އިންގްލެންޑް އަތުން ބަލިވުމަކީ ހަޖަމްކުރަން އުނދަގޫ ނަތީޖާއެއް: ބޭލް
އިންގްލެންޑް އަތުން ބަލިވުމަކީ ހަޖަމްކުރަން އުނދަގޫ ނަތީޖާއެއް: ބޭލް

ޓުލޫސް، ފްރާންސް (ޖޫން 20) - ފަހު ވަގުތުގެ ގޯލާ އެކު އިންގްލެންޑް އަތުން ބަލިވި ބަލިވުން ހަޖަމްކުރަން އުނދަގޫވި ކަމަށާއި އެހެން ނަމަވެސް މިރޭ ރަޝިއާ ބަލިކޮށް ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ އުއްމީޑު ބޮޑު ކަމަށް ވޭލްސްގެ ފޯވާޑް ގަރެތު ބޭލް ބުނެފި އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު އިންގްލެންޑް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވޭލްސް އާއި ތިން ވަނައިގައި އޮތް ސްލޮވާކިއާ އަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ރަޝިއާ އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

މިރޭ ރަޝިއާ ބަލިކޮށްފި ނަމަ ވޭލްސް އަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ. ރަޝިއާ އަތުން ދެ ލަނޑުގެ ތަފާތުން ވޭލްސް ބަލިވެއްޖެނަމަ އެ ޓީމު ކަޓާނެ އެވެ. މެޗު އެއްވަރުވެއްޖެނަމަ ވޭލްސް ދެ ވަނަ ބުރަށްދާނީ ގްރޫޕްގެ އަނެއް މެޗުން އިންގްލެންޑް އަތުން ސްލޮވާކިއާ ބަލިވެއްޖެނަމަ އެވެ. ދެ މެޗު ވެސް އެއްވަރުވެއްޖެނަމަ ދެ ވަނަ ބުރަށްދާ ޓީމެއް ކަނޑައަޅާނީ ފައިދާ ލަނޑުންނެވެ. ވޭލްސް ތިން ވަނަ އަށް ގޮސްފިނަމަ ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

ވޭލްސް ބަލިކޮށް ރަޝިއާ އަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. އެއީ ރަޝިއާ މޮޅުވެ، އިންގްލެންޑް އަތުން ސްލޮވާކިއާ ބަލިވެއްޖެނަމަ އެވެ. އެހެން ނޫނީ ރަޝިއާ އަށް ދެ ވަނަ ބުރުން ޖާގަ ލިބޭނީ ވޭލްސް ބަލިކޮށް، ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނިގެންނެވެ.

ބޭލް ބުނީ ފުރަތަމަ ދެ މެޗުގައި ދެއްކި ކުޅުން މިރޭގެ މެޗުގައި ތަކުރާރު ކުރެވިއްޖެނަމަ މޮޅެއް ހޯދޭނެ ކަމަށެވެ.

"އިންގްލެންޑް އަތުން ފަހު ވަގުތު ބަލިވުމުން ހަޖަމްކުރަން އުނދަގޫވި. އެކަމަކު ފުޓްބޯޅައިގައި އެ ކަހަލަ މެޗު ވެސް އަންނާނެ. މުހިއްމު ކަމަކީ އެކަން ހަނދާނުން ނައްތާލައި ދެން އޮތް މެޗުން މޮޅުވުން. އެއީ ރަޝިއާ މެޗަށް ނުކުންނައިރު ކުޅުންތެރިންގެ ވިސްނުމަކީ ވެސް،" ރެއާލް މެޑްރިޑަށް ކުޅޭ ބޭލް ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ވޭލްސް ކުޅުނު ދެ މެޗުގައި ވެސް ބޭލް ވަނީ ލަނޑު ޖަހައިފަ އެވެ. އެއީ ހިލޭ ހިލޭ ޖެހުމުން ކާމިޔާބުކުރި ދެ ދެ ލަނޑެވެ.

ވޭލްސްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ރަޝިއާ ވަނީ މޮޅުވެފަ އެވެ. ނަމަވެސް ރަޝިއާ އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ.

ރަޝިއާ އާއި ވޭލްސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.