24 މެއި 2017 - 14:39

ސިކުނޑީގައި އުނިކަމެއް ހުރި ކުޑަކުއްޖެއްގެ ބަހަށް ބިނާކޮށް، އެ ކުއްޖާގެ ބައްޕަ އެ ކުއްޖާއާ ބެހުނު ކަން ސާބިތުވާ ކަމަށް ނިންމައި އެ ކުއްޖާގެ ބައްޕަ 24 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ށ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ މީހާ [އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހާމަ ވެދާނެތީ ނަން އުނިކޮށްފައި] ޖަލަށްލާން އެ ރަށު ކޯޓުން އޮގަސްޓް، 2015 ގައި ހުކުމްކުރީ 2009 ވަނަ އަހަރުން ފެށިގެން މެއި، 2014 އާ ހަމައަށް އެކި ދުވަސްމަތިން، އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަން ސާބިތުވާ ކަމަށް ނިންމުމަށް ފަހު އެވެ. އެ މީހާގެ މައްޗަށް ކުށް ސާބިތު ކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކޮށްފައިވަނީ އަނިޔާ ލިބުނު ކުއްޖާ ތަހުގީގަށާއި ފެމިލީ އެންޑް ޗިލްޑްރަންސް ސެންޓަރަށާއި އެ ކުއްޖާ ދަންނަ އެހެން ބައެއް މީހުންނަށް ކިޔައިދިން ވާހަކަތަކަކަށެވެ.
އަނިޔާ ލިބުނު އެ ކުއްޖާގެ އުމުރަކީ 16 އަހަރު ކަމަށް ވިޔަސް އެ ކުއްޖާގެ ހުންނަނީ އަށް އަހަރުގެ ކުއްޖެއްގެ ވިސްނުން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައިވެ އެވެ. އެހެންވެ، އާންމު މީހެއްގެ ވިސްނުމަށް ވުރެ އެ ކުއްޖާގެ ވިސްނުމުގެ ތޫނު ފިލިކަން ދަށްވާނެ ކަމަށް ޑޮކްޓަރުން އޮތީ ބުނެފަ އެވެ. އަދި އެ ކުއްޖާގެ އެ މައްސަލަތައް ހުންނާތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެ ކުއްޖާ އޮންނަނީ ރަޖިސްޓްރީކޮށްފަ އެވެ.
ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އެ މީހާއާ ދެކޮޅަށް ހުރި ހެކިތަކަކީ ހަމައެކަނި އެ ކުއްޖާ ކިޔައިދީފައިވާ ކިޔައި ދިނުންތަކެއް ކަން އެނގޭއިރު، އެ ކުއްޖާގެ ސިކުނޑީގެ ހާލަތަށް ބަލާއިރު، ހަމައެކަނި އެ ކުއްޖާގެ ބަހުން ކުށް ސާބިތު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
އެ މައްސަލާގައި ހުރި ހެކިތަކަކީ އެ ކުއްޖާ ތަހުގީގަށް ކިޔައިދިން ދިނުމާއި އެ ކުއްޖާގެ މަންމަ އާއި އެ ރަށު އިތުރު މީހެއްގެ ހެކިބަސް ކަމަށާއި އެ ދެ މީހުންގެ ހެކިބަހުގައި ވެސް، އެ ކުއްޖާގެ ބައްޕަ އެ ކުއްޖާއާ ބެހުނު ވާހަކަ އެ ކުއްޖާ ބުނި ކަމަށް ބުނެފައިނުވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
ދެން އެ މައްސަލާގައި ހުށަހެޅި ހެކިތަކަކީ އެ ކުއްޖާ ތަހުގީގަށް ދިން ބަޔާނާއި އެ ކުއްޖާ އޭނާގެ ރަށްޓެއްސަކަށް ކިޔައި ދީފައިވާ ދިނުމާއި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން އެ ކުއްޖާއާ ބެހޭގޮތުން ތައްޔާރު ކުރި ރިޕޯޓާއި އެ ކުއްޖާ ތަހުގީގަށް ކިޔައިދިން ވާހަކަތަކުގެ ރެކޯޑިން ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު އެ ހެކިތަކަކީ ކުޑަކުދިންނާ ބެހުމުގެ ކުށް ސާބިތު ކުރަން ބޭނުންވާ ފަސް ހެކި ހަމަ ކުރުމުގައި ވަކިވަކި ހެކިތަކެއްގެ ގޮތުގައި ނުގުނޭނެ ހެކިތަކެއް ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ގާނޫނު އޮންނަ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އާންމުކޮށް ސާބިތުވަނީ ފަސް ހެއްކެއް ލިބިގެން ކަމަށް ވިޔަސް ބައެއް ހާލަތްތަކުގައި އެ އަދަދަކަށް ހެކި ނެތަސް ކުށް ސާބިތު ކުރެވިދާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު މި މައްސަލާގައި ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.