23 މެއި 2017 - 20:49

އިނގިރޭސި ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް" ގެ ރޯލު 12 އަހަރު ވަންދެން ކުޅުނު އެކްޓަރު ރޮޖާ މޯ އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
އޭނާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ރޮޖާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ވެސް ހޯދަމުން އަންނަނިކޮށް ސްވިޓްޒަލެންޑްގައި ކަމަށެވެ.
އިނގިރޭސިވިލާތަށް އުފަން ރޮޖާ "ޖޭމްސް ބޮންޑް"ގެ ރޯލް ކުޅުން ހުއްޓާލީ 1985 ގަ އެވެ.
އޭނާ އެންމެ ފުރަތަމަ "ޖޭމްސް ބޮންޑް" ގެ ރޯލް ކުޅުނީ 1973 ގައި ރިލީޒް ކުރި ބޮންޑް ފިލްމް "ލިވް އެންޑް ލެޓް ޑައި" ގަ އެވެ.
އޭގެ ފަހުން ރޮޖާ، ބޮންޑްގެ ރޯލް ކުޅުނު ފިލްމްތަކުގެ ތެރޭގައި ދަ މޭން ވިތު ގޯލްޑެން ގަން (1974)، ދަ ސްޕައި ހޫ ލަވްޑް މީ (1977)، މޫންރެކާ (1979)، ފޮ ޔޯ އައިސް އޮންލީ (1981)، އޮކްޓޮޕުސީ (1983) އަދި އަ ވިއު ޓް އަ ކިލް (1985) ހިމެނެ އެވެ.
ޖޭމްސް ބޮންޑްގެ ފިލްމްތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ނަމަވެސް ރޮޖާ އެންމެ ފުރަތަމަ ފިލްމީ ކެރިއަރު ފެށީ 1954 ގައި ރިލީޒް ކުރި "ދަ ލާސްޓް ޓައިމް އައި ސޯ ޕެރިސް" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމްތަކު ތެރެއިން އިވަންހޯ (1958) އަދި ދި އެލަސްކަންސް (1959) ގައި އޭނާ ކުޅުނު ރޯލްތަކުން ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި އެވެ.
ބޮންޑްގެ ރޯލް ކުޅެން ލިބުނީ އެ ފިލްމްތަކުގައި އޭނާ ދައްކުވައި ދިން ވަރުގަދަ އެކްޓިން އާއި ފިރިހެންވަންތަ ސިފައާ އެކުގަ އެވެ.
"ޖޭމްސް ބޮންޑް" ގެ ރޯލް ދިގު މުއްދަތަކަށް ކުޅުނު އިރު، ފާޑު ކިޔުންތެރިން ސިފަކޮށްފައިވާ ގޮތުގައި ރޮޖާއަކީ އެ ކެރެކްޓާ ކުޅުނު އެކްޓަރުންގެ ތެރެއިން އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ. އަދި އޭނާއަކީ ވަރަށް ސްޓައިލިޝް އެކްޓަރެކެވެ.
ހަތަރު ކައިވެންޏަކަށް ތިން ކުދިން ތިބި ރޮޖާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2011 ގައި ރިލީޒް ކުރި "އަ ޕްރިންސެސް ފޮ ކްރިސްމަސް" އިންނެވެ.
ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ މަގާމު ވެސް 2003 ގައި ލިބުނު ރޮޖާ އަށް ވަނީ އިނގިރޭސިވިލާތުގެ ރާނީ ދެއްވާ އެންމެ މަތީ ޝަރަފް ވެސް ލިބިފަ އެވެ.