"ބެހެން ހޯގީ ތޭރީ" އާއި "ރާބްތާ" ރިލީޒްކުރުން ޖޫން 9 އަށް
"ބެހެން ހޯގީ ތޭރީ" އާއި "ރާބްތާ" ރިލީޒްކުރުން ޖޫން 9 އަށް

ރާޖްކުމާރު ރާއޯ އާއި ޝްރޫތީ ހަސަންގެ ރޮމެންޓިކް ކޮމެޑީ "ބެހެން ހޯގީ ތޭރީ" ރިލީޒްކުރުން އެއް ހަފުތާ ފަސްކޮށްފި އެވެ.

ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ ޖޫން 2 ގަ އެވެ. ފަސްކުރީ ޖޫން 9 ގައި ރިލީޒްކުރާ ގޮތަށެވެ.

ފިލްމު ރިލީޒްކުރުން އެއް ހަފުތާ ފަސްކުރިކަން އިއުލާންކުރަމުން، ފިލްމު ޑިސްޓްރިބިއުޓްކުރާ ފަރާތުން ބުނީ މޮޅު ފިލްމަކާ ބަލާފައި ފިލްމު އިޝްތިހާރު ކުރެވިފައިވާލެއް ކުޑަ ކަމަށެވެ. އެހެންވެ ފިލްމު ފަސްކޮށްލީ ބޮޑަށް އިޝްތިހާރު ކުރުމަށް ކަމަށް ބުންޏެވެ.

ކުރިން ކަނޑައެޅި ތާރީހްގައި ރިލީޒްކުރި ނަމަ ބޮކްސް އޮފީހުގައި މި ފިލްމަށް ކުރިމަތިލާން ޖެހޭނީ ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ފިލްމު "ބޭވޮޗް" އާއި ސާގިބް ސަލީމް އާއި ހުމާ ގުރޭޝީގެ ބިރުވެރި ފިލްމު "ދޯބާރާ" އާ އެވެ. ނަމަވެސް މިހާރު ބޮކްސް އޮފީހުގައި މި ފިލްމަށް ވާދަކުރަން ޖެހޭނީ ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަންގެ "ރާބްތާ" އާ އެވެ.

"ރާބްތާ" އަކީ ދެ ވަނަ ފަހަރަށް އުފަންވާ ދެ ލޯބިވެރިންގެ ވާހަކައަކަށް ވާއިރު "ބެހެން ހޯގީ ތޭރީ" އަކީ އަވަށްޓެރިޔާގެ އަންހެންދަރިފުޅަކު ދެކެ ލޯބިވާ ފިރިހެނެއްގެ ވާހަކައެކެވެ. މި ދެ މީހުންގެ ލޯބީގެ ސަބަބުން ދެ ފަރާތުގެ އާއިލާގެ މެދުގައި ޖެހޭ މައްސަލަތަކެއް މި ފިލްމުގައި ފެނިގެން ދާނެ އެވެ.