25 މެއި 2017 - 00:30

އިދިކޮޅު ކޯލިޝަންގައި މިއަދު ތިބީ ގަނެލެވޭނެ ބޭފުޅުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހް އިދިކޮޅު ކޯލިޝަނަށް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ފަލާހް ވިދާޅުވީ މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ އިން ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން އާއެކޭ ބުނެފައިވާ ކަމަށާއި އެ ނަތީޖާ އަށް ފަހު އިދިކޮޅު ކޯލިޝަންގެ ތެރޭގައި ވެސް ހަމަނުޖެހުން އުފެދިފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ކޯލިޝަންގައި ތިބީ އިޚުލާސްތެރި ބައެއް ނޫނެވެ. އަދި ވިދާޅުވީ އިދިކޮޅުގައި ތިބީ ގަނެލެވޭނެ ބޭފުޅުން ކަން ސިފަ ކުރައްވަމުން ފަލާހް ވިދާޅުވީ "ނަނު އެއްލައިފިއްޔާ ނުގަންނާނެ އެއްވެސް ބޭފުޅަކު އެތަނުގައި ނެތް" ކަމަށެވެ. އެކި ބޭފުޅުން ބޭނުންވަނީ އެކި އެއްޗެހި ކަމަށް ވިދާޅުވެ، އެ އެއްޗެއް ދީފި ނަމަ އެ ބޭފުޅުން ގަނެލެވޭނެ ކަމަށް ފަލާހް ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ބުޅީގަ ރަށެއް އަޅާފައި އެއްލީމަ ގަންނާނެ. އަނެއްބައި ބޭފުޅުން ބޮޑު ވަޒީފާއެއް ބުޅީމަ އަޅާފައި އެއްލީމަ ގަންނާނެ. އަނެއްްބައި ބޭފުޅުން ބުޅީގައި ރައީސް ކަން އަޅާފައި އެއްލީމަ ގަންނާނެ. މިއީ އިނގޭތޯ މި ބޭފުޅުންގެ ހަގީގީ ކުލައަކީ. އަޅުގަނޑު މިދެންނެވީ މި ބޭފުޅުން ބޭނުންވާ އެއްޗެހި،" ފަލާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަކީ ވިކޭނެ ބައެއް ނޫނެވެ. ފަލާހް ވިދާޅުވީ އެކި ހުށަހެޅުންތައް އަޔަސް ޕީޕީއެމްގެ މެމްބަރުން ތިބީ ރައީސް ޔާމީނަށް ތާއީދުކުރުން މަތީގައި ކަމަށެވެ. މެމްބަރުން ގަނެލެވޭ ނަމަ ޕީޕީއެމްގެ 45 މެމްބަރުން މަޖިލީހުގައި ނުތިއްބަވާނެ ކަމަށް ވިދާޅުވެ، އެ ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށް ބުނެ ވާހަކަ ދައްކަނީ ރައްޔިތުން ވާވައްދަން ކަމަށް ފަލާހް ވިދާޅުވި އެވެ.
"އެހެން އެ ކިޔަނީ އަޅުގަނޑުމެން މަޖިލީހުގައި ހުވާކުރި ދުވަހުން ފެށިގެން. ދުވަހަކު ވެސް އެ ބޭފުޅުންނަށް [މަޖިލިހުގައި މެމްބަރުން ތަމްސީލް ކުރާ އަދަދު] 21 އަށް ވުރެ މައްޗަކަށް ނާރާ. ގާސިމް އިބްރާހިމް ވީމަ ކިރިޔާ ވެސް 24 މިވަނީ. ގާސިމް އިބްރާހިމަށް ރަށެއް އަޅާފައި ބުޅި އެއްލީމަ 21 އަށް ވެއްޓޭ،" މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުންގެ އަދަދަށް ނިސްބަތް ކުރައްވައި، ފަލާހް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ހަގީގީ ލީޑަރެއް އިދިކޮޅު ކޯލިޝަންގައި ނެތް ކަމަށާއި އިދިކޮޅު ލީޑަރުން ޖަލުގައި ތިބީ ގާނޫނާ ޚިލާފްވުމުން ކަމަށް ފަލާހް ވިދާޅުވި އެވެ. އާންމު ރައްޔިތުންނޭ އެއްގޮތަށް ސިޔާސީ ލީޑަރުން ވެސް ކުށެއް ކޮށްފި ނަމަ އޭގެ އަދަބު ލިބޭނެ ކަމަށާއި ސިޔާސީ ލީޑަރުންނަށް އައިސްފައިވާ ހުކުމްތަކަކީ ރަނގަޅު ހުކުމްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާޒީއަކު އަންހެނުން ކައިރީގައި ސޯޓެއް ލައިގެން ނިދާފައި އޮއްވައި ވަގަށް ނަގައިގެން ގެންގޮސް 21 ދުވަސް ވަންދެން އަންހެނުންނާ ދުރުގައި ބެހެއްޓީމަ އެއީ ހުކުމް ކުރަންޖެހޭ ކަމެއް ނޫންތޯ؟. