25 މެއި 2017 - 06:17

ސޫޒަން މާޗެންޓް އާއި ކެވިން ބައްދަލުވީ 1979 ވަނަ އަހަރު އެވެ. ވަކިވިތާ 30 އަހަރުވީ އިރު ވެސް އެކަކު އަނެކަކަށް ހިތް އެދޭ މިންވަރަށް ބަދަލެއް ނައި މި ގުޅުމަކީ އަލަތު ލޯބި ދުވަހަކު ވެސް މަރު ނުވާނެ ކަމުގެ ހެއްކެކެވެ.

ސޫޒަން އަށް މިހާރު 53 އަހަރެވެ. ކެވިން މާޗެންޓާ އޭނާ ފުރަތަމަ ބައްދަލުވިއިރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ސޫޒަންއަށް ވުރެ ކެވިން ދޮށީ އެންމެ އަހަރެކެވެ. މި މީހުން އަލަށް ދިމާވީ އާއިލާއިން ރޭވި ޗުއްޓީއެއްގައި ތަނަކަށް ގޮސް އުޅެނިކޮށެވެ.
ކެވިން ބުނާ ގޮތުގައި ފުރަތަމަ ފެނުނު ވަގުތު ވެސް އޭނާއަށް ސޫޒަން ދެކެ ލޯބިވެވުނެވެ. ސޫޒަން އަށް ވީ ގޮތަކީ ކެވިން އޭނާއަށް ޝައުގުވެރިކަމެއް ނުބަހައްޓަފާނެ ކަމަށް ހީކޮށް އަޅާ ނުލައި ހުރީ އެވެ. އެ ދަތުރުގައި ހޭދަކުރި ހުރިހާ ދުވަސްތަކެއް ސޫޒަން އާއި ކެވިން ހޭދަކުރީ އެކުގަ އެވެ. އެކުވެރި އަންހެންކުއްޖަކާ އެކު ތަންތަނަށް ދާ ކަމަށް ބުނެފައި ކެވިންއާ އެކު އޭނާ އެކި ތަންތަނަށް ގޮސް މަޖާކުރި އެވެ.
ޗުއްޓީ ނިންމާފައި އެނބުރި ސޫޒަން ދިޔައީ ކޯބީގެ ޝެފީލްޑުގައި ހުންނަ ގެއަށެވެ. ކެވިން އުޅެނީ އެތަނާ 93 މޭލު ދުރުގައި ނަމަވެސް އޭނާ ސޫޒަންގެ ގެއަށް އޭނާއާ ބައްދަލުކުރަން ދިޔަ އެވެ. އޭގެ ފަހުން ހައެއްކަ މަސް ވަންދެން މަހަކު ދެފަހަރު ކަހަލަ ގޮތަކަށް ދިމާވެ އެވެ.
ކެވިންގެ އާއިލާއާ ސޫޒަން ބައްދަލުކޮށް އެންގޭޖްމަންޓެއްގެ ވާހަކަތައް ވެސް އެ ދުވަސްވަރު ކެވިން ދައްކާފައިވެ އެވެ. ނަމަވެސް 1980 ވަނަ އަހަރު، އެއް ދުވަހަކު ކުއްލިއަކަށް ސޫޒަން އަށް ގުޅާފައި ކެވިން އެމީހުންގެ ގުޅުން ކަނޑާލީ ކަމަށް ބުންޏެވެ. ސަބަބެއް ކަމަށް ބުނީ މާގިނައިން ސޫޒަންގެ ގެޔަށް ދަތުރުކުރަން ޖެހުމުން ކިޔެވުމަށް ހުރަސް އެޅުމެވެ.
ސޫޒަން ބުނީ އޭނާ ވަރަށް ދެރަވި ކަމަށާއި ކެވިން ގެއްލުނީ ކަމަށް ބަލައި އުމުރުން 21 އަހަރުގައި ކައިވެނިކުރީ ކަމަށެވެ. އެ ކައިވެންޏަށް ދެ ދަރިން ވެސް ލިބުނެވެ. ނަމަވެސް އޭނާއަކަށް ކެވިންގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ.
ނަސީބު ދިމާކުރި ގޮތުން ސޫޒަންގެ ކައިވެނި 2002 ގައި ރޫޅުނީ އެވެ. އޭގެ ފަހުން އޭނާ ކައިވެންޏެއް ނުކޮށް ހުރީ އެވެ. ދެން ކުއްލިއަކަށް 2013 ގެ މޭ މަހު ފޭސްބުކުން އޭނާއާ ކެވިން އާ ދިމާވި އެވެ. ސޫޒަން ފަދައިން ކެވިން ވެސް ހުރީ ކައިވެންޏެއް ކޮށް އެ ކައިވެނި ރޫޅިފަ އެވެ. އޭނާއަށް ވެސް ދެ ދަރިން ލިބިފައިވެ އެވެ.
ފޭސްބުކުން ދިމާވެ އަލުން ގުޅުން ބަދަހިވެ ކެވިން ވަނީ ގުޅުން ކަނޑާލެވުމަކީ ކުރެވުނު މޮޔަ ކަމެއް ކަމަށް ބުނެފަ އެވެ.
ބައްދަލުނުވާތާ 34 އަހަރު ފަހުން އަލުން ބައްދަލުވެ މި މީހުން ކައިވެނިކުރީ ސެޕްޓެމްބަރު 3، 2016 ގަ އެވެ.
ސޫޒަން ބުނި ގޮތުގައި ކެވިންއާ ކައިވެނި ކުރި ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެމީހުންގެ ކައިވެނީގައި ބައިވެރިވީ 50 މީހުންނެވެ.