23 މެއި 2017 - 15:26

ސޯލް (މެއި 23) - ޚިޔާނާތުގެ މައްސަލަތަކެއްގައި މަގާމުން ވަކިކޮށްފައިވާ ސައުތު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގެއުން ހައިގެ ކޮރަޕްޝަނުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މަގާމުން ދުރުކުރުމަށް ފަހު ފުލުހުންގެ ބަންދުގައި ހުރި ޕާކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ނެގުމާއި ގަދަބާރުން ކަންކަން ކުރުމަށް މީހުންނަށް މަޖްބޫރު ކުރުމާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމާއި ސަރުކާރުގެ ސިއްރުތައް ލީކު ކުރުން ހިމެނެ އެވެ. އެކަމަނާ ކޯޓަށް ހާޒިރުކުރި އިރު ހުރީ ބިޑި އަޅުވައިފަ އެވެ. ކޮރަޕްޝަނުގެ ކުށް ސާބިތުވެއްޖެ ނަމަ ސައުތު ކޮރެއާގައި ދޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ.

ސައުތު ކޮރެއާގެ މީޑިއާތަކުން ބުނީ ޕާކުގެ މައްޗަށް 18 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އަދި އެކަމަނާގެ ދައުވާތަކުގެ ތަފްސީލް 120،000 ސަފުހާ އަށް އަރާ ކަމަށްވެ އެވެ.
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ޕާކުގެ ވަކީލުން ވިދާޅުވެފައި ވަނީ ކުންފުނިތަކަށް މަޖްބޫރުކޮށްގެން ޕާކް ފައިސާ ހޯދަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި ސަބަބަކީ އެ ފައިސާ އެކަމަނާ އަށް ބޭނުން ނުކުރެވޭނެތީ ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި އެކަމަނާގެ މިހާރުގެ މަގާމަކީ ކޮބައިތޯ ސުވާލު ކުރުމުން ޕާކް ވިދާޅުވެފައި ވަނީ "ވަޒީފާއެއް ނެތް" ކަމަށެވެ.
ޕާކުގެ މައްސަލަ ފަޅާ އެރީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި-ސޫން ނަމަކަށް ކިޔާ މީހެއްގެ ނުފޫޒް ވެރިކަމުގެ ތެރެއަށް މާބޮޑަށް ފޯރަން ފެށުމުންނެވެ. ސަރުކާރުގެ އެއްވެސް މަގާމެއް ނެތް ޗޮއި-ސޫން ވަނީ މަގާމުތަކަށް މީހުން ހަމަޖައްސާ ޕާކް ދައްކަވަން ޖެހޭ ވާހަކަތައް ތައްޔާރުކޮށްދީ އަދި ހެދުން އަޅުއްވަންވީ ގޮތް ވެސް ކިޔައިދީފަ އެވެ. ސަރުކާރުގައި އޮތް އޭނާގެ ނުފޫޒް ބޭނުންކޮށްގެން ކުންފުނިތަކުން ވަނީ ރިޝްވަތުގެ ގޮތުގައި އެތައް ފައިސާއެއް ހޯދައިފަ އެވެ. އޭނާ ފައިސާ ހޯދަމުން ދިޔައީ ޗެރިޓީއަކަށް އެހީ ހޯދުމުގެ ނަމުގަ އެވެ. އެ ކަމުގައި ޕާކް ވެސް ބައިވެރިވެޑައިގެންނެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ފައިސާ ނެގި ކުންފުނިތަކުގެ ތެރޭގައި ސައުތު ކޮރެއާގެ މަޝްހޫރު ސެމްސަން ވެސް ހިމެނެ އެވެ. ރިޝްވަތު ދިންކަމުގެ މައްސަލާގައި ސެމްސަންގެ ވަގުތީ ރައީސް ލީ ޖައި-ޖޮންގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާކޮށްފަ އެވެ.
ޕާލަމެންޓުގައި ޑިސެމްބަރު މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ޕާކް މަގާމުން ދުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ ދުސްތޫރީ ކޯޓުން އެ ނިންމުމަށް ތާއީދުކޮށް އޭނާ އަށް ލިބިގެންވާ ހުރިހާ އިމްތިޔާޒެއް ވަނީ ނަގައިފަ އެވެ.