"ތަގްސް އޮފް ހިންދުސްތާން" އަށް ފާތިމާ ހޮވީ ރަނގަޅަށް: ކިރަން
"ތަގްސް އޮފް ހިންދުސްތާން" އަށް ފާތިމާ ހޮވީ ރަނގަޅަށް: ކިރަން

އާމިރު ޚާން އަލަށް ފަށާ "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާއަކަށް "ދަންގަލް"ގައި އޭނާގެ ދަރިއެއްގެ ރޯލު ކުޅުނު ފާތިމާ ސަނާ ޝޭޚް ހަމަޖެއްސުމުން އިންޑަސްޓްރީގައި ވަރަށް ތަފާތު އަޑުތައް ދަނީ ފެތުރެމުންނެވެ. އެއް ބަޔަކު ބުނަނީ ފާތިމާ އާއި އާމިރާ ދެމެދު ގޮތްނޭނގޭ ސިއްރު ގުޅުމެއް އޮންނަ ކަމަށެވެ.

"ތަގްސް އޮފް ހިންދުސްތާން" އަށް ފާތިމާ ހޮވީ ރަނގަޅަށް: ކިރަން
"ތަގްސް އޮފް ހިންދުސްތާން" އަށް ފާތިމާ ހޮވީ ރަނގަޅަށް: ކިރަން

އާމިރާއި ފާތިމާ އަޅުވާކިއުން އިންތިހާއަށް މިހާރު ބޮޑެވެ. އެމީހުންގެ ގުޅުން ސިއްރުކުރަން އިގްރާރު ވެ އާމިރު އޭނާ ލައްވާ އެއްބަސްވުމެއްގައި ސޮއިކުރުވަން މަސައްކަތް ކުރާ ކަމުގެ ޚަބަރުތަކެއް ވެސް ދަނީ ފެތުރެމުންނެވެ.

ބައެއް މީހުން ދެރަވަނީ އާމިރުގެ އެ އަމަލުގެ ސަބަބުން އަންހެނުން ކިރަން ރާއޯއަށް ކުރާނެ އަސަރާ ހެދި އެވެ. އެއް ބަޔަކު ބުނާ ގޮތުގައި ފުރަތަމަ އަނބިމީހާ ރީނާ އަށް ވެސް އާމިރު ހެދީ އެގޮތެވެ. ކިރަންއާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އާމިރު އުޅުނީ ވެސް ރީނާއާ އިނދެގެން ހުރެ ކަމަށް އެ މީހުން ބުނެ އެވެ.

ނަމަވެސް އެ ހުރިހާ ވާހަކަތަކަކަށް ކިރަން ވަނީ ޖަވާބު ދީފަ އެވެ. އޭނާ ބުނީ "ތަގްސް އޮފް ހިންދުސްތާން" އަށް ފާތިމާ ހޮވީ މަސައްކަތާއި ހުނަރަށް ބަލާފައި ކަމަށާއި އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ކިރަން ބުނި ގޮތުގައި ފިލްމުގައި ބައިވެރިކުރާނެ ތަރިން ފައިނަލްކުރީ އާމިރާއި އަދިތުޔާ ޗޯޕްރާ އަދި ވިކްޓާ އެވެ. އެ މީހުން ފާތިމާ އަށް ފިލްމު ދޭން ނިންމާނީ ހުރިހާ ގޮތަކަށް ވެސް ބަލާ ވިސްނާފައި ކަމަށް އޭނާ ބުންޏެވެ.

ފާތިމާގެ ގާބިލްކަމަށް ބަލާފައި ނޫނީ އެފަދަ ބޮޑު ފިލްމެއް އާމިރާއި އަދިތުޔާ ޗޯޕްރާ ނުދޭނެ ކަމަށް ކިރަން ގަބޫލުކުރެ އެވެ.

އާމިރު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވެސް ބުނީ ފާތިމާ އަށް "ތަގްސް އޮފް ހިންދުސްތާން"ގެ ބަތަލާ ކަން ދިނީ އެ ރޯލަށް އޭނާ ފިޓްވާތީ ކަމަށާއި އެނޫން އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ތަގްސް އޮފް ހިންދުސްތާން" އަކީ "ދޫމް 3"ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓްކޮށް ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގައި އާމިރުގެ އިތުރުން އަމީތާބު ބައްޗަން ވަރަށް މުހިއްމު ބައެއް ކުޅެ އެވެ. ބަތަލާއިންނަކީ ފާތިމާ އާއި ކެޓުރީނާ ކައިފް އެވެ.