24 މެއި 2017 - 19:52

މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓު ކެނޑިއްޖެ އެވެ.
މިރޭ އިރުއޮއްސުނު ވަގުތު ކަރަންޓް ކެނޑުނު ގޮތަށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބުނީ ބައިގަޑިއެއް ހާއިރު ފަހުންނެވެ. އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓެއް ނުލިބެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ މައި ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން މިހާރު ހައްލު ކޮށްފައިވާ ކަމަށެވެ. އެކި ސަރަހައްދުތަކަށް މިހާރު ކަރަންޓް ދެމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މިހާރު ކަރަންޓް ދެމުން އެ އަންނަނީ. ވަރަށް ކުޑަ ސަރަހައްދަކަށް މިހާރު ނުލިބި އޮންނާނީ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސްޓެލްކޯގައި އަލަށް ބެހެއްޓި ޖަނަރޭޓަރުގެ މަސައްކަތެއް ކުރާތީ މިއަދު ހަވީރު ވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލި އެވެ. އެކަން ސްޓެލްކޯ އިން އޮތީ އިއްޔެ އިއުލާންކޮށްފަ އެވެ. އެކަމަކު މިރޭ ކަރަންޓް ކެނޑުމާ އެކަމާ ގުޅުމެއް ނެތް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"އާ ޖަނަރޭޓަރުގެ އެ މަސައްކަތް މިއަދު ހަވީރު އަޅުގަނޑުމެން ނިންމައިފިން. އެއީ ކުރިން ވެސް ޝެޑިއުލް ކުރެވިފައި އޮތް ކަމެއް. އެކަމަކު މިރޭ މި ކަރަންޓް ކެނޑުނީ ކުޑަ ކަމެއްގެ ސަބަބުން،" އޮފިޝަލް ވިދާޅުވި އެވެ.