ފަސޭހަ ނުކުރާނަން، މެޗެއް ގެއްލެން ބޭނުމެއް ނޫން: ނިޒާމްބެ
ފަސޭހަ ނުކުރާނަން، މެޗެއް ގެއްލެން ބޭނުމެއް ނޫން: ނިޒާމްބެ

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުކުރާނެ ކަމަށާއި މި ވަގުތު ހާލަތު ހުރި ގޮތުން އިތުރު މެޗެއް ގެއްލެން ބޭނުންނުވާ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ފަސޭހަ ނުކުރާނަން، މެޗެއް ގެއްލެން ބޭނުމެއް ނޫން: ނިޒާމްބެ
ފަސޭހަ ނުކުރާނަން، މެޗެއް ގެއްލެން ބޭނުމެއް ނޫން: ނިޒާމްބެ

ޓީސީ މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް ވިކްޓަރީއާ އެއްވަރަށް އަށް މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ވެލެންސިއާ ލީގުގެ އެންމެ ފުލުގައި އޮތީ ކުޅުނު އަށް މެޗުން އެއް ޕޮއިންޓާ އެކު އެވެ.

"މި ސީޒަން މި ފަހަރު މި މުބާރާތް އޮތްގޮތުން މި ފަހަރު މެޗުތައް ގެއްލުން އެހާ ފަސޭހަކަމަކަށް ނުވާނެ. ގެއްލޭ ކޮންމެ މެޗެއް އެއީ ޕްރެޝަރެއް. ޓީސީ އަށް މިހާރު މެޗުތައް ގެއްލުވާލުމުގެ ފުރުސަތެއް ނެތް. މިއީ މިހާރު އޮތް ދަނޑިވަޅުގައި ވަރަށް މުހިއްމު ތިން ޕޮއިންޓް މިއީ،" މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ގަދަ ހަތަރެއްގެ ރޭސް ދަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި އެ ހަތަރު ޓީމު ތެރޭގައި ހިމެނުމަށް ޓީސީން ޕޮއިންޓުގެ ޓާގެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.

"މިހާރު މިދާ ރޭޓުން ދާ ކަމަށްވާނަމަ ގަދަ ހަތަރަކަށް ވަންނަން 21 ޕޮއިންޓް ބޭނުންވާނެ. އެއަށް ޓާގެޓް ކޮށްގެން މަސައްކަތް މި ކުރަނީ،" ނިޒާމްބެ ބުންޏެވެ.

ވެލެންސިއާ ލީގުގެ އެންމެ ފުލުގައި އޮތަސް އެއީ ޓީސީން ސަމާލުކަން ދޭނެ ކަމެއް ނޫން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"ވެލެންސިއާ އަކީ ކޮންމެ މެޗެއްގައި ވެސް ފުދޭވަރަކަށް ރަނގަޅަށް ކުޅޭ ޓީމެއް. މިހާތަނަށް އައިއިރު ވެލެންސިއާ އަކީ އެއްވެސް ޓީމަކަށް ފަސޭހަ ޓީމެއް ނޫން. އަމިއްލަ އަށް ވެސް ގަބޫލުނުކުރަން މެޗު ފަސޭހަވާނެ ކަމަށް އަދި ކުޅުންތެރިންނަށް ވިސްނައިދޭނީ ވެސް އެހެން،" ނިޒާމްބެ ބުންޏެވެ.

މި ހަފުތާގެ މެޗުތަކަށް ފަހު ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ފުރުސަތުދޭން ލީގު މެދުކަނޑާލާނެ އެވެ. ލީގު މެދު ކަނޑާލުމަށް ފަހު އަލުން ދެން ފަށާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. ނިޒާމްބެ ބުނީ މި ބްރޭކްގެ ބޭނުން ޓީސީން ވަރަށް ރަނގަޅަށް ހިފާނެ ކަމަށެވެ.

"މި ބްރޭކް ޓީސީން މި ނަގަނީ ވަރަށް މުހިއްމު ބްރޭކެއްގެ ގޮތުގައި. އޭގެ އަށް ދާއިރު މޮޅެއް ބޭނުން. މި ޓިމުގައި އެބަތިބި ރަނގަޅު ޒުވާން ކުޅުންތެރިން. ބޭރަކަށްފަހު އޮންނާނީ އެ ކުޅުންތެރިން ބޭނުން ކުރަން އެންމެ ރަނގަޅު ވަގުތު. ހަގީގަތުގައި އޭރު ޓީސީ އޮންނާނީ އަސްލު ފެންވަރުގައި،" ނިޒާމްބެ ބުންޏެވެ.

