ފައިނަލަށް ނުކުންނައިރު ޔުނައިޓެޑް ހިތާމައިގައި
ފައިނަލަށް ނުކުންނައިރު ޔުނައިޓެޑް ހިތާމައިގައި

ސްޓޮކްހޯމް (މެއި 24) – ޔުރޮޕާ ލީގުގެ ފައިނަލުގައި މިރޭ ނެދަލެންޑްސްގެ އަޔަކްސްއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ޔުނައިޓެޑް އޮތީ އެ ކްލަބް ނިސްބަތްވާ ސިޓީގައި ހޯމަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކާ އެކު ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން ޔުނައިޓެޑުން ވަނީ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސް ވެސް ކެންސަލްކޮށްފަ އެވެ. މޮރީނިއޯ ބުނީ އޭނާ އާއި އޭނާގެ ކުޅުންތެރިންނަށް މި ހާދިސާ ސިކުނޑިން ފޮހެލަން އުނދަގޫ ކަމަށެވެ.

"ގެއްލުން ލިބުނު ފަރާތްތަކާއި އެ އެންމެންގެ އާއިލާތައް އަހަރެމެންގެ ހިތާއި ސިކުނޑިން ނެރެލެން ވަރަށް އުނދަގޫ،" މެންޗެސްޓާ ޔުނައިޓެޑުން ކުރި ޓްވީޓެއްގައި މޮރީނިއޯ ބުނެފައިވެ އެވެ.

ޔުނައިޓެޑުގެ ވައިސް ޗެއާމަން އެޑް ވުޑްވަޑް ވިދާޅުވީ މިރޭ އެ ޓީމުން އަދާކުރަން ޖެހޭ ޒިންމާގެ މަތިން ހަނދާން ނުނެތޭ ކަމަށާއި މޮޅުވުމުގެ އަޒުމަށް ބަދަލެއް ވެސް ނާންނަ ކަމަށެވެ. އެކަމަކު ހާދިސާއާ ގުޅިގެން ކްލަބަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި އެންމެން ތިބީ ބަސްހުއްޓިފައި ކަމަށް ވުޑްވަޑް ވިދާޅުވި އެވެ.

"ދަނޑުމަތީގައި ހޯދާ ކާމިޔާބީއަކީ، އަހަރެމެންގެ ސިޓީގައި ކުރަމުންދާ ހިތާމައާ ބަލާއިރު އެއްވެސް އެއްޗެއް ނޫން. މިވަގުތު އަހަރެމެންގެ ހިޔާލުތައް ހުރީ އެކަމަށް،" ވުޑްވަޑް ވިދާޅުވި އެވެ.

މިރޭ ޗެމްޕިއަންކަން ހޯދައިފި ނަމަ ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭނެ އެވެ. ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ލިބިފައިނުވާތީ، ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދަން މިރޭ މޮޅުވުން އެ ޓީމަށް މަޖޫބުރެވެ.

އަނެއްކޮޅުން މިރޭ މޮޅުވެއްޖެ ނަމަ ޔުނައިޓެޑް ވެގެންދާނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގާއި މިހާރު އުވާލާފައިވާ ޔުއެފާ ކަޕްވިނާސް ކަޕް، މި ތިން މުބާރާތް އުފުލާލާ ފަސް ވަނަ ޓީމަށެވެ. އެ ޝަރަފް ހޯދާފައިވާ އަނެއް ހަތަރު ކްލަބަކީ އަޔަކްސް، ޔުވެންޓަސް، ބަޔާން މިއުނިކް އަދި ޗެލްސީ އެވެ.

އަޔަކްސްގެ ކޯޗު ޕީޓާ ބޯޒް ބުނީ މިއީ ދެ ޓީމަށް ވެސް މޮޅެއް ބޭނުންވާ އަދި އެކަމަށް މަސައްކަތް ވެސް ކުރާނެ މެޗެއް ކަމަށާއި އެކަމަކު ހާދިސާގެ ސަބަބުން މެޗަށް ހިޔަނި އެޅިފައިވާ ކަމަށެވެ.

މެންޗެސްޓާ އެރީނާގައި ދިން ހަމަލާގައި ވަނީ 22 މީހުން މަރުވެފަ އެވެ. ބޮން ގޮއްވާލާފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ގްރެންޑެގެ ޝޯ ނިމުނުތަނާ އެވެ.

ސްވިޑަންގެ ސްޓޮކްހޯމްގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.