24 މެއި 2017 - 16:55

ދިމިޝްގު (މެއި 24) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގައި ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމައާ ބެހޭ މިނިސްޓަރު އަބޫ މުސާބު އަލް މަސްރީ މަރާލާފައިވާ ކަމަށް ސީރިއާ ސިފައިން ބުނެފި އެވެ.
ސީރިއާ ސިފައިން ހަލަބުގެ އިރުމަތީގައި ހިންގި އޮޕަރޭޝަނުގައި ވަނީ އައިއެސްގެ ސީނިއާ 13 އޮފިޝަލަކު މަރާލައިފަ އެވެ. މަރާލި މީހުންގެ ތެރޭގައި އިރާގާއި ސައުދީ އަށް ނިސްބަތްވާ އައިއެސްގެ މީހުން ހިމެނޭ ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ. ނަމަވެސް އެ އޮޕަރޭޝަން ހިންގި އިރެއް ބުނެފައެއް ނުވެ އެވެ.
އައިއެސްގެ ހަނގުރާމައާ ބެހޭ މިނިސްޓަރުކަން ކުރިން ކުރި އަބޫ އުމަރު އަލް ޝީޝާނީ ވަނީ މިދިޔަ އަހަރު މަރާލައިފަ އެވެ. ޕެންޓަގަނުން ބުނެފައި ވަނީ ޝީޝާނީ މަރާލި ކަމަށް ބެލެވެނީ އެމެރިކާ ސިފައިން ސީރިއާގައި ދިން ވައިގެ ހަމަލާތަކެއްގައި ކަމަށެވެ. ޝީޝާނީ މަރުވި ކަމަށް އައިއެސް އިން އެއްބަސްވެފައި ވަނީ ޖުލައި މަހު އެވެ. އޭނާ މަރުވި ކަމަށް އައިއެސް އިން ބުނީ އިރާގުގެ މޫސަލްގެ ދެކުނުން އޮންނަ ޝިރްގާތުގައި ހަނގުރާމަ ކުރަނިކޮށް ކަމަށެވެ.
ސީރިއާގެ އުތުރުގައި ވެސް އައިއެސްއާ ދެކޮޅަށް ދަނީ ރަޝިޔާގެ މަދަދު ލިބޭ ސީރިއާ ސިފައިންނާއި އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އާއި ތުރުކީގެ މަދަދު ލިބޭ ފްރީ ސީރިއަން އާމީ އިން ހަނގުރާމަ ކުރަމުންނެވެ.