ނެއޯމީ ވަޓްސް އަދިވެސް ހުސްހަށިބަޔަށް
ނެއޯމީ ވަޓްސް އަދިވެސް ހުސްހަށިބަޔަށް

އެގާރަ އަހަރުވީ ގުޅުމަށް ދެ ކުދިން ވެސް ލިބިފައި ވަނިކޮށް، އެ ގުޅުން މިދިޔަ އަހަރު ނިމުމަކަށް އައި ނަމަވެސް އަދިވެސް ހުރީ މީހަކާ ރައްޓެހި ނުވެ ހުސްކޮށް ކަމަށް މަޝްހޫރު ބަތަލާ ނެއޯމީ ވަޓްސް ބުނެފި އެވެ.

ނެއޯމީ ވަޓްސް އަދިވެސް ހުސްހަށިބަޔަށް
ނެއޯމީ ވަޓްސް އަދިވެސް ހުސްހަށިބަޔަށް

"ދަ އިމްޕޮސިބަލް" އާއި "އެޑޯ" އަދި "ޝަޓް އިން" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ އާއި އެކްޓަރު ލިއެބް ޝްރައިބާ ވަކިވިކަން ނެރުނު ބަޔާނެއްގައި އެ މީހުންގެ ވަކިވުން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ނެއޯމީ ހުސްކޮށް ހުރި ނަމަވެސް "މަންޗޫރިއަން ކެންޑިޑޭޓް" އާއި "ސްޕޮޓްލައިޓް" ފަދަ ފިލްމްތައް ކުޅެފައިވާ ޝްރެއިބާ މިހާރު އުޅެނީ މޯގަން ބްރައުން އިންޓީރިއާ ޑިޒައިނަރަކާ ރައްޓެހިވެެގެންނެވެ.

"ވޯގް" އަށް ދިން އިންޓަވިއުއެއްގައި ނައޯމީ ބުނީ ޝްރެއިބާއާ ވަކިވުމަށް ފަހު ހަޔާތަށް އައިފައި ވަނީ ބަނަ އަދި އުފާވެރި ދުވަސްތަކެއް ކަމަށެވެ. އެހެންވެ އަމިއްލަ ހަޔާތުގައި ކަންބޮޑުވާން ޖެހޭ މާ ބޮޑު މައްސަލަތަކެއް ނެތް ކަމަށް ބުންޏެވެ.

"އަހަރެމެން ދެ މީހުން ވަކިވި ނަމަވެސް، ދަރިންގެ ކަންކަމުގައި ބާއްވަން ޖެހޭ ގުޅުން ހަމަ ކުރިއެކޭ އެއްގޮތަށް މިހާރު ވެސް އޮވޭ،" ނެއޯމީ، 48، ބުންޏެވެ. "އަހަރެން އަބަދު ވެސް ގަބޫލު ކުރަނީ ޝްރެއިބާއަކީ ވަރަށް ރަނގަޅު ބައްޕައެއް ކަމަށް.

އޭނާ ބުނީ އެކަނިވެރިކަން އިހުސާސް ނުކުރެވޭ މައިގަނޑު ސަބަބަކީ މަސައްކަތުގައި ބިޒީކޮށް އުޅެން ޖެހުން ކަމަށެވެ. އަދި އެކަނިވެރި މަޔަކަށްވާތީ މިހާރު ބުރަކޮށް މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ފައިސާ ހޯދަން ނޫން ކަމަށް ވެސް ނެއޯމީ ބުންޏެވެ.

"އަހަރެން މަސައްކަތް ކުރަނީ ހަމައެކަނި ލާރި ހޯދަކަށް ނޫން. ކުރަން ބޭނުންވާ އަދި ޝައުގުވެރިވާ މަސައްކަތެއްގެ ތެރޭގައި އުޅެލެވުމުގެ ހިތްހަމަޖެހުން ވެސް ލިބޭތީ،" އޭނާ ބުންޏެވެ. "އެހެންވެ މަސައްކަތް ކުރާ އެކަނިވެރި ކޮންމެ މަޔަކީ ހަމައެކަނި ފައިސާގެ ބޭނުމުގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ވެސް ދެކިގެން ނުވާނެ."

ނެއޯމީ ބުނީ އޭނާއަކީ ހެޔޮއެދޭ ވަރަށް ގާތް ރައްޓެހިން ވެސް ތިބި މީހެއް ކަމަށާއި ކަމެއް ޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެ މީހުންގެ އެހީތެރިކަން އަބަދު ވެސް ލިބޭ ކަމަށެވެ.