިއްޔާ އަށެވެ. ދަތުރު ފަށަން އޮތީ އިއްޔެ އެވެ. ނަމަވެސް މޫސުން ގޯސްވުމުން ދަތުރު މިއަދަށް ވަނީ ފަސްކޮށްފަ އެވެ. ދަތުރު މަތީގައި ޕިކާޑް ނިދާނީ ވަރަށް ކުޑަ ވަގުތު ކޮޅެއްގަ އެވެ. ބޯޓުގައި ދަތުރު ކުރެވެނީ އެންމެ މީހަކަށެވެ.
ދުނިޔެ ވަށާ ސޯލާ އިމްޕަލްސް ކުރާ ދަތުރުގައި، ސައިކޭޓްރިސްޓެއް ކަމަށްވާ ޕިކާޑްއާ އެކު ދެން ބައިވެރިވަނީ ސްވިޒަލެންޑުގެ ވިޔަފާރިވެރިޔާ އަންދުރޭ ބޯޝްބާގެވެ.
ޕެންސިލްވޭނިއާ އިން ފުރައިގެން ފަސް ގަޑިއިރުގެ ދަތުރަކަށް ފަހު ސޯލާ އިމްޕަލްސް 2 ނިއު ޔޯކުގެ ޖޯން އެފް. ކެނެޑީ އެއާޕޯޓުގައި ޖެއްސީ މި މަހު 11 ވަނަ ދުވަހު އެވެ. ދުނިޔެ ވަށާ ބުރު ޖެހުމުގެ ރެކޯޑް ހެދުމަށް ބޯޓުގެ ދަތުރު އަބޫ ދާބީން ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ 9 ވަނަ ދުވަހު އެވެ. ބޯޓު އެމެރިކާ އަށް ދިޔައީ އޭޝިއާ، އަދި ޕެސިފިކުގެ ގައުމުތަކުގައި މަޑުކޮށްފަ އެވެ. ސާފު ހަކަތަ ޕްރޮމޯޓް ކުރަން ކުރާ މި ދަތުރުގައި ބޭނުންކުރާ ބޯޓުގެ ފިޔަގަނޑު ބޯއިން 747 ގެ ބޯޓެކޭ އެއްވަރެވެ. ބޯޓުގެ ފިޔަގަނޑުގައި ވަނީ އަވިން ހަކަތަ ރައްކާ ކުރުމަށް 17،000 ސެލް ހަރުކޮށްފަ އެވެ.