ލޯތްބަށް މަގޭ އޮތް އިތުބާރު
ލޯތްބަށް މަގޭ އޮތް އިތުބާރު

އަހަންނަށް އެންމެ ފުރަތަމަ ލޯބިވެވެނީ ސިފަދެކެއެވެ. ދެން ބެލެނީ މިޒާޖަށެވެ. ރީތި ފިރިހެނެއް ފެންނައިރަށް އަހަރެންގެ ހިތުގައި އަޖައިބެއް ކަހަލަ މިޔުޒިކެއް ކުޅެވެން ފަށައެވެ. އެ ހިސާބުން، އެ މީހެއްގެ ފަސްފަހަތުން އަހަރެންނަށް ހިނގެން ފަށައެވެ. އޭނައަށް ނޭނގޭހާ ސިއްރުންނެވެ. އަހަރެންގެ ރާޑަރުން އޭނަ ކައްސައިލާނީ އޭނަގެ މިޒާޖުގައި ހުރި ކަމުނުދާ ސިފައެއް އަހަންނަށް ފެންނަ ހިސާބުންނެވެ. އަބަދުވެސް އަހަންނަށް ކަންތައް ކުރެވެނީ އެ ގޮތަށެވެ.

ކުޑައިރުއްސުރެ އަންވަރަކީ އަހަރެންގެ އަވަށްޓެރިއެކެވެ. އޭނަ ނުދެކޭ ހަނދާނެއް އަހަރެން ނުވެއެވެ. ދެކެފަރިތަ ވިޔަސް އަހަރުމެން ދެ މީހުންނަކީ އެކުވެރީންނެއް ނޫނެވެ. ކުޑަމިނުން އެކަކުއަނެކަކަށް އަހަރުމެން ހީނ ވެސް ނުލަމެވެ. ލޯބިވެރިއެއްގެ ނަޒަރުން އޭނަޔާ ދިމާއަށް ނުބެލުނު ސަބަބަކީ އެއީ ކަމުގައި ވެދާނެއެވެ. އޭނައަކީ، ހައިރާންވާ ވަރުގެ ރީތި މީހެއް ނޫނެވެ. ބަސް މަދުކަން އެނގެއެވެ. މިޒާޖެއް ނޭނގެއެވެ. ލޯބިވެރިއަކު ހޯދަން އަހަރެން ނުކުމެ، ކާމިޔާބީތަކާއި ނާކާމިޔާބީތައް ހޯދަމުންދިޔައިރު ވެސް ސިކުނޑީގެ އެއް ކަނުގައި އަންވަރު ފިލާ އިނދެއެވެ. ހަނާއަޅާތަނެއް ނުފެނެއެވެ. އިސްޖަހައިލައިގެން އިންނަކަމެވެ. އަހަރެންގެ ސަމާލުކަން ހޯދާކަށް ވެސް އޭނަ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭނަ ވެސް އުޅެނީއެވެ. އަހަރެން ވެސް އުޅެނީއެވެ. އަހަރުމެން ދެ މީހުންގެ ގެ ހުންނަނީ، ދިގު މަގެއްގެ ދެ ކޮޅުގައެވެ. އަހަރެންގެ ހިތް ބައެއް ފަހަރު އަހައެވެ. އަހަރެން ކައިވެނިކުރާނީ އަންވަރާ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ބުނަމެވެ. އަހަންނަށް ކަމުދާ ސިފައެއް އޭނަގެ ނެތެވެ. އޭނައަކީ ގޯސް މީހެއް ނޫނެވެ. ގަޔާވާ މީހެއް ވެސް ނޫނެވެ.

