23 މެއި 2017 - 14:41

މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން، ހައުސިން މިނިސްޓްރީގައި އަދާކުރަމުން އައި ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.
އެ މިނިސްޓްރީގެ ޗީފް އާކިޓެކްޓްގެ ވަޒީފާގައި ހުންނެވި މުއީދު ސަރުކާރުން ވަކިކޮށްފައި މިވަނީ، ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހެޅި ނޫސްވެރިންނާއި މީޑިއާތަކުގެ މައްސަލަ ހޫނުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު، މީޑިއާ ކައުންސިލަށް ގިނަ މައްސަލަތަކެއް ހުށަހެޅި ކަމަށް އެ ތަނުން ބުނެ އެވެ. އެ މައްސަލަތަކަށް ޖަވާބުދާރީވާން ނޫސްވެރިންނާއި މީޑިއާތަކަށް އެންގުމުން، މީޑީއާ ކައުންސިލަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެހެންވެ، ނޫސްވެރިންނާއި ނޫސް މީޑިއާތަކާ ދެކޮޅަށް މައްސަލަ ބަލައިދޭން އެދުނީ ކޮން ފަރާތަކުން ކަން މިހާރު ވަނީ "އޮޅުމެއްގެ ތެރޭގަ" އެވެ.
މި މައްސަލަ މިހެން ކުރިމަތިވެފައި ވަނިކޮށް މުއީދު ކުއްލި ގޮތަކަށް ސަރުކާރުގެ ވަޒީފާ އިން ވަކިކުރި ސަަބަބެއް އޭނާ އަށް އަންގައިފައެއް ނުވެ އެވެ.
"އަޅުގަނޑަށް މިއަދު ގުޅުއްވާފައި ވިދާޅުވީ ވަޒީފާ އިން ވަކިކޮށްފީމޭ،" އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ ބިމާ ބެހޭ ބައިގެ އިސް ވެރިއަކަށް ހުންނެވި މުއީދު ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގައި އޭނާ އަދާކުރެއްވި ވަޒީފާ އިން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީ އަށް ފެނިގެން، އޭނާ ވަޒީފާ އިން ވަކިކުރުމުން އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިމަތިލައި ހޮވިގެން ލިބިފައި އޮތް ވަޒީފާއެއް އެއީ، ސަބަބެއް ނާންގައި ވަކިކުރިއަސް ގުދުރަތުގެ ނިޔާގައި އަނިޔާއެއް ނުދެވޭނެ،" މުއީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކުރިން ބަލަހައްޓަމުން އައި ބިމާ ބެހޭ ބައިގައި ވަޒީފާ އަދާ ކުރި އެންމެން ހައުސިން މިނިސްޓްރީ އަށް ބަދަލުކުރި އިރު ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޭނާ އަށް ވަޒީފާ ހަމައެއް ނުޖައްސަ އެވެ. ހައުސިން މިނިސްޓްރީ އަށް އޭނާ ބަދަލުކުރީ މަސައްކަތެއް ހަވާލުނުކޮށް، އެތައް ދުވަހެއް ހޭދަވި ފަހުން ކަމަށް ވެސް މުއީދު ވިދާޅުވި އެވެ.