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހައްޖުން ވަޑައިގަތް ދުވަހު ލޯންޗަށް ބޮމެއް ލާފައި ބޮން ގޮއްވީމަ ޖަލަށްލާކަށް ނުޖެހޭތޯ؟،" ފަލާހް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރު މެމްބަރުންނާ ޑީލް ހެދުމުގެ ފުރުސަތު އިދިކޮޅު ކޯލިޝަނަށް ނެތް ކަމަށާއި މަޖިލީހުގެ މެމްބަރުން އިދިކޮޅު ކޯލިޝަނާ ގުޅޭނެ ކަމަށް ދައްކަމުންދާ ވާހަކަތައް ހަގީގަތަކަށް ނުވާނެ ކަމަށެވެ. ސަރުކާރުގެ އަތުން އެއްވެސް އެއްޗެއް އިދިކޮޅު ކޯލިޝަން މެމްބަރުންނަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަތުގައި މިއޮތް ގަޑި ކީއްކުރަންތޯ، އިނގިލީގައި މިއޮތް އަނގޮޓި ގަނެލާހާ ވަރު ވެސް އިދިކޮޅު ފަރާތްތަކުގައި ނުހުންނާނެ. އެ މީހުންގެ ސަރުކާރުތަކުގައި މިލިއަން މިލިއަން ޑޮލަރާއި މާލެއިން ގޯއްޗާ ހުށަހެޅީމަ ނުގޮސް ތިބި ބަޔަކު ދާނެތޯ؟،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތިގައި އިދިކޮޅު މީހުންނަށް ރާއްޖޭގެ މުއައްސަސާތައް ގޯސްވަނީ އެ މީހުންނާ ދެކޮޅަށް ކަމެއް ނިމުމުން އެކަންޏެވެ. އަދި އެ މީހުންނާ އެއްކޮޅަށް ކަމެއް ނިމިއްޖެ ނަމަ އެ މުއައްސަސާއެއް ރަނގަޅުވެ، އެ ވާހަކަ ދައްކާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން ކައުންސިލް އިންތިޚާބުގެ ނަތީޖާ އޭނާ ފާހަގަ ކުރެއްވި އެވެ.
"ވަކި ހިސާބަކަށް ނަތީޖާ އައިމަ ހާދަހާ އިންސާފުވެރިއޭ އިލެކްޝަންސް ކޮމިޝަން. އެ ކިޔާ ގާސިމް އިބްރާހިމް ހައްޔަރު ކުރީމަ ނެތް ކޯޓުތަކަށް ވުރެ ގޯސް އެއް ތަނެއް ވެސް. ދާދި މިދާކަށް ދުވަހަކު ކޯޓަކުން މި ނިންމީ އޭނާ ދޫކޮށްލަން، ހަމަ ނިންމީ[ބުނެފި] މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް އެބައޮތޯ،" އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އިންސާފުވެރި އިންތިޚާބުގެ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުސީދާކޮށް، އަބްދުއްރަހީމް ފާޑު ވިދާޅުވި އެވެ.
"ނިކަން ބައްލަވާ 700 ވޯޓު ފޮށްޓަކަށް ލީއިރު އެ ފޮށީގައި އެންމެ ރަސްގެއެއް[ނުބައި ފާހަގަ] އެއް އޮތީމަ އެ ފޮޮށްޓާ ހަވާލުވެ ހުރި މީހާ ކައިރީގައި ބުނީ ގެއަށް ދާށޭ. މިއީ މިކަން ތަޖުރިބާ ކޮށްފައި ތިބި މީހުން މި ވާހަކަ ދައްކަނީ،" ރައީސް މައުމޫންގެ ވެރިކަމުގައި ބޭއްވި އިންތިޚާބުތަކަށް އިޝާރާތް ކުރައްވައިި، އަބްދުއްރަހީމް ވިދާޅުވި އެވެ.
ބައެއް ވަޒީރުންނާއި މަޖިލީހުގެ އެހެން މެމްބަރުން ވެސް ބައިވެރިވި އެ ޖަލްސާގައި އިދިކޮޅު ކޯލިޝަނަށް އެ ބޭފުޅުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އިދިކޮޅު ކޯލިޝަންގައި ލީޑަރަކު ނެތް ކަމަށާއި ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު އެ ކޯލިޝަން ބައިބައިވާނެ ކަމަށް ބުނެ އެ ކޯލިޝަނަށް ފާޑު ކިޔާފައިވެ އެވެ.