25 މެއި 2017 - 06:25

އެއްމާބަނޑު ދެ ކުދިން ކުރިން ލިބިފައިވާ ބޮލީވުޑްގެ ބަތަލާ ސެލީނާ ޖެއިޓްލީ އަނެއްކާވެސް އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ކަމަށް ބުނެފި އެވެ. ސެލީނާ އާއި ފިރިމީހާ ޕީޓާ ހާގަށް މިފަހަރު ލިބޭ ދެ ކުދިން އުފަން ވާނީ އަންނަ އޮކްޓޯބަރު މަހު އެވެ.

ސެލީނާ، 35، އަށް ކުރިން ލިބުނު އެއްމާބަނޑު ދެ ކުދިންނަށް މިހާރު ފަސް އަހަރެވެ.
ސެލީނާ ބުނި ގޮތުގައި އަނެއްކާވެސް އެއްމާބަނޑު ދެ ކުދިން ލިބޭ ކަން އެނގުމުން އެމީހުންނަށް ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް އެމީހުންނަކީ ކުޑަކުދިން ދެކެ ލޯބިވާތީ މި ގޮންޖެހުމާ ވެސް ކުރިމަތިލާން ތިބީ ތައްޔާރަށް ކަމަށް ބުންޏެވެ.
"ނޯ އެންޓްރީ"ގައި ބަތަލާގެ ރޯލު ކުޅުނު ސެލީނާ ބުނީ ރަނގަޅު މަންމައަކާއި ބައްޕައަކަށް ވުމަށް ދެމަފިރިން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށެވެ.
ރެސްޓޯރެންޓް ޗެއިންއެއް ހިންގާ ފިރިމީހާ ޕީޓާއާ އެކު ސެލީނާ ދިރިއުޅެނީ ޑުބާއީގަ އެވެ. ނަމަވެސް ވަރަށް އަވަހަށް އިޝްތިހާރެއް ޝޫޓްކުރަން އިންޑިއާ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން އަނެއްކާވެސް މަސައްކަތް ކުރަން ފަށައިފިން. އެގޮތުން އެޑް ކެމްޕޭނަކަށް ވަރަށް އަވަހަށް އިންޑިއާ އަށް ދާނަން. އަދި ފޮތެއް ލިޔުމުގެ މަސައްކަތް ވެސް އެބަ ކުރަން. އެ ފޮތް އަންނަ އަހަރު ނެރެވޭވަރު ވާނެ ކަމަށް މި ބަލަނީ،" ސެލީނާ ބުންޏެވެ.
ސެލީނާ އަކީ 2001 ވަނަ އަހަރުގެ މިސް. އިންޑިއާ އެވެ. އަދި މިސް. ޔުނިވާސް މުބާރާތުން އޭނާއަށް ހަތަރު ވަނަ ލިބުނެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ ފަރްދީން ޚާން އާއެކު "ޖާނަޝީން" އިންނެވެ. އޭގެ ފަހުން ބައެއް ހިންދީ ފިލްމުތަކުގައި މަސައްކަތް ކުރި އެވެ.
ދަރިން ލިބުނު ފަހުން ވެސް އޭނާ ބައެއް ފިލްމުތައް ކުޅެފައިވެ އެވެ. އަދި ބައެއް ފިލްމުތައް ނުނިމި ވެސް އެބަހުއްޓެވެ.