24 މެއި 2017 - 14:15

ވޮޝިންޓަން (މެއި 24) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަކީ ނިއުކްލިއާ ހަތިޔާރު ހުރި މޮޔައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ޓްރަމްޕް އެހެން ވިދާޅުވެފައި ވަނީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެއާ އެކު މިދިޔަ މަހު ފަހުކޮޅު ފޯނުން ވާހަކަ ދައްކަވަމުން ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ. ޓްރްމްޕް އެހެން ވިދާޅުވެފައި ވަނީ ކިމް ޖޮން-އުންއާ ބައްދަލު ކުރައްވަފާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
"މޮޔަ މީހެއްގެ އަތަށް ނިއުކްލިއާ ހަތިޔާރު ދޫކޮށްފައި ނުތިބެވޭނެ. ނޯތު ކޮރެއާ އަށް ވުރެ ގިނަ ހަތިޔާރު އަޅުގަނޑުމެންގެ އަތުގައި ވެސް އެބަހުރި. އެކަމަކު އެ ހަތިޔާރު ބޭނުން ކުރާކަށް ބޭނުމެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އިން ވަނީ ނޯތު ކޮރެއާ ސަރަހަށް ދެ ނިއުކްލިއާ ސަބްމެރިން އާއި މަނަވަރު ފްލީޓެއް ފޮނުވައިފަ އެވެ.
ކިމް ޖޮން އަކީ ހަމަޖެހޭ މީހެއްތޯ ޓްރަމްޕް އެއްސެވުމުން ޖަވާބުގައި ޑުޓާޓެ ވެސް ވަނީ ނޯތު ކޮރެއާގެ ލީޑަރު ބުއްދި ހަމަނުޖެހޭ ކަމަށް ވިދާޅުވެ އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކުރައްވަފާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވަނީ އުފާވެރި ޚަބަރަކީ ނޯތު ކޮރެއާ އިން ކުރި ހުރިހާ ނިއުކްލިއާ ޓެސްޓެއް ވެސް ފެއިލްވެފައިވާ ކަމަށް ޑުޓާޓެ އަރިހު ދަންނަވައިފަ އެވެ. ޓްރަމްޕް އަދި ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ބިރުވެރިކަން ހުއްޓުވުމަށް ޗައިނާގެ އެހީ ހޯއްދެވުމަށް ޑުޓާޓެ އަރިހުން އެދިވަޑައިގެންފަ އެވެ. ޑުޓާޓެ ވެސް ވަނީ ނޯތު ކޮރެއާ މައްސަލަ ހައްލު ކުރަން އޮތް ކާލާ މަންނަ އަކީ ޗައިނާ ކަމަށް ވިދާޅުވެފަ އެވެ.