ހިއްސާދާރުންގެ ތަޅާފޮޅުން، ވެންގާ އަށް ވާނީ ކިހިނެއް؟
ހިއްސާދާރުންގެ ތަޅާފޮޅުން، ވެންގާ އަށް ވާނީ ކިހިނެއް؟

ލަންޑަން (މެއި 23) - މި ސީޒަނަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލު އުފެދިފައިވާއިރު، އެ ޓީމުގެ ހިއްސާދާރުންގެ މެދުގައި ވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ހިއްސާދާރުންގެ ތަޅާފޮޅުން، ވެންގާ އަށް ވާނީ ކިހިނެއް؟
ހިއްސާދާރުންގެ ތަޅާފޮޅުން، ވެންގާ އަށް ވާނީ ކިހިނެއް؟

ރިޕޯޓްތައް ބުނާގޮތުން މިދިޔަ ފެބްރުއަރީ މަހު އާސެނަލްގެ ބޯޑުގެ ބަައްދަލުވުމަށް ފަހު ހިއްސާދާރުންގެ މެދުގައި ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ދާދި ފަހުން އާސެނަލްގެ އެއް ހިއްސާދާރު ކަމަށްވާ ރަޝިއާގެ މަހުޖަނު އަލީޝާ އުސްމާނޯފް ވަނީ އާސެނަލްގެ މެޖޯރިޓީ ހިއްސާދާރަށް ވުމަށް 1 ބިިލިއަން ޕައުންޑް ހުށަހަޅަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ.

އުސްމާނޯފް މި ބިޑްކުރަން ތައްޔާރަށް އޮތް ކަން މީޑިއާ އަށް ހާމަކުރީ މިހާރުގެ މެޖޯރިޓީ ހިއްސާދާރު އެމެރިކާގެ ސްޓެން ކްރޮއެންކޭއާ ބޭއްވި މަޝްވަރާތައް ކާމިޔާބު ނުވުމުންނެވެ. ކްރޮއެންކޭ މި ވަގުތު އާސެނަލްގެ މެޖޯރިޓީ ހިއްސާދާރެއްގެ ގޮތުގައި އޮތީ 67 ޕަސެންޓާ އެކު އެވެ. އުސްމަނޯފްގެ އޮތީ 30 ޕަސެންޓެވެ.

އުސްމާނޯފްގެ ބިޑަށް ޖަވާބުދާރީ ވުމަށް ކްރޮއެންކޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އުސްމާނޯފަށް ހިއްސާ ވިއްކުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މީޑިއާގައި އެފަދަ ވާހަކަތަކެއް ދެކެވޭތީ ކަންބޮޑުވާ ކަމަށެވެ.

އާސެނަލްގެ ހިއްސާދާރުންގެ ތެރެއިން އެ ޓީމުގެ ކޯޗު ވެންގާއާ ގުޅުން ރަނގަޅީ ކްރޮއެންކޭއާ އެވެ. އުސްމާނޯފް ވަނީ ދާދިފަހުން ދިން އިންޓަވިއުއެއްގައި މިއީ ވެންގާ ކްލަބް ދޫކޮށްދާންވީ ވަގުތު ކަމަށާއި އެ ޓީމަށް ދެން ހަމަޖައްސާނެ ކޯޗެއް ހޯދައިދިނުމުގައި އެހީތެރިވާންވީ ދަނޑިވަޅު ކަމަށް ބުނެފަ އެވެ.

މި ސީޒަނަށް ފަހު ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ އަންނަ ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ފައިނަލަށް ފަހު އެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން އާސެނަލަށް މަދުވެގެން 89 މިލިއަން ޕައުންޑްގެ ގެއްލުމެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. މިއީ 1996 ވަނަ އަހަރު ވެންގާ އެ ޓީމާ ހަވާލުވި ފަހުން ޕްރިިމިއާ ލީގުގެ ގަދަ ހަަތަރަކުން އެ ޓީމަށް ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާގޮތުން އުސްމާނޯފް މަސައްކަތް ކުރަމުން އަންނަނީ ކްރޮއެންކޭ އަތުން އާސެނަލްގެ މެޖޯރިޓީ ހިއްސާ ގަތުމަށް ފަހު އާ ކޯޗަކާ އެކު އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށެވެ. އެހެން ނަމަވެސް ކްރޮއެންކޭ އަދި އެގޮތަށް އެއްބަހެއްނުވެ އެވެ.

ލީގުގެ ފަހު މެޗުގައި އެވަޓަން އަތުން އާސެނަލް މޮޅުވިއިރު، އެ މެޗަށް ދިޔަ އާސެނަލް ސަޕޯޓަރުން ވަނީ ކްރޮއެންކޭ އާއި ވެންގާ އަށް ރައްދުކޮށް ދަނޑުގައި ބެނާ ދަމާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވެންގާ އަށް އިތުރު އެއް އަހަރުގެ އެއްބަސްވުމެއް ހުށަހަޅަން އާސެނަލް ބޯޑުން ކުރިން ނިންމި އެވެ. އެހެން ނަމަވެސް އެ ނިންމުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނީ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުންނެވެ.