21 ޖޫން 2016 - 08:01

ފޫހިވާތީ ކާނެ ބޭހެއް ހުރޭތޯ ބައެއް މީހުން މަޖަލަކަށް ނަމަވެސް އަހަ އެވެ. އެކަމަކު ސައިންސްވެރިން މިކަމަށް ފަރުވާއެއް ހޯދަން އުޅެނީއެއް ނޫނެވެ. އެކަމަކު ފޫހިވާ ސަބަބާއި ފޫހިވުމުން ސިކުނޑީގައި ހިނގާ ކަންތައްތައް ދެނެގަންނަން ސައިންސްވެރިން މަސައްކަތްކޮށްފައިވެ އެވެ.
ނިއު ޔޯކް ޔުނިވަސިޓީގެ ރިސާޗަރުން، ސައިކޮލޮޖިކަލް ސައިންޓިސްޓް ޖޯން އީސްޓްވުޑްއާ އެކު ކުރި ދިރާސާއަށް ފަހު ބުނެފައި ވަނީ ފޫހިވަނީ ކަމަކަށް އިންތިޒާރު ކުރަން ޖެހި އެކަމަކު އެ އިންތިޒާރުގައި އިންނަން ބޭނުން ނުވުމާއި ސިކުނޑި އަށް އުފާވެރިކަން ލިބޭ ކަމެއްގައި ޝާމިލުވެ އިނުމުގެ ގާބިލްކަން ވެސް ގެއްލުމުން ކަމަށެވެ.
މި ހުރިހާ ކަމަކާ ގުޅެނީ، ސިކުނޑިން ވަކި ކަމަކަށް ސަމާލުކަން ދީގެން އިނުމާ ބެހޭ ވިއުގަ ރަނގަޅަށް މަސައްކަތް ނުކުރުމާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާގެ ނިއުރޯސައިންޓިސްޓެއް ކަމަށްވާ ޑރ. އިރްވިންގް ބައިޑަމަން ކުރެއްވި ދިރާސާއަކަށް ފަހު ވިދާޅުވެފައި ވަނީ ފޫހިވުމާ ގުޅިފައި ވަނީ ސިކުނޑީގައި އުފެދޭ ކެމިކަލެއް ކަމަށްވާ އޮޕިއޮއިޑްސް ކަމަށެވެ. އެއީ ހިތްހަމަޖެހުމާއި އުފާވެރި އިހްސާސްތަކާ ގުޅޭ ކެމިކަލެކެވެ.
އަލަށް ކަމެއް ކުރާ ނަމަ މި ކެމިކަލް ގިނައިން އުފެދެ އެވެ. އަދި އެ މީހަކު ލޯބިކުރާ ކަމެއް ކުރުމުން ވެސް މި ކެމިކަލް އުފެދެ އެވެ. ދިރާސާއިން އެނގުނު ގޮތުގައި މި ކެމިކަލް އުފެދެން ފެށުމާ އެކު އިތުރަށް ކެމިކަލް އުފައްދަން ބޭނުންވެ އެވެ. މާނަ އަކީ އެ ކެމިކަލް އުފެދުމަށް މެދުވެރިވި ކަމެއް ތަކުރާރުކޮށް ކުރަން ބޭނުން ވުމެވެ. އެކަމަކު އެއް ކަމެއް މާ ގިނައިން ކުރަން ފަށައިފި ނަމަ ސިކުނޑިއަށް އުފާވެރިކަން ގެނެސްދޭ ކެމިކަލް، އެކަމަށް ހޭނި އެއީ މަޖާ ކަމެއް ނޫން ކަމަށް ސިގްނަލް ދޭން ފަށަ އެވެ.
"ފޫހި ނުވެ ހުންނަން ބޭނުން ނަމަ އެންމެ މޮޅު ގޮތަކީ ކުރާ ހިތްވާ ކަމެއް އަދި އެ މީހަކަށް ރަނގަޅަށް މޮޅަށް ކުރެވޭ ކޮންމެވެސް ކަމެއް ކުރުން،" ބައިޑަމަން ވިދާޅުވެފައިވެ އެވެ.
އެހެންވެ ތިމާ އަށް ކުރެވޭ ވަރު ކަމަކައިގެން އުޅުން ނުވަތަ މުޅިން އާ ތަޖުރިބާއެއް ކުރުމަކީ އެންމެ ފަސޭހައިން ފޫހިފިލާނެ ގޮތެވެ.