ތަޤުދީރު ނިޔާކުރި ގޮތުން އަހަރުމެން ދެ މީހުންނަށް ވަދެވުނީ އެއް އޮފީހަކަށެވެ. އޭރު އަހަރުމެންގެ އުމުރުން ސައްބީހަކަށް އަހަރު ވެދާނެއެވެ. ކުރިން ވަނީ އަހަންނެވެ. އަހަރުމެން އުޅެންޖެހުނީ އެއް ޑިޕާޓުމެންޓެއްގައެވެ. އަހަރުމެންނަކީ އަވަށްޓެރީންކަން އަހަރުމެންނަށް އެނގެއެވެ. ރައްޓެހިކަން އޮންނާން ޖެހޭނެކަން ވެސް އެނގެއެވެ. އެކަމަކު، ނެތެވެ. އަހަރުމެން އެކަކުއަނެކަކާ ދަންފަޅި ބަދަލުކުރަމެވެ. އަނގައިން ބުނަންޖެހޭ ހަމައެކަނި ދަނޑިވަޅަކީ އެއީއެވެ. ފަހުން ވާހަކަދައްކަން ނުކެރެނީ ކީއްވެގެން ހެއްޔެވެ؟ އޮފީހުގެ އެހެން މީހުންނާ ސަމާސާކޮށް ހަދާއިރު ވެސް، އަހަންނާއި އަންވަރާ ދެމެދު އޮންނަނީ "ރަސްމީ" ގުޅުމެކެވެ.

އަންވަރު އޮފީހަށް ވަންތާ ދެ މަހެއް ފަހުން އަހަރުމެން ދެމީހުން އަޅުވައިކިޔަން ފެށިއެވެ. އެ ކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތީހެވެ. އަހަރެންނަކީ އަންވަރާ އަޅުވައިކިޔަންޖެހޭ އެންމެ ފަހު މީހާއެވެ. އަހަރުމެންނަށް އުޅެވުނީ އެހާ ވެސް "ދުރުގައެވެ." އެހެންނަމަވެސް، ވަރަށް ކުދިކުދި ކަންތައްތައް ބޮޑުކޮށްގެން އެކުވެރީން ސަމާސާކުރާން ފެށިއެވެ. އަހަރުމެން އަޅައެއްނުލަމެވެ. ރަނގަޅުވާނީ އޭރުން ކަމުގައި އަހަރުމެން ދެ މީހުންނަށް ވެސް ހީވިއެވެ. އެކުވެރީން ކިޔާ އެއްވެސް އެއް×ޗަކަށް އަހަރުމެން ރައްދެއް ނުދެމެވެ. އެއްވެސް ކަމަކަށް ނަހަދަމެވެ. އެކަމަކު، ކަން އޮތީ އެހެން ހެއްޔެވެ؟ އެ ސުވާލު އަހަރެންގެ ހިތާ ކުރީ ޚުދު އަހަންނެވެ. އަޅުވައިކިޔުން ވެގެންދިޔައީ، ހަމަ ޙަޤީޤަތުގައި ވެސް ފަންޑިތައަކަށް ނޫންބާއެވެ؟

އަންވަރަކީ ބުޅި އިސްތަށިގަނޑެއްގެ ވެރިޔެކެވެ. އަހަންނަށް ރީތީ ފަން އިސްތަށިގަނޑެވެ. އެކަމަކު، ބުޅި އިސްތަށިގަނޑު މަޑުމަޑުން ރީތިވާން ފެށިއެވެ. އަހަންނަށް ކަމުދަނީ ވަރުގަދަކޮށް ތިބޭ ފިރިހެނުންނެވެ. އަންވަރު ހުންނަނީ ހިކިކޮށް، ދިގުކޮށެވެ. އެ ސިފަޔާ އަހަރެން ގަޔާވާން ފެށިއެވެ. އަހަންނަށް އެންމެ ރީތި ކުލައަކީ ސާފު ހުދުކުލައެވެ. އެހެންނަމަވެސް، ކަޅުކުލަ ރީތިވާން ފެށިއެވެ. ދިމާ އިދިކޮޅެވެ. އަންވަރު ގިނައިން ލަނީ ކަޅުކުލައިގެ ގަމީހެވެ. އަހަރެންގެ ހުއްދަ ނުދީ ހުއްޓައި، ނުވެސް ދެނެހުރި ހުއްޓައި އަހަރެންގެ ވިސްނުން ބަދަލުވިއެވެ. ނުވަތަ ބަދަލުކޮށްލިއެވެ. ކަން ކުރީ ކާކުކަން ވެސް ނޭނގިއެވެ. ފަހަރެއްގައި ވެދާނެއެވެ. އެ ބަދަލު އަހަރުމެންނަށް އައީ އެކުއެކީގައެވެ. ކޮންމެ މީހަކު ވެސް ހީކުރީ އަނެކަކު އެ ނަޒަރުން ނުދެކޭ ކަމަށެވެ. އަހަރެން ހިތަށްއެރިއެވެ. އެއްފަހަރު ވެސް އަންވަރު ލޯބި ހުށައެޅި ނަމަ ވަގުތުން ގަބޫލުކުރީމުހެވެ. އަންވަރު ހިތުގައި އޮތީ ވެސް އެހެން ކަމުގައި ވެދާނެއެވެ. އެއީ ހީއެކެވެ. ނަތީޖާއަކަށްވީ، އަހަރެންގެ ލޯތްބަށް ދިރުން ނުލިބުމެވެ. ޖަޒުބާތުގެ ހުޅުގަނޑު ފަޅައިގެންދާން ފުރުޞަތު ނުލިބުމެވެ. އެހެން ހުއްޓައި، އަހަރުމެންނަކީ ހަމައެކަނި އަވަށްޓެރީން ކަމުގައި އަންވަރު ބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ލޯބިވެރިޔެއް ހުންނަ ކަމުގައި އަހަރެން ބުނީ ކީއްވެގެން ހެއްޔެވެ؟ ވެދާނެއެވެ. އެކުވެރީންގެ އަނގަދަށުވާން އަހަރުމެން ދެ މީހުން ވެސް ބޭނުން ނުވީއެވެ. އެކަމަކު އެއީ އަހަރުމެންގެ މަގު ދެކަފިކޮށްލި ސަބަބެވެ.

