ޒިމްބާބުވޭގެ ސެންސަރު ބޯޑަށް މުގާބޭގެ ދަރިކަނބަލުން
ޒިމްބާބުވޭގެ ސެންސަރު ބޯޑަށް މުގާބޭގެ ދަރިކަނބަލުން

ހަރާރޭ (މެއި 24) - ޒިމްބާބުވޭގެ ސެންސަރު ބޯޑަށް މުގާބޭގެ ހަމައެކަނި އަންހެން ދަރިކަނބަލުން ބޮނާ މުގާބޭ-ޗިކޯ ހަމަޖައްސައިފި އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ މިއީ ޒިމްބާބުވޭ ސަރުކާރަށާއި މުގާބޭގެ އާއިލާ އަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވުމަށް އަޅާ އިތުރު ފިޔަވަޅެއް ކަމަށެވެ. މުގާބޭގެ ދަރިކަނބަލުން ސެންސަރު ބޯޑަށް ހަމަޖެއްސުމުން އެ ގައުމުގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ.

ޒިމްބާބުވޭގެ ސެންސަރު ބޯޑަށް ވަނީ ފުލުހުންގެ ތަރުޖަމާނު ވެސް ހަމަޖައްސައިފަ އެވެ. އެ ބޯޑުގައި ދެން ހިމެނެނީ ފައްޅިތަކުން ހޮވާ މީހުންނާއި ގާނޫނީ އަދި އެކައުންޓްސް ދާއިރާގެ މީހުންނެވެ. ބޯޑަށް މެންބަރުން އައްޔަން ކުރަނީ ހޯމް މިނިސްޓަރެވެ.

ޒިމްބާބުވޭ ސަރުކާރުން ހިންގާ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނީ މީޑިއާ އާއި ފިލްމު އިންޑަސްޓްރީ ކޮންޓްރޯލްކޮށް ރެގިއުލޭޓް ކުރާނީ ސެންސަރު ބޯޑުން ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ވެސް ހުއްޓުވާނެ ކަމަށް ކޯޕަރޭޝަނުން ބުންޏެވެ.

މުގާބޭގެ ދަރިކަނބަލުން ކިޔަވާ ވިދާޅުވީ ސިންގަޕޫރުންނެވެ. ބޭންކިން އާއި ފައިނޭންސް މެނޭޖްމަންޓުގެ ދާއިރާ އިން ވަނީ މާސްޓާސް ޑިގްރީ 2013 ވަނަ އަހަރު ހާސިލް ކުރައްވައިފަ އެވެ.