ކުޑަ ހުކުމެއްގައި ހުއްޓައި ޖަލަށް ޑްރަގް ވައްދަނިކޮށް އުމުރަށް ޖަލަށް
ކުޑަ ހުކުމެއްގައި ހުއްޓައި ޖަލަށް ޑްރަގް ވައްދަނިކޮށް އުމުރަށް ޖަލަށް

ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހަކު ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ފަޅާ އަރައި، އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގ. އޯލް ޕެރިސް އަހުމަދު މިހާދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000ރ. އިން ޖޫރިމަނާކޮށް، ކޯޓުން އިއްޔެ ހުކުމްކުރީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލައެއްގައި މާޗް، 2013 ގައި އޭނާ ތިން އަހަރަށް ޖަލަށް ލާފައި ހުއްޓާ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މައްސަލައެއްގަ އެވެ.

ޖަލަށް މަސްތުވާތަކެތި ވައްދަން އޭނާ އުޅުނުކަން ފަޅާ އެރީ މާލެ ގެނައުމަށް ފަހު މާފުށީ ޖަލަށް އަނބުރާ ގެންގޮސް، އޭނާގެ ހަށިގަނޑު ޗެކް ކުރި އިރު އޭނާގެ ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުމުންނެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން ބޮކްސާގެ ތެރެއިން 16 ގްރާމްގެ ކެނަބިސް ފެނިފައިވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާ ގޮތުން 14 ގްރާމަށް ވުރެ ގިނައިން ކެނަބިސް ގެންގުޅުމަކީ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާ އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ. އެ ގާނޫނު ބުނާ ގޮތުން ލައިގެން ހުންނަ އަންނައުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ބެލެވޭނީ އެއީ އެ މީހެއްގެ އެއްޗެއްގެ ގޮތުގަ އެވެ.