21 ޖޫން 2016 - 07:51

އޭނާ ލޯ ހުޅުވިކަން ކަށަވަރެވެ. އެކަމަކު ތަނެއް ނުފެނެ އެވެ. އަނދިރިކަމެވެ. ދެ އަތާއި ދެ ފައި ވެސް ވަނީ އައްސާފައިކަން ޔަގީންވި އެވެ. ހަތަރެސްފައި ތަޅުވާލެވޭ ވަރެއް ވެސް ނުވި އެވެ. އޭނާ ހަޅޭއްލަވަން މަސައްކަތްކުރި އެވެ. އެކަމަކު އަނގަމަތީގައި ހުރީ ޓޭޕް އަޅައިފަ އެވެ.
ހައިރާންވެ އަންތަރީސް ވެއްޖެ އެވެ. ބިރުން ގޮސް ހަލާކުވެއްޖެ އެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ އެންމެ ފަހުން އެރީ ޓެކްސީއަކަށެވެ. ދާންވާ ތަން ބުންޏެވެ. އިންތިޒާރުގައި ހުންނާނީ ކާކުކަން ވެސް އެނގެ އެވެ. އެކަމަކު އެމީހާއާ ބައްދަލެއް ނުކުރެވުނެވެ.
އަނެއްކާ... އޭނާގެ ހިތަށްއަރަން އުޅުނީ މިއީ އޭނާގެ ލޯބިވެރިޔާގެ އަމަލެއް ކަމަށެވެ. ނަމަވެސް އެހެންނެއް ނުވާނެ އެވެ. އެއީ އެއަށް ވުރެ އޭނާ ދެކެ މާ ލޯބިވާ، މާ ތެދުވެރި އަދި އޭނާއާ ހެދި މާ ބޮޑަށް އުޅޭ މީހެކެވެ. މިއީ މުޅިން އެހެން ކަމެކެވެ.
ދޮރެއް ހުޅުވުނު އަަޑު އިވުނެވެ. ފިޔަވަޅުތަކެއް، އޭނާއާ ކައިރަށް ޖެހެމުން އަންނަ އަޑު ވެސް އިވެން ފެށި އެވެ. އެއީ އެންމެ މީހެއްގެ ހިނގުން ނޫންކަން އެނގުނެވެ. އެ މީހުން މިހާރު ހުއްޓި އެ ތިބީ އޭނާގެ ކުރިމަތީގައި ކަން ވެސް އިހުސާސްވި އެވެ.
މޫނު މަތީގައި އަޅާފައި އޮތް ފޮތިގަނޑު ނެގި އެވެ. އޭނާ ކުރިމައްޗަށް ބަލައިލި އެވެ. ގޮނޑިއެއްގައި، ހަމަ އޭނާގެ ކުރިމަތީގައި އިށީދެ އިނީ، ހުސް ކަޅު އެއްޗެހިން ނިވާވެގެން އިން ފިރިހެނެކެވެ. ކަޅު ޓީޝާޓަކާއި، ކަޅު އަންގި އާއި ކަޅު ޖިންސެވެ. މޫނާއި ބޯ ނިވާކޮށްފައި ވަނީ ކަޅު ކުލައިގެ ކޯރިއަކުންނެވެ. ދެ ލޯ ފެންނަ ގޮތަށް ކަނޑާފައިވާ ދެ ލޯވަޅު ނޫން އެހެން ކެނޑުމެއް ނެތެވެ.
ކުރިމަތީގައި އިން މީހާގެ އިތުރުން އޭނާގެ ދެ ފަރާތުގައި ހަށިގަނޑުން ވަރުގަދަ ދެ މީހަކު ވެސް، ހަމަ އެއް ކަހަލަ އެއްޗެހި ލައިގެން ތިއްބެވެ.
