24 މެއި 2017 - 16:00

ނިއު ދިއްލީ (މެއި 24) - އިންޑިއާގެ ރައީސް ކަމަށް އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އިދިކޮޅު ޕާޓީތައް ހުކުރު ދުވަހު ބައްދަލު ކުރަން ނިންމައިފި އެވެ.
ރައީސް އާއި ނައިބް ރައީސް ކަމަށް އިދިކޮޅު ޕާޓީތަކުން ހޮވާ ކެންޑިޑޭޓުން ނެރެން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ކޮންގްރެސް ޕާޓީންނެވެ. ނަމަވެސް ހުކުރު ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވާނެ ޕާޓީތަކެއް އަދި ނޭނގެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޮންގްރެސް އިން ދަނީ ޝިވް ސެނާ އަދި ޝިރޮމާނީ އަކާލީ ދާލް ޕާޓީގެ ތާއިދު ހޯދަން މަސައްކަތް ކުރަމުންނެވެ. އެއީ ބީޖޭޕީއާ ގުޅިފައިވާ ޕާޓީތައް ނަމަވެސް މިހާރު ވަނީ ވެރިކަން ކުރާ ޕާޓީއާ ޚިޔާލު ތަފާތުވެފަ އެވެ.
އިދިކޮޅު ޕާޓީތައް ގުޅިގެން ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރުމާއި އެންމެން އެއްބަސްވާ ކެންޑިޑޭޓެއް ރައީސް ކަމަށް ނެރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޮންގްރެސްގެ ރައީސް ސޯނިއާ ގާނދީ އެވެ. އެކަމަނާ މިހާތަނަށް ވަނީ ޖަނަތާ ދާލް ޔުނައިޓެޑުގެ ލީޑަރު ނިޓިޝް ކުމާރާއި ނޭޝަނަލް ކޮންގްރެސް ޕާޓީގެ ލީޑަރާ ބައްދަލު ކުރައްވައިފަ އެވެ. އަދި އާރުޖޭޑީ ލީޑަރު ލާލޫ ޔަދާވްއާ ވަނީ ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. މިދިޔަ ހަފުތާގައި އެކަމަނާ ވަނީ ޓްރިނަމޫލް ކޮންގްރެސްގެ ލީޑަރު މަމާތާ ބާނަރްޖީއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ. ސޯނިއާގެ ދަރިކަލުން އަދި ކޮންގްރެސްގެ ނައިބް ރައީސް ރާހުލް ގާނދީ ވެސް ގެންދަވަނީ ޕާޓީތަކާ ބައްދަލު ކުރައްވަމުންނެވެ.
އިންޑިއާގެ ރައީސް ޕްރަނާބު މުކަރްޖީގެ ރައީސްކަމުގެ ދައުރު ޖުލައި މަހު ނިމޭނެ އެވެ. އަދި ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން އެމަނިކުފާން އެއްބަސްވަޑައިނުގަންނަވާ ކަމަށް އަރިސް ބޭފުޅުން ވިދާޅުވެ އެވެ.