އަދީބުގެ ސިއްހީ ހާލަތާ މެދު އާއިލާ އިން ކަންބޮޑުވެއްޖެ
އަދީބުގެ ސިއްހީ ހާލަތާ މެދު އާއިލާ އިން ކަންބޮޑުވެއްޖެ

ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު އެމަނިކުފާނުގެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދީބުގެ އާއިލާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮކްޓޯބަރު 24، 2015 ގައި އެމަނިކުފާނު ހައްޔަރުކުރި ފަހުން، ބޮޑެތި ސިއްހީ މައްސަލަތަކެއް އަދީބުގެ ފަރާތުން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދުމާއި ކިޑްނީގައި ހިލަ އުފެދުން ހިމެނެ އެވެ. މީގެ އިތުރުން ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ވެސް އަދީބަށް ޖެހިފައިވާކަން މާލެ އިން ހެދި ޓެސްޓްތަކުން އެނގޭ ކަމަށް އާއިލާ އިން ބުނެ އެވެ.

"ބޮޑެތި ބަލިތަކާ ގުޅިގެން އާއިލާގެ ހަވާލުގައި ބޭސްފަރުވާ އަށް ދިއުމުގެ ފުރުސަތަކީ ބަންދުގައި ތިބޭ އެންމެހައި ފަރާތްތަކަށް ދެވޭ ފުރުސަތެކެވެ. މަތީގައި ބަޔާން ކުރެވިފައިވާ ސިއްހީ ސަބަބުތަކަށްޓަކައި އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ އާއިލާގެ ފަރާތުން މިހާރު ވަނީ ބޭސްފަރުވާ އަށް އަހުމަދު އަދީބު އަބްދުލް ޣަފޫރު ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ އަށް އެދިފަ އެވެ،" ބަޔާނުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލަ އަދި ހިޔާނާތުގެ މައްސަލާގައި ހުކުމް އައިސްފައިވާ އަދީބު މިދިޔަ މާޗްމަހުން ފެށިގެން ހުންނަވަނީ، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ދޫނިދޫ ޖަލުގަ އެވެ.

ދޫނިދޫ ޖަލަކީ ފުލުހުންގެ ތަހުގީގަށް ބަންދުގައި ބައިތިއްބާ މީހުންނަށް ހާއްސަ ޖަލެއް ކަމަށް ވާއިރު، ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު، ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަަމަށް ބައެއް ވަކީލުން ބުނެ އެވެ.

ޕެރޯލްގެ ގާނޫނުގައި ވަނީ ވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފަށައި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބައިތިއްބަން ޖެހޭނެ ރިމާންޑް ޖަލެއްގައި ކަމަށާއި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހުން ބައިތިއްބަން ޖެހޭނީ އާންމު ޖަލެއްގައި ކަމަށް ގާނޫނުގައިވެ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.