"އިންސާފުގެ ޗެމްބަރަށް މަރުހަބާ،" ކުރިމަތީގައި އިން މީހާގެ އަޑު މުޅި ތަނަށް ފެތުރުނެވެ. އޭނާ އެ ވާހަކަ ދައްކަނީ މައިކެއް ބޭނުންކޮށްގެންކަން އެނގުނެވެ. އަދި އަޑު ވެސް އެހެރީ ކޮންމެވެސް ގޮތަކަށް ބަދަލުވެފައި ކަން ސާފެވެ. އެވަގުތު އޭނާގެ އަނގަ މަތީގައި އަޅާފައި ހުރި ޓޭޕް، އަރިމަތީގައި ތިބި މީހުންގެ ތެރެއިން އެކަކު ނައްޓާލި އެވެ. ކުއްލިއަކަށް އޭނާ އަށް ފުން ނޭވާއެއް ލެވުނެވެ.
"ތިއީ ކޮން ބައެއް؟ މިއީ ކޮން ތަނެއް؟" ހަމަ އެ ނޭވާގައި އެހެން ބުނެވުނު އިރު އަޑުގައި ވަނީ ބިރުވެރިކަމެވެ.
އޭނާގެ ނަމަކީ ސާދިޔާ އިބްރާހިމެވެ. އުމުރަކީ 39 އަހަރެވެ. ފިރިމީހާ މަރުވުމުން ހުވަފަތްވެފައި އިންނަތާ ހައެއްކަ މަސް ވެއްޖެ އެވެ. އެކަމަކު ފިރިމީހާގެ މުއްސަނދިކަމުން އޭނާގެ ދިރިއުޅުން ވަނީ ނަގާ ކޮޅަށް ޖަހައިފަ އެވެ. ދުނިޔޭގެ ނިކަމެތިކަމުގެ ފިކުރެއް އޭނާގެ ނެތެވެ. އެހެން މީހަކަށް ބަރޯސާވާން ޖެހޭ ކަމެއް ވެސް ނެތެވެ.
އެއީ ނުހަނު އުފަލުގައި ދިރިއުޅެމުން އައި ސާދިޔާ އެވެ. އެކަމަކު މިއަދު އެ އިނީ ބައެއްގެ އަތްދަށުގައި ހައްޔަރުވެ، ވާނުވާ ނޭނގިފަ އެވެ.
"އަހަރެމެން ތިން މީހުންނަކީ...ހޫމް...އާ...ކުރުކޮށް ބުނަމާ. އިންސާފު ހޯދައިދޭ ތިން ދިވެހިން،" ކުރިމަތީގައި އިން މީހާ ބުންޏެވެ.
"ކޮން އިންސާފެއް؟ އަހަރެން ކީއްކޮށްގެން މިތަނަށް ގެނައީ؟ އަހަންނާ ބެހެންތަ ތި އުޅެނީ؟ ފައިސާ ބޭނުންވެގެންތަ؟" ސާދިޔާ އަވަސްއަވަހަށް، ބާރަށް ނޭވާލަމުން ބުންޏެވެ.
"ކަލޭ އަތުގައި އަހަރެމެން ބޭނުންވާ ފައިސާއެއް، މުދަލެއް ނުހުންނާނެ. އެކަމަކު ކަލޭ އެބަ ޖެހޭ މި ތަނުގައި ބައެއް ވާހަކަތައް ކިޔައިދޭން. އެއަށް ފަހު އިންސާފު ލިބޭނެ،" ކުރިމަތީގައި އިން މީހާ ބުންޏެވެ.
"މިއީ އިންސާފުތަ؟ މީހަކު ވަގަށް ނައިގެން ނޫންތަ ތި އުޅެނީ؟ މިއީ އަންހެނެއް، ތިއީ ތިން ފިރިހެނުން، ކޮބާ ލަދު؟" ވާން އުޅޭ ގޮތް ސާދިޔާ އަށް ނޭނގުމާ އެކު އޭނާ ގާތަށް ރުޅިއަ އެވެ.
"ލަދު...." ކުރިމަތީގައި އިން ފިރިހެންމީހާ ކުޑަކޮށް ހޭން ފެށި އެވެ.
