ޑަބްލިއެޗްއޯގެ ސެކްރެޓަރީ ޖެނެރަލަކަށް އެފްރިކާ ބޭފުޅެއް
ޑަބްލިއެޗްއޯގެ ސެކްރެޓަރީ ޖެނެރަލަކަށް އެފްރިކާ ބޭފުޅެއް

ޔުނައިޓެޑް ނޭޝަންސް (މެއި 24) - ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިތިއޯޕިއާގެ ބޭފުޅެއް ކަމަށްވާ ޓެޑްރޮސް އަދަނޮމް ގެބްރޭޔެސުސް އިންތިޚާބު ކޮށްފި އެވެ.

މިއީ އދ.ގެ ސިއްހަތާ ބެހޭ އެޖެންސީ ހިންގަން އެފްރިކާގެ ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މެންބަރު 186 ގައުމުގެ ތެރޭން އެންމެ ބޮޑު ތާއީދެއް ލިބިފައި ވަނީ ޓެޑްރޮސް އަށެވެ.

ޑަބްލިއުއެޗްއޯގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް މާގަރެޓް ޗާންގެ 10 އަހަރުގެ ދައުރު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެފްރިކާގެ ގައުމުތަކުގައި ފެތުރުނު އެބޯލާ ރޯގާ އަށް ޑަބްލިއުއެޗްއޯ އަށް ފިޔަވަޅު އެޅުން ލަސްވުމުން ޗާން އަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

ވޯލްޑް ހެލްތު އެސެމްބްލީގެ ވޯޓުގެ ކުރިން ޑރ. ޓެޑްރޮސް ވަނީ ކުރިމަގުގައި ބޮޑެތި ރޯގާތަކަށް ޑަބްލިއުއެޗްއޯ އިން ފިޔަވަޅު އެޅުން އަވަސްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަގީރުންގެ ހައްގުތަކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމިއުނިޓީ ހެލްތުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޓެޑްރޮސް ވަނީ އިތިއޯޕިއާގެ ހެލްތު މިނިސްޓަރު ކަމާއި ފޮރިން މިނިސްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. ގްލޯބަލް ފަންޑް ޓު ފައިޓް އޭޑްސް ބޯޑުގެ ޗެއާމަންގެ މަގާމު ވެސް ވަނީ އަދާކުރައްވައިފަ އެވެ.