މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ މާދަމާ ލޯންޗްކުރަނީ
މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ މާދަމާ ލޯންޗްކުރަނީ

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއީ) މާދަމާ ލޯންޗްކުރަން ނިންމައިފި އެވެ.

މި އެކްސްޕޯ ހިންގާ ބްލަކް އިން ބުނިގޮތުގައި ހަތަރުވަނަ މެރިން އެކްސްޕޯ ލޯންޗްކުރުން އޮންނާނީ މާދަމާ ހަވީރު ރިޓެލާ ލަގްޒަރީ ބޯޓްގަ އެވެ. މި އެކްސްޕޯ މާދަމާ ހުޅުވި ނަމަވެސް އެގްޒިބިޝަން އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 9 ން 11 އަށް ދަރުބާރުގޭގަ އެވެ.

މި އެކްސްޕޯ އަކީ މި ދާއިރާ އިން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެންމެ ބޮޑު މައުރަޒެވެ.

ބްލަކް އިން ބުނި ގޮތުގައި، އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އެކި ފަރާތްތަކުން ވެސް އެކްސްޕޯގައި ބައިވެރިވާނެ އެވެ. އަދި ރާއްޖެ އިން ބޭރުގެ އެކި ސަޕްލަޔަރުން ވެސް ބައިވެރިވާނެ ކަމަށް ބްލަކް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކަނޑު އުޅަނދުފަހަރުގައި މަސައްކަތް ކުރާ ސަޕްލަޔަރުން އެއްތަނަކުން ބައްދަލުވެ، އެ ދާއިރާގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު އެކްސްޕޯގެ ސަބަބުން ފަހިވާނެ ކަމަށެެވެ.

"މި އިންޑަސްޓްރީ ތެރޭގައި އާ ހަރަކާތްތަކާއި އާ މަސައްކަތްތައް ކުރިއަށް އެބަދޭ. މެރިން އެކްސްޕޯގައި އެ އެއްޗެތި ފެނިގެން ދާއިރު މެރިން އެކްސްޕޯގަ އާ ޕްރަޑަކްޓްތައް ލޯންޗް ކުރާނެ،" ބަލަކް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ދާއިރާގެ އެންމެ އިސް ފަރާތްތަކުން ބައިވެރިވެ، އެކިއެކި މައުލޫމާތު އެކްސްޕޯގައި ދޭނެ ކަމަށެވެ.

ލިވަބޯޑުން ވަނީ މިދިޔަ ތިން އަހަރު ވެސް މި މައުރަޒު ބާއްވައިފަ އެވެ. އަދި މި އަހަރުގެ މައުރަޒުގައި ކުރީ އަހަރު ތަކުގައި ބައިވެރިވި ފަރާތްތައް ވެސް ފެންނާނެ އެވެ. މިދިޔަ އަހަރުގެ އެކްސްޕޯގައި 32 ފަރާތަކުން ބައިވެރިވެފައިވާއިރު، އެ ހަރަކާތް އޮތީ ހުޅުމާލޭގަ އެވެ.

މި އެކްސްޕޯ އިންތިޒާމް ކުރާ ބްލަކް އަކީ މިދިޔަ ތިން އަހަރުގެ އިވެންޓް ވެސް މެނޭޖް ކުރި ފަރާތެވެ.