"އޮޕަރޭޝަން ފަށަމާ،" ހުނުން ހުއްޓާލުމަށް ފަހު ބުންޏެވެ. އެއާ އެކު ސާދިޔާގެ ކަނާތް ފަރާތުގައި ހުރި މީހާ ހިނގައިގަތެވެ. އޭނާ ދިޔަ ދިމާއަށް ސާދިޔާ ބަލައިލި އެވެ. އެމީހާ ގޮސް ފާރު ކައިރީގައި ހުރި ދަގަނޑު ކުޑަ މޭޒަކާއި، ފާރުގައި ހަރުކޮށްފައި ހުރި ބޯޑަކުން، ކުޑަ މަރުތޭލަކާއި ދެ ވައްތަރެއްގެ ދެ ދަތްކެނޑިއަކާއި ބޮޑު ކަޓަރެއް ނެގި އެވެ.
ސާދިޔާގެ ކުރިމަތީގައި މޭޒު ބަހައްޓާ އެއްޗެހިތައް އަތުރާލި އެވެ. އެވަގުތު އޭނާގެ ވާތް ފަރަތުގައި ހުރި މީހާ އަތް މޮހެލި އެވެ. އޭނާގެ ކަނާތުގެ އަތް ތިލާގައި ހިފިލެއް ބާރުކަމުން ސާދިޔާ އަށް ހަޅޭއްލަވައިގަނެވުނެވެ. އެކަމަކު އެއްވެސް ހުއްޓުމެއް ނެތި އަތް ގެނެސް، މޭޒު މަތީގައި ބޭއްވި އެވެ. މޭޒު ބެހެއްޓި މީހާ ސާދިޔާގެ ވާތުގައި ހިފާ، ހަރަކާތެއް ވެސް ނުގަނެވޭ ވަރަށް ހިފަހައްޓާލި އެވެ.
ސާދިޔާ އަށް ވަމުން ދިޔަ ތަދުން ކުއްލިއަކަށް ރޮވެން ފެށުނެވެ. މުޅި ތަނުގައި ފާޑަކަށް އެ އަޑު އެކޯވާން ފެށި އެވެ. އޭނާގެ މޫނުމައްޗަށް ކުރިއަށް ވުރެ ބޮޑު ބިރުވެރިކަމެއް ފެތުރި ދެ ލޯ ބޮޑުވި އެވެ.
ގޮނޑީގައި އިން މީހާގެ އިންތިޒާރުގައި އަނެއް ދެ މީހުން ތިބި ކަހަލަ އެވެ. އޭނާ ގޮނޑިން ތެދުވެ، މަޑުމަޑުން ސާދިޔާގެ ކުރިމައްޗަށް ހުއްޓި، ދެ ކަކޫ މައްޗަށް ތިރިވި އެވެ. އޭނާގެ ދެ ލޯ ސާދިޔާ އަށް ރަނގަޅަށް ފެނުނެވެ. މަޑު ނޫ ކުލައިގެ ދެ ކަޅިއާ ދިމާއަށް ސާދިޔާގެ ނަޒަރު ހުއްޓާލެވުނެވެ.
"އަހަރެން ދޫކޮށްލާ! ޕްލީސް...ޕްލީސް...." ސާދިޔާ ކުއްލިއަކަށް އާދޭސްކުރަން ފެށި އެވެ. އޭރު ކަޓަރުގެ ތިލަ ނެރެ ބާރުކޮށްލަނީ އެވެ. ދެން ސާދިޔާގެ ކަނާތު އަތްތިލައިގެ ކުޑަވައި އިނގިލީގައި މަޑުމަޑުން އެ މީހާ ހިފާލި އެވެ. ކަޓަރު ގެނެސް އިނގިލީގެ ބުޑުގައި މަޑުމަޑުން ޖައްސާލި އެވެ.
"ނޫން...ނޫން...ޕްލީސް...ތިހެން ނުހަދާ...." ސާދިޔާގެ ރުއިން ބާރުވަމުން ދިޔަ އެވެ.