ލޯބިވެރިޔެއް ހުރިކަމަށް އަހަރެން ހެދުނު ފަހުން، އަންވަރުގެ މިޒާޖަށް ބަދަލުތަކެއް އައެވެ. އެހެން މީހަކަށް އެ ކަން ފާހަގަ ނުވިޔަސް އަހަންނަށް ފާހަގަވިއެވެ. އަހަރެން ހުންނަ ތަންތަނުގައި އޭނަ ނުހުންނަން ފެށިއެވެ. މަދު ފަހަރަކު ހުއްޓަސް، ކުރިން އަންވަރަށް ވާ "އުނދަގޫ" ފަހަކުން ނުވެއެވެ. އަހަންނަށް ހީވިއެވެ. އެ ހިތުގައި އަހަންނަށް މަޤާމެއް ދީފައިއޮތް ނަމަ ވެސް އެ މަޤާމު ހުސްވެއްޖެއެވެ. އެ ކަން ކަށަވަރުވީ ނަޔާޝީނަށް އެ ޖާގަ ދިނުމުންނެވެ. ނަޔާޝީނަކީ ވެސް އަހަރުމެންގެ އޮފީހުގައި އުޅުނު ކުއްޖެކެވެ. އަހަރެންގެ ގާތް އެކުވެރިއެކެވެ. ހިތާމައަކީ، އަންވަރުދެކެ ލޯބިވާ ވާހަކަ، އެކަކު ގާތުގައި ވެސް އަހަންނަށް ނުބުނެވުނުކަމެވެ.

އަންވަރާއި ނަޔާޝީން ކައިވެނި ކުރިއެވެ. އެ ޙަފުލާއަށް އޮފީހުގެ ގިނަ ބަޔަކަށް ދަޢުވަތު ދިނެވެ. ޚުދު ނަޔާޝީން އަހަންނަށް ގުޅިއެވެ. އެ ތަނަށް ދާކަށް އަހަރެން ކުޑަކޮށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު ދަޢުވަތު ގަބޫލުކުރީމެވެ. ދިޔައީމެވެ. އަހަރެންގެ ހިތުގައި އަންވަރާ ދޭތެރޭ އެއްވެސް އެއްޗެއް ނެތްކަމަށް ހެދިގެން އުޅުނީމެވެ. އެއްޗެއް އޮންނަންވީ ވެސް ކީއްވެ ހެއްޔެވެ؟ އަންވަރަކީ އަހަންނަށް ކަމުގޮސްގެން ވާނެ ކަހަލަ ރަހައެއް ނޫނެވެ. އެކަމަކު، އެ ދެ ލޯބިވެރިން ފެނުމުން އަހަރެންގެ ހިތަށް ކިހާ ތަދުވި ހެއްޔެވެ؟ އެ ތަން ނުބަލަން އަހަރެން ކިހާ ބޭނުންވި ހެއްޔެވެ؟ ބައެއް ފަހަރު ހިތަށްއެރިއެވެ. އަހަންނާ ދިމާއަށް ނަޔާޝީން ބެލީ މަލާމާތުގެ ބެލުމަކުންނެވެ. ބުނާ ކަހަލައެވެ. ނުލިބުނީ ކިހާ ވަރެއްގެ ނަސީބެއްކަން އެނގޭ ހެއްޔެވެ؟ ހީނހީނފައި، އެންމެންނާ އެކުގައި ފޮޓޯ ނަގައިފައި އެ ތަނުން އަހަރެން ނުކުތްއިރު ކޮންމެ މީހަކަށް ވެސް ހީވާނީ އަހަރެންގެ ހިތުގައި އަންވަރާ ދޭތެރޭ އެއްވެސް އެއްޗެއް ނެތްހެންނެވެ.

