ޔާމީން ރަޝީދުގެ ހަނދާނުގައި މިއަދު ހިނގާލުމެއް ބާއްވަނީ
ޔާމީން ރަޝީދުގެ ހަނދާނުގައި މިއަދު ހިނގާލުމެއް ބާއްވަނީ

އަނިޔާވެރިކޮށް މަރައިލި ޔާމީން ރަޝީދުގެ ހަނދާނުގައި މާލޭގައި މިއަދު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ޔާމީންގެ އާއިލާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭނާގެ ހަނދާނުގައި ހިނގާލުން ބާއްވާނީ އާޓިފިޝަލްބީޗުން، ރަސްފަންނު ސަރަހައްދާ ހަމައަށް ކަމަށެވެ. އެއީ ސުލްހަވެރި ހިނގާލުމެއް ކަމަށާއި އާޓިފިޝަލްބީޗުން ހަވީރު 4:30 ގައި ފަށާގޮތަށް، މަޖީދީ މަގުން ރަސްފަންނަށް ނިންމާނެ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

ޔާމީންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައި ވަނީ އޭނާގެ މަރަށް މިއަދު އެއް މަސް ފުރުނުއިރު ވެސް މަރާލި މީހުންގެ މައުލޫމާތެއް މިހާތަނަށް އާއިލާ އަދި އާއްމުންނާ ވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އެއްވެސް ބަޔަކު އަޅުގަނޑުމެންގެ ދަރިފުޅަށް އަނިޔާކޮށް މަރާލަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަށް ނޭނގޭއިރު، މިކަމުގެ މައުލޫމާތު ވެސް ފުލުހުން ހިއްސާކޮށްފައި ނުވުމަކީ ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އޭނާގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޔާމީން މަރާލި މީހުންނާއި އެކަން ރާވައި ފައިސާ ހަރަދުކުރި ބަޔަކު ވީހާވެސް އަވަހަކަށް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށް އާއިލާ އިން ބުނެ އެވެ. ޔާމީންގެ ހަނދާނުގައި ބާއްވާ ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން ވެސް އާއިލާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޔާމީންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުން އަންނައިރު، އެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ކުރިން ވަނީ ދީފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.