"ދެ ވާހަކައެއް ބުނެލާނަން، ރަނގަޅަށް އަޑުއަހާތި! ފުރަތަމަ ވާހަކަ، ކިތައްމެ ވަރަކަށް ރުޔަސް، ހަޅޭއްލެވިޔަސް މިތަނުން ބޭރަކަށް އަޑެއް ނުދާނެ. ދެވަނަ ވާހަކަ، ކަލޭގެ ރުއިމަކުން، ކަރުނަޔަކުން އަސަރެއް ކުރާނެ މީހަކު މިތާކު ނެތް!"
އެކަމަކު ސާދިޔާގެ ރުއިމަކަށް ހުއްޓުމެއް ނަ އެވެ. އޭނާ އަށް ހުއްޓާލެވޭކަށް ވެސް ނެތެވެ. އެ އުޅެނީ އޭނާގެ އިނގިލި ބުރިކޮށްލަން ވެގެންނެވެ. އެއީ ކުޑަ އަނިޔާއެއް ނޫނެވެ. އޭނާގެ ބޮލަށް އެނބުރުންގަނޑެއް އަރައިގެން ދިޔަ އެވެ.
"ކަލެ އަށް އޮތީ އަހަރެމެން ބުނާ ކަމެއް ކުރުން. ފުރަތަމަ ކަމަކީ މީގެ ނުވަ މަސް ކުރިން މަރުވީ ކާކުކަން ބުނެދިނުން،" ސާދިޔާގެ ކަރުނަ ފައިބަމުން ދިޔަ ލޮލާ ދިމާއަށް ބަލަން އިނދެ އެ މީހާ ބުންޏެވެ.
ސިކުންތެއް ވެސް ނުނެގި އެވެ. އޭނާ އަށް އެއީ ކާކުކަން އެނގުނެވެ.
"އަހަރެންގެ ދޮންދަރި ހައިދަރު،" ސާދިޔާ ބުންޏެވެ.
"ކީއްވެ މަރުވީ؟" އެ މީހާ ސުވާލުކުރި އެވެ.
"ދެ ދުވަހު ހޮޑުލައި، ބަލިވެ އުޅެފައި،" ސާދިޔާ ޖަވާބުދިނެވެ.
"ކީއްވެ ބަލިވީ؟"
"ނޭނގެ...ހަމަ ކުއްލިއަކަށް ހޮޑުލާން ފެށީ...." އޭނާ ބުންޏެވެ.
"ހޮސްޕިޓަލަށް ނުގެންދިޔައީ ކީއްވެ؟" އެ މީހާ ސުވާލުކުރި އެވެ.
"އެއީ...ހައިދަރު ބޭނުމެއް ނުވާނެ ޑޮކްޓަރަށް ދައްކާކަށް...." ސާދިޔާ އަށް ބުނެވުނެވެ.
"އެ ކުއްޖާ ބޭނުންނުވިޔަސް ކާކު ދެން ހުރީ އޭނާ ހޮސްޕިޓަލަށް ގެންދަން؟"
އެ ސުވާލަށް ދޭނެ ޖަވާބެއް ސާދިޔާގެ ސިކުނޑިއަކަށް ކުއްލިއަކަށް ނަ އެވެ.
"އެކަކު ވެސް ނެތް، އަހަރެން އެކަނި...." އެއްބަސްވާ ފާޑަކަށް ސާދިޔާ ބުންޏެވެ.
"ހައިދަރުގެ ކަރުން ލޭ އައިތަ؟"
"އާނ... ވަރަށް ބައިވަރު،" އެއްބަސްވުން ނޫން އެހެން ގޮތެއް އޭނާއަކަށް ނުފެނުނެވެ.
