ދަރިންނަށްޓަކައި ރިތިކް އާއި ސުޒާން އަލުން ގުޅެނީ؟
ދަރިންނަށްޓަކައި ރިތިކް އާއި ސުޒާން އަލުން ގުޅެނީ؟

ބޮލީވުޑް މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒާން ޚާންގެ ލޯބީގެ ވާހަކަ ބޮލީވުޑްގައި ކިޔައި އުޅުނީ މިސާލެއްގެ ގޮތުގަ އެވެ. އެކަމަކު ކައިވެންޏަށް އެތައް އަހަރެއްވެ ދެ ދަރިން ވެސް ލިބުނު ފަހުން މި ދެ މީހުން ވަކިވާކަން އިއުލާންކުރި އެވެ. ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން ވެސް ދަތިވި އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ކޯޓަށް ގޮސް ވަރީގެ ހުރިހާ ކަމެއް ނިންމި އެވެ.

ވަރިވިތާ އަހަރުތަކެއް ވެފައި ވާއިރު ދަރިން ގޮވައިގެން ޗުއްޓީއަށް އެކުގައި ދިއުމާއި ރެސްޓޯރަންޓްތަކާއި ސިނަމާތަކަށް ދިއުމަކީ ރިތިކް އާއި ސުޒާން ކުރަމުން އަންނަ ކަންކަމެވެ. އިންޑިއާގެ ނޫސްތަކުން މިހާރު ބުނަނީ މި މީހުން އަލުން ގުޅުމުގެ ކޮޅުމަތި ފެންނަ ކަމަށެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު ސުޒާން އާއި ރިތިކް ބުނެފައިވާ ގޮތުގައި އެމީހުން އެކުގައި އުޅެނީ ދަރިންނަށް ޓަކަ އެވެ. އަދި އަލުން ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

މައިންބަފައިން ވަކިވުމުގެ ގެއްލުން ދަރިންނަށް ކުރިޔަ ނުދޭން ކިތަންމެ މަސައްކަތެއް ކުރިޔަސް ފިރިހެން ދެ ދަރިން ކަމަށްވާ ރިދާން އާއި ރީހާން އަށް މި ކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ބޮމްބޭ ޓައިމްސް އިން ބުނެފައިވެ އެވެ. އެ ނޫހުން ބުނީ ސްކޫލުން ދޭ ފިލާވަޅުތައް ވެސް އެ ކުދިންނަށް ދަސްކުރަން އުނދަގޫ ކަމަށެވެ. އެހެންވެ ރިތިކް އާއި ސުޒާން ދަރިންނަށްޓަކައި އާ ފެށުމަކުން ދިރިއުޅުމެއް ފަށަން ގަސްތުކޮށްފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ރިތިކް މިހާރު ވަނީ އޭނާގެ ގެއާ ވަރަށް ކައިރިން ސުޒާންއަށް ގެއެއް ވެސް ގަނެދީފަ އެވެ. އަދި އެ ގެއަށް ސުޒާން އާއި ކުދިން ބަދަލުކުރުމުން ރިތިކްގެ ގެއަށް އެމީހުންނަށް ގޮސް އުޅެން ފަސޭހަވެ އާއިލީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ރިތިކް އުންމީދު ކުރެ އެވެ.

ކަންގަނާ ރަނާވަތު އާއި ރިތިކާ ޖެހުނު މައްސަލައަށް ފަހު ރިތިކަށް ތާއީދުކޮށް ސުޒާން ވާހަކަ ދެއްކުމަކީ ވެސް އެ ދެ މީހުންގެ ގުޅުން އިތުރަށް ރަނގަޅުވާން މެދުވެރިވި ސަބަބެކެވެ. ދާދިފަހުން އިންޑިއާގެ މަޝްހޫރު މޮޑެލްއަކާ ރިތިކާ އަޅުވާ ކިޔަން ފެށުމުން ވެސް ރިތިކް ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ. މިއީ ވެސް ސުޒާން އާއި އޭނާގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދޭން ކުރި ކަމެއް ކަމަށް އިންޑިއާގެ ނޫސްތަކުން ސިފަ ކުރެ އެވެ.

މި ވާހަކަތައް ރިތިކް އާއި ސުޒާން އަދި ޔަގީންކޮށެއް ނުދެ އެވެ. ނަމަވެސް މިއީ މިހާރު ވުން ވަރަށް ކައިރީގައި އޮތް ކަމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.