ގެމްބިއާގެ ކުރީގެ ރައީސް ވަނީ 50 މިލިއަން ޑޮލަރު ވަގަށް ނަންގަވާފައި
ގެމްބިއާގެ ކުރީގެ ރައީސް ވަނީ 50 މިލިއަން ޑޮލަރު ވަގަށް ނަންގަވާފައި

ބަންޖުލް (މެއި 23) - ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖައްމާހު ގައުމު ދޫކުރައްވާ ޖެނުއަރީ މަހު ވަޑައިގެންނެވި އިރު ސަރުކާރުގެ ފައިސާ އިން 50 މިލިއަން ޑޮލަރު ވަގަށް ނަންގަވާފައިވާ ކަމަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.

ޔަހުޔާ އެ ފައިސާ ނަންގަވާފައި ވަނީ ސަރުކާރުގެ ޓެލެކޮމް ކުންފުނި މެދުވެރިކޮށް ކަމަށްވެ އެވެ. ގެމްބިއާގައި ހުރި ޔަހުޔާގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން މިހާރު ވަނީ އަމުރެއް ނެރެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ގެމްބިއާގައި ބޭއްވި އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ޔަހުޔާ ވަނީ ވެރިކަން ދޫކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. އެންމެ ފަހުން އޭނާ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ އަވަށްޓެރި ގައުމުތަކުން އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

ބާވީސް އަހަރުގެ ވެރިކަމަށް ފަހު މިދިޔަ ޖެނުއަރީ މަހު ގައުމު ދޫކުރައްވާ އިކުއެޓޯރިއަލް ގިނީ އަށް ޔަހުޔާ ވަޑައިގެންނެވި އިރު ޗާޑުގެ ކާގޯ މަތިންދާ ބޯޓަކަށް ލަގްޒަރީ ކާރާއި އަގު ބޮޑު އެހެން ތަކެތި އަރުވާ މަންޒަރު ފެނިފައިވާ ކަމަށް ބައެއް ރިޕޯޓް ބުނެ އެވެ.

ގެމްބިއާގެ ޚަޒާރާ އިން ޔަހުޔާ ވަގަށް ނެންގެވީ 11 މިލިއަން ޑޮލަރު ކަމަށް އާ ރައީސް އާދަމް ބަރޯގެ ކުރީގެ މުޝީރު އަދި މިހާރުގެ ދާޚިލީ ވަޒީރު މައި އަހުމަދު ފަތީ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޖަސްޓިސް މިނިސްޓަރު އަބޫބަކުރު ތަމްބާދޫ އިއްޔެ ވިދާޅުވީ 50 މިލިއަން ޑޮލަރު ޔަހުޔާ ނަންގަވާފައި ވަނީ 2006 އާއި 2016 އާ ދެމެދު ކަމަށެވެ. އަދި އެ ފައިސާ ނަންގަވާފައި ވަނީ ގެމްބިއާގެ މަރުކަޒީ ބޭންކުގައި އޮންނަ ސަރުކާރުގެ ޓެލެކޮމް ކުންފުނި ގޭމްޓެލް އިން ޔަހުޔާ އަމިއްލަފުޅަށް ނުވަތަ އޭނާގެ އަމުރަށް ކަމަށް އޭނާ ވިދާޅުވި އެވެ. ތަމްބާދޫ ވިދާޅުވީ ޔަހުޔާއާ ގުޅުން އޮންނަ 88 އެކައުންޓަކާއި އޭނާއާ ގުޅުން އޮންނަ 14 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ.

ގައުމު ދޫކުރައްވާ ވަޑައިގެންނެވި ފަހުން ޔަހުޔާގެ ޚަބަރެއް ނުވެ އެވެ. އަދި އޭނާއާ މެދު ކުރާ ވައްކަމުގެ ތުހުމަތުތަކަށް ރައްދު ދެއްވައިފައެއް ވެސް ނުވެ އެވެ.

ގެމްބިއާގެ ވެރިކަމަށް ޔަހުޔާ ވަޑައިގެންނެވީ 1994 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބެއްގަ އެވެ.