ފާއިތުވި މެޗުތަކުގައި ޓީސީ އަށް އެކި މައްސަލަތައް ދިމާވެ އެންމެ ރަނގަޅު ކުޅުމެއް ދެއްކުމަށް އުނދަގޫތަކެއް ދިމާވި ކަމަށާއި މިހާރު އެކަން ހައްލުވަމުން އަންނަ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"އަނިޔާގެ ސަބަބުން ދެ މެޗު ގޮސްފި ޓީސީ އަށް ވަރަށް ދަށްކޮށް. އެއީ މި ސީޒަނުގެ އަނިޔާ އާއި މިދިޔަ ސީޒަނުގައި އަނިޔާވި ކުޅުންތެރިން އެއްކޮށް ރިކަވާ ނުވުމުގެ މައްސަލަ. އެކަމަކު އެންމެ ފަހުން ކުޅުނު މެޗަކީ މި ސީޒަނުގައި ޓީސީ އަށް ބޭނުންވާ ގޮތަށް ރަނގަޅު ޓެކްޓިކަލް ބަދަލެއް ގެނެވުނީ އޭގެ ނަތީޖާ ވަރަށް ރަނގަޅު މެޗެއް،" ނިޒާމްބެ ބުންޏެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ބަލިވާ ކޮންމެ މެޗަކަށް ފަހު ވެލެންސިއާ އަށް ދަނީ ޕްރެޝަރު ބޮޑުވަމުން ކަމަށެވެ.

"މެޗަކުން ބަލިވެއްޖިއްޔާ އެއީ އަންނަ ވަރަށް ބޮޑު ޕްރެޝަރެއް. އެ ޕްރެޝަރު ނޫނީ އެ އަޑިގަނޑުން ސަލާމަތްވާން ކުރަން ޖެހޭ މަސައްކަތް ވެލެންސިއާ އިން މި ދަނީ ކުރަން. މި ސިލްސިލާ ނިންމާލި މޮޅަކުން އާ ފެށުމަކަށް ދާން ވެލެންސިއާ އިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ މި ވަގުތު އޮތް ހާލަތަށް ބަލާއިރު ބްރޭކަކަށް ދިއުމަކީ އެ ޓީމަށް ރަނގަޅު ކަންތައްތަކެއް ދިމާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ފެސްކޯ ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް ބްރޭކް އަންނަ ދުވަސްވަރުގެ ގޮތުން އޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ހުރިހާ ދިމާލަކުން ވެސް ސްލޯޑައުން ވަމުންދާ ދުވަސްވަރެއްގައި ބްރޭކް މި އަންނަނީ. މި ދަނޑުވަޅުގައި މި ބްރޭކް އައުމަކީ ވަރަށް ބޮޑު އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް. އެއީ ރޯދަ މަހު ވީމަ އަށް ޓީމު ޕްރެކްޓިސް ކޮށްލަން މި ލިބެނީ ރޭގަނޑު. އެންމެ އެކަށީގެންވާ ވަރަށް ޕްރެކްޓިހެއް ނުކޮށްލެވޭއިރު. ފެސްޓިވަލެއްގެ ގޮތުގައި ކަންތައްތައްދާނީ. އެއް ޓީމެއް ޕްރެކްޓިސް ކުރާއިރު އަނެއް ޓީމެއް ކޯނު އަޅަންތިބޭނީ،" ފެސްކޯ ބުންޏެވެ.

"މި ގޮތަށް ކަންތައްތައް ދާތީ މި ފަދަ ބްރޭކްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަމަކު ހަގީގަތުގައި ރަނގަޅު ދުވަސްވަރެއްގައި ނަމަ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްލަން އަޅުގަނޑުމެން ކަހަލަ ޓީމަކަށް މިއީ ރަނގަޅު ފުރުސަތެއް." އޭނާ ބުންޏެވެ.

ލީގުގައި ވާދަކުރާ އަށް ޓީމު ވެސް ވަރުގަދަ ކަމަށާއި އެއްވެސް ޓީމެއް ބަލިކުރަން ފަސޭހަނުވާނެ ކަމަށް ފެސްކޯ ބުންޏެވެ.

"ކޮންމެ ޓީމެއް ބަލިކުރަން ވެސް ވަރަށް މަސައްކަތް ކުރަން ޖެހޭނެ. ވަކި ޓީސީ ވެގެން ހާއްސަ ކަމެއް އޮންނަން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން. ވެލެންސިއާގެ ސްޓައިލުގައި ކުޅެގެން މި މެޗު ކާމިޔާބު ކުރަން ބޭނުންވަނީ،" އޭނާ ބުންޏެވެ.

މާލޭ ލީގުގެ ގަދަ ހަތަރަށް ޕްރިމިއާ ލީގުން ޖާގަ ލިބޭގޮތަށް އޮތްއިރު، ވެލެންސިއާއާ ގަދަ ހަތަރަކާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި އެ ޓީމަށް ބާކި ހަ މެޗު އޮތްއިރު ފެސްކޯ ބުނީ ގަދަ ހަތަރެއްގެ ދޮރު އެ ޓީމަށް އެއްކޮށް ބަންދުވިކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"އެއްކޮށް ބަންދުވީއެކޭ ނުދަންނަވާނަން. އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ހަނިވެފައި މިއޮތީ. މެތަމެޓިކަލް ޗާންސެއް އަޅުގަނޑުމެންނަށް އޮތީ. އެކަން ހިގުމަށް ވުރެ ނުވުން އެއީ ގާތްކަމަކަށް ވެދާނެ. އުއްމީދުކުރަނީ ރަނގަޅު ނަތީޖާތަކެއް ވެލެންސިއާ އިން ނެރޭނެ ކަމަށް،" ފެސްކޯ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އަތުން ޓީސީ ވަނީ ފަސޭހަކަމާ އެކު 3-0 އިން މޮޅުވެފަ އެވެ. މިއަދު ހަވީރު މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ 4 ޖަހާއިރު އެވެ.