މިހާލަތުގައި ބަލިވުމަކީ ކަންބޮޑުވުމެއް ނޫން: ސެކުލޮސްކީ
މިހާލަތުގައި ބަލިވުމަކީ ކަންބޮޑުވުމެއް ނޫން: ސެކުލޮސްކީ

މާޒިޔާ މި ވަގުތު އޮތް ހާލަތަށް ބަލާއިރު މެޗަކުން ބަލިވުމަކީ މާ ބޮޑު ކަންބޮޑުވުމެއް ކަމަށް ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އިއްޔެ ވިކްޓަރީ އަތުން 1-0 އިން ބަލިވުމުގެ ކުރިން މާޒިޔާ މި ސީޒަނުގައި ކުޅުނު 13 މެޗުގެ ތެެރެއިން ބަލިވީ އޭއެފްސީ ކަޕްގައި އަމިއްލަ ދަނޑުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ދެން މާލޭ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުންނާއި ޗެރިޓީ ޝީލްޑް މެޗާއި އޭއެފްސީ ކަޕްގެ ހަތަރު މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

މިއިން ކޮންމެ މެޗަކަށް ނުކުތުމުގެ ކުރިން ވެސް މާޒިޔާގެ ކޯޗު ސެކުލޮސްކީގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. އޭނާ ބުނަމުން އައީ ހަތަރު ދުވަހުން މެޗުކުޅުމަކީ އެއްވެސް ކުޅުންތެރިއަކަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށާއި އެ ޓީމަށް އޭގެ އުނދަގޫ ކުރިމަތިވާ ކަމަށެވެ.

"އަހަރެމެން ބުނަމުން މި އަންނަނީ މި ކުޅުންތެރިންގެ އެންމެ ބޮޑަށް ވަރުބަލިވާ ދުވަސް ކައިރީގައޭ މިއޮތީ. މިއީ އެ ދުވަސް. އެކަމަކު ވެސް އަހަރެން ކަންބޮޑުވުމެއް ނެތް މިހާލަތުގައި ވެސް އަހަރެމެންގެ ފަރާތުން މޮޅުވެވޭނެ ވަރުގެ ކުޅުމެއް ފެނުނީ. ހަގީގަތަށް ބަލާއިރު މި ބައްޔަކީ ކަންބޮޑުވުމެއް ނޫން،" ސެކުލޮސްކީ ބުންޏެވެ.

އިއްޔެ މާޒިޔާ 1-0 އިން ވިކްޓަރީ އަތުން ބަލިވިއިރު، އެ ޓީމުގައި ހުރީ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން އަލީ ސުޒޭން އެވެ. އިއްޔެގެ މެޗަށް ފަހު ސެކުލޮސްކީ ވަނީ ވިކްޓަރީ އަށް މަރުހަބާ ކިޔައިފަ އެވެ.

"އަހަރެން ވިކްޓަރީ އަށް މަރުހަބާ ކިޔަން. ހަމަ އެގޮތަށް އަހަރެން މަރުހަބާ ކިޔަން އަހަރެންގެ ކުޅުންތެރިންނަށް ވެސް. އެއްވެސް މީހަކަށް ނޭނގުނަސް އަހަންނަށް އެނގޭ މޮޅުވާން މި ކުޅުންތެރިން ކުރާ ހިތްވަރު،" ސެކުލޮސްކީ ބުންޏެވެ.

އިއްޔެ މެޗުގައި އަނިޔާގެ ސަބަބުން މާޒިޔާގެ ފޯވާޑް އަދި ކެޕްޓަން އަސަދުﷲ އަބްދުﷲ ނުކުޅެ އެވެ. ސެކުލޮސްކީ ބުނީ ކުރިއަށް އޮތް މެޗަށް އަސަދުﷲ ފިޓްވާނެ ކަމަށެވެ.

އޭއެފްސީ ކަޕްގައި މި މަހު 31 ވަނަ ދުވަހު ބެންގަލޫރާ ދެކޮޅަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމަށް މާޒިޔާ އިން ކުޅޭ މުހިއްމު މެޗުގެ ކުރިން މާލޭ ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗު އެފްއޭއެމުން ވަނީ ފަސްކޮށްފަ އެވެ. އަންނަ ހުކުރު ދުވަހު ހަވީރު ކުޅެން ހަމަޖެހިފައި އޮތް މެޗު ވަނީ އަންނަ މަހު 19 އަށް ފަސްކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. ވިކްޓަރީ އޮތީ 11 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.