ގެއަށް އައިސް އަހަރެން ވަރަށް ގިނައިރު ރުއީމެވެ. ވަރަށް ހިތުގަޖެހުނެވެ. ކިތަންމެ ހެއްވާކަމަކަށް ވިޔަސް ވެހެވެ. އެއްވެސް ކުށެއް ނެތަސް ނަޔާޝީން ދެކެ އަހަންނަށް ވަރަށް ރުޅިއާދެވުނެވެ. ލޯތްބަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ކުރިން ގަޔާނުވި މީހަކު ދެކެ ފަހުން ލޯބިވެވުނީ ކީއްވެ ހެއްޔެވެ؟ ލޯބިވިއިރު އެ ވާހަކަ ބުނަން ނުކެރުނީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހެއްގެ ފިރިއަކަށް ވުމުން އޭނަމަތިން ހަނދާން ނައްތައި ނުލެވެނީ ކީއްވެގެން ހެއްޔެވެ؟ އަންވަރަކީ އަހަރެންނާ ވަރަށް އޮޅުވި ދޫންޏެކެވެ. މުށަށް ލެވުނީހެވެ. ހައްޔަރު ކުރެވުނީހެވެ. އަންވަރު އެހެން އަންހެނެއްގެ ތަންމަތި ފަޅުފިލުވައިދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވިޔަސް އެ ކަން ވާނެއެވެ. އެ ޙަޤީޤަތް އަހަރެންގެ އަރަކުން ނުދިރުނެވެ. އޭނަގެ އެކިއެކި ހަނދާންތައް އަހަރެންގެ ސިކުނޑީގައި ފިޔަޖަހަން ފެށިއެވެ. އެވެނި ދުވަހަކު ކުރި މިވެނި ކަންތަކެވެ. ބުނި އެވެނި އެއްޗެވެ. ނިދަން އޮތްއިރު އަހަންނަށް ވިސްނެނީ އެ ދެމަފިރިން ވަގުތު ހޭދަކުރާނެ ގޮތެވެ. ކުރާނެ ސަމާސާއާއި ދައްކާނެ ވާހަކަތަކެވެ. އަންވަރާ ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރެންގެ ހިތުގައި ޙަސަދަ ނުލައި، ނަޔާޝީންގެ މޫނަކަށް އަހަންނަކަށް ނުބެލޭނެއެވެ. އަހަރުމެން ތިން މީހުންނަށް އެއް އޮފީހަކު ދެނެއް ނޫޅެވޭނެއެވެ. އަހަރެން ޖެހޭނީ ކެނޑޭށެވެ. އެހެން މީހެއްގެ ފިރިއެއްގެ ހައިސިއްޔަތުން އަންވަރުގެ މޫނަކަށް އަހަންނަކަށް ނުބެލޭނެއެވެ. ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން ފުރޮޅެނިކޮށް ދަންވަރު ދޭއްޖެހިއެވެ. އިރުކޮޅަކުން އަހަރެންގެ ފޯނު ދިއްލެން ފެށިއެވެ. ފޯނަށް ބަލައިލި ވަގުތު އަހަރެންގެ ދެ ލޯ ބޮޑުވެގެންދިޔައެވެ. އެ ރޭގެ، އެ ގަޑީގައި އަންވަރުގެ ކޯލެއް އަންނަންވީ ކީއްވެ ހެއްޔެވެ؟ އަލަތު ކައިވެނީގެ ފުރަތަމަ ރެއެވެ. އަހަރެންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ނޫނެކެވެ. ހިތް ބުންޏެވެ. އަހަރެން ފޫހިވާ ކަހަލަ ކަމެއް ނުކުރައްޗެވެ.

"ހަލޯ!" އަހަރެން ބުނީމެވެ.

"ނަޔާޝީނަށް ކިހާ ބޮޑު ދެރައެއް ތި ދިނީ،" ވައިއަޑުން އަންވަރު ބުންޏެވެ. "ދެން ވެސް ބުނެބަލަ ލޯބިވެޔޭ!"

ކުއްލިއަކަށް އަހަންނަށް ފޯނު ކަނޑައިލެވުނެވެ. އަންވަރު އަނެއްކާ ގުޅިއެވެ. އެއް ފަހަރު އަހަރެން ފޯނަށް ބަލައިލީމެވެ. ދެން ފޯނު ބޭއްވީ ބަންޑުންނެވެ. ފިނިވެފައި، ގަނޑުވެފައި، ގަބުވެފައި އަހަރެން އޮތީމެވެ. ކަންފަތަށް ހުރީ ބޫންއަޑެއް އަރައިފައެވެ. ހިތުގައި ވިންދު ޖަހާކަމެއް އަހަންނަކަށް އިހުސާސެއް ނުވެއެވެ.

ހޭލެވުނީ ހެނދުނުއެވެ. ނިދުނުއިރެއް ނޭނގެއެވެ. ގަޑި ބަލައިލަން ފޯނަށް ބަލައިލިއިރު އަންވަރުގެ ތިރީސް ހަތަރު ކޯލު އައިސްފައި އޮތެވެ. ވީ ގޮތް ހަނދާންވީ އެ ހިސާބުންނެވެ. އަހަރެންގެ ސިކުނޑި ލުއިކަމުން ހީވަނީ ކުކުޅުފަތެއްހެންނެވެ.

އޮފީހުގެ ދޮރުމަތިން އަންވަރާ ދިމާވިއެވެ. ގާތުގައި ނަޔާޝީން ހުއްޓެވެ. އަންވަރު ހިނިތުންވެލަން މަސައްކަތްކަތް ކުރިއެވެ. އަހަންނަށް އެ ވަރު ވެސް ނުވިއެވެ. ފޫހިވިލެއް ބޮޑުކަމުންނެވެ. އަހަރެން އޮފީހަކުން ނުކެނޑެމެވެ. އަންވަރު ފެނުނަސް އެއްވެސް އުނގުލެއް ނުވެއެވެ. ދެރައެއް ވެސް ނުވެއެވެ. ހިތުގައި ޙަސަދަ ނުލައި، ނަޔާޝީންގެ މޫނަށް ވެސް އަހަންނަށް ބެލުނެވެ. އޭނަޔަށް ޓަކައި އަހަރެންގެ ހިތުގައި އުތުރިއެރީ ހަމްދަރުދީއެވެ. ހިތަށްއެރިއެވެ. ހުރިހައި ވެސް އެއްޗަކީ ހިތެވެ. ކަން އޮތީ ކުރީން ވެސް އޮތް ގޮތަށެވެ. އަންވަރަކީ މީހެއްގެ ފިރިއެކެވެ. އަހަރުމެން ތިން މީހުން ވެސް އުޅުނީ އެއް އޮފީހެއްގައެވެ. ބަދަލުވީ އަހަރެންގެ ވިސްނުމެވެ. އަހަރެން ދެކޭ ގޮތެވެ. އަހަންނަކީ ހަމަ ކުރީގެ ވެސް އަހަންނެވެ. އެކަމަކު އަހަންނަށް އެންމެ ފުރަތަމަ ލޯބިވެވެނީ މިޒާޖު ދެކެއެވެ. ސިފަދެކެއެއް ނޫނެވެ. އެއީ އަލަށް އެނގުނު ކަމެކެވެ.

ނިމުނީ