24 މެއި 2017 - 06:08

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސްގެ އެންމެ އިސް ވެރިޔާ އަދި ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ އާއި ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. ކަރަން ފިލްމު އިންޑަސްޓްރީއަށް ނުކުތީ ވެސް އަދިތުޔާ ޗޯޕްރާގެ ބައްޕަ ޔާޝް ޗޯޕްރާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގަ އެވެ.
އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" އުފެއްދި ދުވަސްވަރު ކަރަން އަކީ އެ ފިލްމުގައި އަދިތުޔާ އަށް އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތް ކުރި މީހެކެވެ. އެ ފިލްމުގެ މަންޒަރެއް ވެސް އަދިތުޔާގެ އެދުމުގެ މަތިން ކަރަން ކުޅެފައިވެ އެވެ. އެއީ ޔާޝްރާޖް ފިލްމްސްގެ ރަން ޒަމާން ކަމުން އޭރު އުފައްދާ ކޮންމެ ފިލްމެއް ސުޕަހިޓް ވަމުން ދިޔަ އެވެ.
އެކަމަކު ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ނުކުތުމަށްފަހު ކަރަން އަށް އަންނަނީ އާދަޔާޚިލާފު ބޮޑެތި ކާމިޔާބުތައް ލިބެމުންނެވެ. އޭނާ އުފެއްދި ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަނަކީ ޔާޝްރާޖް ފިލްމްސް އަށް ވުރެ މާ ކާމިޔާބު ފިލްމުތައް އުފައްދާ ތަނަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ.
އެއާޚިލާފަށް ޔާޝް ޗޯޕްރާ މަރުވުމަށްފަހު އަދިތުޔާ ޗޯޕްރާ އަށް ބައްޕަގެ ފިލްމު ކުންފުނި ތަރައްގީ ކުރުމުގައި ވަނީ ނުކުޅެދިފަ އެވެ. އޭގެ އެންމެ މިސާލަކީ އެ ކުންފުނިން އެންމެ ފަހުން އުފެއްދި "ބޭފިކްރޭ" އާއި "މޭރީ ޕިޔާރީ ބިންދޫ" ފްލޮޕްވުމުން ކުންފުންޏަށް ލިބުނު ގެއްލުމެވެ.
"ބޭފިކްރޭ" އަކީ އަދިތުޔާ ޗޯޕްރާ އަމިއްލައަށް ޑައިރެކްޓްކުރި ފިލްމެކެވެ. ނަމަވެސް "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" އާއި "މުހައްބަތޭން" ފަދަ ފިލްމުތަކުގައި ދެއްކި ކުޅަދާނަކަން އޭނާއަށް "ބޭފިކްރޭ"ގައި ދެއްކިފައެއް ނެތެވެ.
އަނެއްކޮޅުން އަދިތުޔާގެ ބެސްޓް ފްރެންޑް ކަރަންގެ ފިލްމުތައް މިހާރު ވެސް އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. ކަރަންގެ ފިލްމު ކުންފުނިން ޕްރޮޑިއުސްކުރި "ބަދްރީނާތު ކީ ދުލްހަނިޔާ" އަކީ މިއަހަރު ބޮޑު ކާމިޔާބީއެއް ލިބުނު މަދު ފިލްމުތަކުގެ ތެރޭގައި ހިމެނުނު ފިލްމެކެވެ. އަދި "ބަހޫބަލީ 2" ވަނީ ބްލޮކްބަސްޓާ ވެފަ އެވެ.
އެންމެ ޝައުގުވެރި ކަމަކީ އަދިތުޔާ އާއި ކަރަންގެ ފިލްމު ކުންފުނިތަކުން އުފައްދަނީ ދާދި އެއް ކަހަލަ ފިލްމުތަކަށް ވުމެވެ. ކަރަން "ގުރުބާން" އުފެއްދިއިރު އަދިތުޔާ އުފައްދަމުން ދިޔައީ "ނިއު ޔޯކް" އެވެ. ދެ ފިލްމަކީ ވެސް އެމެރިކާގައި އުޅޭ ޓެރަރިސްޓުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމު ތަކެކެވެ. ނަމަވެސް އެ ފަހަރު "ގުރުބާން" ފްލޮޕްވެ ކާމިޔާބުވީ "ނިއު ޔޯކް" އެވެ.
ކަރަން އާއި އަދިތުޔާ ވާދަވެރިން ކަމަށް ނުދެކުނު ނަމަވެސް މިހާރު އެއޯ ވާދަވެރިން ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މި ދެ ކުންފުނީގެ ވާދަވެރިކަން ދާނީ އިތުރު ވަމުންނެވެ.
މިހާރު މި ދެ ކުންފުނިން ވެސް އުފައްދާކަން އިއުލާން ކޮށްފައިވަނީ އެންމެ ފިލްމެކެވެ. ސިދާރްތު ޕީ މަލްހޯތުރާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން އިއުލާން ކޮށްފައިވާއިރު ޔާޝްރާޖް ފިލްމްސް އިން އިއުލާން ކޮށްފައިވަނީ އަދިތުޔާގެ އަންހެނުން އަދި މަޝްހޫރު ފިލްމީ ބަތަލާ ރާނީ މުކަރުޖީ ލީޑް ރޯލު ކުޅޭ "ހިޗްކީ" އެވެ.