"ދެން ވެސް ހޮސްޕިޓަލަށް ގެންދަން ނޫޅުނީ ކީއްވެ؟" އިނގިލީގެ ހަންކޮޅު ދާ ވަރަށް ކަޓަރު ބާރުކޮށްލަމުން އެމީހާ ސުވާލުކުރި އެވެ. އެއީ ދޮގެއް ހަދާފާނެތީ އިންޒާރެއް ދިނުމުގެ ގޮތުން ކުރި ކަމެއް ކަން ސާދިޔާ އަށް ވިސްނުނެވެ. އެހެންކަމުން އޭނާ އަށް ދޮގެއް ހެދޭކަށް ނެތެވެ. ދެން އިތުރަށް އޭނާ އަށް ދެއްކެން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ އެ ކުށަށް އެއްބަސްވާންވީ ހެއްޔެވެ؟ އެއްބަސްވެއްޖެ ނަމަ އޭނާ ސަލާމަތްވާނެ ހެއްޔެވެ؟ މިއިން ސުވާލެއްގެ ޖަވާބެއް އޭނާއަކަށް ކުއްލިއަކަށް ނުވިސްނުނެވެ.
"އިނގިއްޔެއް ބުރިވުމަކީ ކުޑަ ވޭނެއް ނޫން، އެކަން ހަނދާންކޮށްދެން،" ސާދިޔާ އަށް ހުއްޓުން އަރައި އަދި ވެފައި އިން ގޮތް ފެނިފައި އެ މީހާ ބުންޏެވެ.
"އަހަރެން ބޭނުންވީ ހައިދަރު މަރުވާން...." ސާދިޔާ އެންމެ ފަހުން ބުންޏެވެ. ދެން އޭނާގެ ރުއިން ކުއްލިއަކަށް ބާރުވި އެވެ. ބައެއްގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް އޭނާ އެ ކުށަށް އެ އެއްބަސްވީ އެވެ. ނުލާހިކު މޮޅަށް ރާވައި، ނުލާހިކު ރަނގަޅަށް ހުރިހާ ކަމެއް ނިމި، ނުވަ މަސް ވެއްޖެ އެވެ. ޑޮކްޓަރުންނަށް ޝައްކުވި ކަމެއް ނެތެވެ. ފުލުހުންނަށް ކުރެވުނު ތަހުގީގެއް ވެސް ނެތެވެ.
ސާދިޔާ ހީކުރީ ހައިދަރުގެ މަރު މުޅި އުމުރަށް ވަންހަނާވީ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ނުވެސް ދަންނަ ތިން މީހެއްގެ ކުރިމަތީގައި އޭނާ އެ އެއްބަސްވީ އެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ދެން އޭނާ ދައްކަންވީ ކޮން ވާހަކައެއް ހެއްޔެވެ؟
ކުރިމަތީގައި އިން މީހާ، ތެދުވެ، މޭޒު މަތީގައި ކަޓަރު ބޭއްވި އެވެ. މަޑުމަޑުން ގޮސް ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.
"މި ތިބީ އަޑުއަހަން. ހައިދަރުގެ ވާހަކަ، ދޮގެއް ނެތި، ކިޔައިދީ!" އެ މީހާ އަމުރުކުރި އެވެ.
ސާދިޔާ އަށް އިތުރު ގޮތެއް ނެތެވެ. ރުއިން މަޑުވެ، ގިސްލުމަކަށް ބަދަލުވި އެވެ. ކަރުނަތައް ފައިބަމުން ދިޔަ އެވެ. އޭނާގެ ނުކުޅޭ ދޮންދަރިފުޅުގެ ވާހަކަ މި އޮތީ ކިޔައިދޭން ޖެހިފަ އެވެ. މިއީ ކޮން ކަހަލަ ދުވަހެއް ހެއްޔެވެ؟ މިއީ ހުވަފެނެއް ހެއްޔެވެ؟
ސާދިޔާ އަށް ހަމަ ކަށަވަރެވެ. އޭނާ އޮތީ ނިދާފައެއް ނޫނެވެ. އެހެންކަމުން ހުވަފެނެއް ފެނުމުގެ ފުރުސަތެއް ނެތެވެ. މިއީ އޭނާގެ ހަޔާތުގެ މިއަދެވެ. އޭނާ އަށް މިހާރު އޮތީ އެ ހިތްދަތި ވާހަކަ ކިޔައިދިނުމެވެ.
އޭނާ ވާހަކަ ފެށި އެވެ. (ނުނިމޭ)