ޔުރޮޕާ ލީގު ކާމިޔާބުކޮށް ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް
ޔުރޮޕާ ލީގު ކާމިޔާބުކޮށް ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް

ސްޓޮކްހޯމް (މެއި 25) – ނެދަލެންޑްސްގެ އަޔަކްސް 2-0 އިން ބަލިކޮށް ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑް ނިސްބަތްވާ އިނގިރޭސި ވިލާތުގެ މެންޗެސްޓާގައި ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން މުޅި އެ ސިޓީ މާޔޫސްކަމުގައި ތިއްބާ ޔުނައިޓެޑުން މި ހޯދި ކާމިޔާބީއާ އެކު ވަނީ ކޮންމެވެސް ވަރެއްގެ އުފަލެއް ލިބިފަ އެވެ. މި މޮޅާ އެކު ޔުނައިޓެޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނެވެ. ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި އެ ފުރުސަތު ކުރިން އޮތީ ގެއްލިފަ އެވެ.

ޔޫރަޕުގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތް ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ކާމިޔާބުކުރިއިރު އެ ޓީމުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔުނައިޓެޑަށް މިހާރު ވަނީ ޔުއެފާގެ ހުރިހާ ކްލަބް މުބާރާތެއް ކާމިޔާބުކުރި ކްލަބްތަކުގެ ލިސްޓުން ޖާގަ ލިބިފަ އެވެ. ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު (ކުރީގެ ޔުއެފާ ކަޕް) އަދި މިހާރު އުވާލާފައިވާ ޔުއެފާ ކަޕްވިނާސްކަޕް ހާސިލްކޮށްފައިވަނީ އަޔަކްސް، ޗެލްސީ، ޔުވެންޓަސް އަދި ބަޔާން މިއުނިކެވެ.

ރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ދުނިޔޭގެ ރެކޯޑް އަގަކަށް މި ސީޒަނުގައި އެ ޓީމާ ގުޅުނު ފްރާންސުގެ ޕައުލް ޕޮގްބާ އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަޔަކްސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޔުނައިޓެޑުގެ ދެ ވަނަ ގޯލް ޖަހައިދިނީ ހެންރިކް މިކިތާރްޔަން އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ކްރިސް ސްމޯލިން ޖައްސާލުމުން މިކިތާރްޔަން ވަނީ ވެއްޓިގެންފައި ބޯޅަ ގޯލުގެ އެތެރެކޮށްލައިފަ އެވެ.

މިއީ ޔުނައިޓެޑަށް މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ޒަލަޓާން އިބްރަހިމޮވިޗުގެ ކެރިއަރުގައި ލިބުނު ޔޫރަޕުގެ ފުރަތަމަ ތަށްޓެވެ. އެކަމަކު އުފަން ގައުމުގައި ކުޅުނު ފައިނަލުގައި އޭނާ އަށް ޖެހުނީ، ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއަކާ ގުޅިގެން ކުޅިބަލަން ހުންނާށެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުގެ ކެޕްޓަންކަން ކުރީ އެންޓޯނިއޯ ވެލެންސިއާ އެވެ. މެޗުގެ ފަހުކޮޅު ކެޕްޓަން ވޭން ރޫނީ އެރިއިރު، ތަށި އުފުލާލަދިނީ ރޫނީ އެވެ. ބެލެވޭ ގޮތުގައި ރޭގެ މެޗަކީ އޭނާ ޔުނައިޓެޑަށް ކުޅެދިން ފަހު މެޗެވެ.

މިއީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯގެ ކެރިއަރުގައި ހޯދި ޔޫރަޕުގެ ހަތަރު ވަނަ ތަށްޓެވެ. ޕޯޗުގަލްގެ ޕޯޓޯ އަށް 2003 ގެ ޔުއެފާ ކަޕާއި 2004 ގެ ޗެމްޕިއަންސް ލީގު ހޯދައިދިން އިރު އިޓަލީގެ އިންޓަ މިލާނަށް 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނެވެ.

އަޔަކްސްގެ ކޯޗު ޕީޓާ ބޯޒް އޭނާގެ ޒުވާން ކުޅުންތެރިންނަށް އަސްލު ފެންވަރު ނުދެއްކުނު ކަމަށާއި ޒުވާން ކުޅުންތެރިންނަށް ވުމުން ހާސްވެ ފިނުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ކަމަށެވެ.

"ފޫހި މެޗެއް މިއީ. ދެ ޓީމުގެ ފަރާތުން ވެސް މާ ރަނގަޅު ހަމަލާތަކެއް ނާދޭ. އަހަރެން ހިތްހަމަނުޖެހިފައި މިހިރީ. ސަބަބަކީ ފައިނަލަށް ނުކުންނަނީ މޮޅުވާން ކަމަށް ވެފައި އެކަން ނުވުމުން. އާއްމުކޮށް ފެންނަ އަޔަކްސް އެއް ނުފެނުނު،" ބޯޒް ބުންޏެވެ.