ތައުރީފް ކުރަންވީ ހަމައެކަނި އަހަންނަކަށް ނޫން: ރޮނާލްޑޯ
ތައުރީފް ކުރަންވީ ހަމައެކަނި އަހަންނަކަށް ނޫން: ރޮނާލްޑޯ

މެޑްރިޑް (މެއި 23) - ރެއާލް މެޑްރިޑުން މި ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކުރުމުން ތައުރީފް ކުރަންވީ ހަަމައެކަނި އޭނާ އަށް ނޫން ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މިދިޔަ އަހަރުގެ ބެލޮންޑިއޯ އާއި ފީފާ ބެސްޓް އެވޯޑްސްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ރޮނާލްޑޯ ވަނީ މި ފަހަރު ސްޕެނިޝް ލީގުގައި 25 ލަނޑު ޖަހައި ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ރޮނާލްޑޯ ބުނީ މިއީ ޓީމެއްގެ ގޮތުގައި އޭނާގެ އެންމެ ކާމިޔާބު ސީޒަން ކަމަށެވެ.

"ކޮންމެ ފަހަރަކު މޮޅެއް ނުވާނެ. އެކަމަކު ލަނޑު ޖަހައިގެން ޓީމު މޮޅުވެ ކާމިޔާބު ހާސިލްކުރެވުމުން އެ ލިބޭ ހިތްހަމަ ޖެހުން ވަރަށް ބޮޑު. މިއީ ޓީމެއްގެ ގޮތުގައި އަހަރެން އެންމެ އުފާވެރި ސީޒަން. ލީގު ހޯދުމުން ތައުރީފް ކުރަންވީ ހަމައެކަނި އަހަންނަކަށް ނޫން. މިއީ މި ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތް،" ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ ރެއާލުގެ ކުޅުންތެރިންގެ އަމާޒަކީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގު ކަމަށާއި މިއީ ބޮޑު އަހަރަކަށް ހެދުމުގެ ފުރުސަތު ގެއްލެން ބޭނުންނުވާ ކަމަށެވެ.

"އަހަރެމެންނަށް ކުރިއަށް އެބައޮތް ވަރަށް މުހިއްމު މެޗެއް. ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެން މިއީ ފުރިހަމަ އަހަރަކަށް ހެދެން އެބައޮތް. އެ ފުރުސަތު ގެއްލެން ބޭނުމެއް ނެތް. މުޅި ޓީމު އޮތީ ޗެމްޕިއަންސް ލީގު މެޗަށް ތައްޔާރަށް،" ރޮނާލްޑޯ ބުންޏެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މިހާތަނަށް ރެއާލާ އެކު 10 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑް ކަޕް، ކޮންމެ މުބާރާތެއް ދެ ފަހަަރު ހިމެނެ އެވެ.

ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ފައިނަލުގައި ރެއާލް އަންނަ މަހު ތިން ވަނަ ދުވަހު ވޭލްސްގެ ކާޑިފްގައި ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ.