"ޓިއުބުލައިޓް" އަށް ކުއްޖަކު ހޮވީ 1000 ކުދިންގެ އޮޑިޝަނަކުން
"ޓިއުބުލައިޓް" އަށް ކުއްޖަކު ހޮވީ 1000 ކުދިންގެ އޮޑިޝަނަކުން

ސަލްމާން ޚާން، އަންނަ އީދު ދުވަހު ރިލީޒް "ޓިއުބުލައިޓް"ގައި ކުޑަކުޑަ ފިރިހެން ކުއްޖެއް ކަމަށްވާ މެޓިން ރޭ ޓަންގޫ މުހިއްމު ރޯލެއް އަދާކުރެ އެވެ.

މެޓިން އަށް މި ފިލްމު ލިބުނީ 1،000 ކުދިންގެ އޮޑިޝަނަށް ފަހު، ފިލްމުގެ ރޯލަށް އެންމެ އެކަށީގެންވަނީ މެޓިން ކަމަށް ޑައިރެކްޓަރަށް ގަބޫލު ކުރެވިގެންނެވެ.

"ޓިއުބުލައިޓް"ގައި ސަލްމާން އަދާކުރާ ވަރަށް މައުސޫމް ސާދާ މީހެއްގެ ރޯލު އާއްމުންގެ ލޮލުގައި އަޅައިގަތް ގޮތަށް މެޓިން ވެސް ވަނީ ގިނަ ބަޔަކަށް ފާހަގަ ކުރެވިފަ އެވެ. ފިލްމުގެ ފުރަތަމަ އިޝްތިހާރުގައި ސަލްމާންގެ ކެރެކްޓާއާ ދިމާލަށް ސާޅަނގަޔަކުން މެޓިން ހަމަލާ ދޭތަން ފެނެ އެވެ.

ކުޑަ ކުއްޖަކު ފިލްމުގެ މުހިއްމު ރޯލަކަށް ނެގުމަކީ ހީކުރާ ވަރަށް ވުރެ ބުރަ އަދި ވަރަށް ގިނަ ވަގުތު އެކަމަށް ބޭނުންވާ މަސައްކަތެއް ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"އަހަރެމެން އުޅުނީ ހަ އަހަރުގެ ކުއްޖަކު ހޯދާކަށް ނޫން. އެއީ ކޮންމެ އުމުރެއްގެ ކުއްޖެއް ނަމަވެސް އެ ކުއްޖާގެ ކިބައިގައި އާދަޔާޚިލާފު ގޮތްތަކެއް ހުރި ހުނަރުވެރި ކުއްޖެއް އަހަރެމެން ބޭނުންވީ. އަދި 100 ދުވަހުގެ ޝޫޓިން ކުރިޔަށް ގެންދެވޭ ވަރުގެ ގާބިލްކަމެއް ހުރި ކުއްޖެއް އަހަރެމެން ހޯދީ،" ކަބީރު ބުންޏެވެ.

ކަބީރް ގަބޫލުކުރާ ގޮތުގައި "ޓިއުބުލައިޓް" އަކީ މިހާތަނަށް ސަލްމާންގެ އެންމެ ޚާއްސަ ޕާފޯމަންސް ފެންނާނެ ފިލްމެވެ.

"މި ފިލްމުގެ ބަތަލަކަށް ސަލްމާން ހޮވަން އަހަރެން ނިންމީ މިއީ ކުޑަ ކުއްޖެއްގެ ވަރަށް ބޮޑު ރޯލެއް އޮންނަ ފިލްމަކަށް ވެފައި ސަލްމާނާއި ކުޑަކުދިންނާ އޮންނަ ގުޅުން ވަރަށް ރަނގަޅު ވީމަ. އަހަރެން ހަމަ އުންމީދުކުރި ގޮތަށް ފިލްމު ސެޓުގައި ސަލްމާނާއި މެޓިން އެކަކު އަނެކަކާވަކި ނުކުރެވޭހާ ގާތްކޮށް އުޅުނީ. ބައެއް ފަހަރަށް މެޓިންގެ މަންމަ ވެސް ހުންނަނީ ސަލްމާން އެ ކުއްޖާ ބުނާހާ ކަމެއް ކޮށްދޭތީ ބުނާނެ އެއްޗެއް ނޭނގިފައި،" ކަބީރް ބުންޏެވެ.