23 މެއި 2017 - 10:58

ސައޫދީ އަރަބިއްޔާގައި ބޭއްވި "އަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރައީސް އަބްދުﷲ ޔާމީން މިއަދު މާލެ ވަޑައިގެންފި އެވެ.

މިދިޔަ ހޮނހިރުދުވަހު ސައޫދީ އަށް ވަޑައިގެން ރައީސް ޔާމީން ވަނީ އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އަލަށް ގާއިމްކުރި "ގްލޯބަލް ސެންޓަ ފޯ ކޮމްބެޓިން އެކްސްޓްރީމިސްޓް އައިޑިއޮލޮޖީ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ސައޫދީގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވެސް އެމަނިކުފާނު ވަޑައިގަތެވެ.
"އަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި މިދިޔަ އާދީއްތަދުވަހު ރައީސް ޔާމީން ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވީ ނަމަވެސް ސަމިޓްގައި ވާހަކަފުޅެއް ނުދައްކަވަ އެވެ. އޭގެ ސަބަބެއް ނޭނގެ އެވެ.
ރާއްޖެ އާއި ސައޫދީއާ ދެމެދު ފަހަކަށް އައިސް ވަރަށް ގާތް ގުޅުމެއް އުފެދިފައިވީ ނަމަވެސް، ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުން އެއްވެސް އެއްޗެއްގައި ސޮއިކުރެއްވި ކަމެއް އަދި މަޝަވަރާތަކެއް ބޭއްވި ކަމެއް ވެސް ނޭނގެ އެވެ.