22 މެއި 2017 - 18:49

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ އަތުން 1-0 އިން ބަލިވެ މާޒިޔާ އިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް މިއަދު ނިމުން އައިސްފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން މާޒިޔާ ވަނީ މޮޅުވެފަ އެވެ. މިއަދުގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑު ދަމަހައްޓަން އޮތް ފުރުސަތު ވަނީ ގެއްލިފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިއު ރޭޑިއަންޓް އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

މިއަދުގެ މޮޅާ އެކު ވިކްޓަރީ ވަނީ ލީގުގެ ފަސް ވަަނަ އަށް ޖެހިލައިފަ އެވެ. ވިކްޓަރީ އަށް އަށް މެޗުން 11 ޕޮއިންޓް ވަނީ ލިބިފަ އެވެ. މިއަދުގެ މޮޅާ އެކު އެ ޓީމުން ވަނީ ލީގުގެ ހަތަރު ވަނައިގައި އޮތް ޓީސީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ޓީސީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން އީގަލްސް ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް އަލުން ފަސް ވަނަ ލިބޭނެ އެވެ.
މިއަދުގެ މެޗަށް މާޒިޔާ އިން ނުކުތީ ދެ ބަަދަަލަކާ އެކު އެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ އާއު ޔަޝްފާދު ހަބީބު (މުލަކޭ)ގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) އާއި ހަސަން ޝިފާޒް (ޑުންގާ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ފުރަތަމަ ބުރުގެ ފަހު ދެ މެޗުން މޮޅުވެ، މި މެޗަށް ނުކުތްއިރު ވިކްޓަރީ ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ސީޒަންގެ ފުރަތަމަ ކޮޅު ދިމާވި މައްސަލަތައް އެ ޓީމުން ވަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުކޮށްފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ދެ ހަމަލާ އުފެއްދީ މާޒިޔާގެ މުހައްމަދު އުމެއިރު އެވެ. މެޗުގެ 13 ވަނަ މިނިޓްގައި އޭރިއާ ބޭރުން ފޮނުވާލި ފުރަތަމަ ޝޮޓް ދަނޑިކައިރިން ބޭރަށް ދިޔައިރު، އޭގެ ދެ މިނިޓް ފަހުން އޭނާ ފޮނުވާލި ބޯޅަ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ވަނީ ދިފާއުކޮށްފަ އެވެ.
ވިކްޓަރީން ދިޔައީ ކައުންޓަ އެޓޭކުގައި މާޒިޔާ އަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން މެޗުގެ 27 ވަނަ މިނިޓްގައި ވިކްޓަރީގެ މުސްތަފާ ސެޑިކް އޭރިއާ ތެރެއިން މާޒިޔާގެ ސަމޫހް އަލީ (ސަމުއްޓެ) ކައިިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ އެ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން ވިކްޓަރީ ކެރިޗް އަންދްރޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ވިކްޓަރީން ކުރިއަށް ޖެހިގެން ކުޅެން ފެށި ވަގުތު މާޒިޔާ އިން ވަނީ ލިބުނު ފުރުސަތުތަކުގައި ނުރައްކާ ކޮށްފަ އެވެ. މި ގޮތުން މެޗުގެ 33 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ބޯޅަ ވިކްޓަރީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔަ ބޯޅަ ވިކްޓަރީ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން އޭރިއާ ތެރެއިން އަލެކްސަންޑަ ރަކިޗް ފޮނުވާލި ހަމަލާ ވެސް އިމްރާން ވަނީ މަތަކޮށްފަ އެވެ.
ވިކްޓަރީން ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިދިޔަ ސީޒަނުގައި އީގަލްސް އަށް ކުޅުނު ސެޑިކް އެވެ. އޭރިއާ ތެރެއިން ސަމުއްޓެ ކައިރިން ނައްޓާލުމަށް ފަހު ސެޑިކް ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ކީޕަރު ޕަވެލް ހުރީ ހަރަކާތް ހުއްޓިފަ އެވެ.
ދެ ވަނަ ހާފްގެ ފުރަތަމަ ހަމަލާ އުފެއްދީ ވިކްޓަރީންނެވެ. ހާފްގެ ދެ ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ރިލޭ ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.
ހާފް ފެށިގެން 10 މިިނިޓް ތެރޭ މާޒިޔާ އިން ވަނީ އާއްކޮގެ ބަދަލުގައި ހުސެއިން ނިޔާޒް (ބޮކުރީ) ކުޅެން އަރުވައިފަ އެވެ. އަދި އޭގެ ފަހުން ސަމުއްޓެގެ ބަދަލުގައި އަލީ ހައިޝަމް (ޗުމްޕު) އެރުވުމަށް ފަހު އެޓޭކަށް އިސްކަށް ދިނެވެ.
މާޒިޔާ ކުރިއަށް ޖެހިގެން ކުޅެން ފެށުމުން ވިކްޓަރީ އަށް ޕްރެޝަރު ބޮޑުވާން ފެށި އެވެ. އެ ވަގުތު މާޒިޔާގެ ރަކިޗް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ 70 ވަަނަ މިނިޓްގައި ޗުމްޕު ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާ ރޮނގުކައިރިން ރަކިޗް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން އުމެއިރު ދިން ބޯޅަ ރަކިޗް ފޮނުވާލި ނަމަވެސް ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތު މާޒިޔާގެ ޓީމު އެއްކޮށް ކަހަލަ ގޮތަށް ކުޅެމުން ދިޔައީ ވިކްޓަރީ ހާފްގެ ތެރޭގަ އެވެ. ޓީމުގެ އެންމެ ފަހަތަށް ކުޅެމުން ދިޔަ އަމްދާން އަލީ (އެންޑީ) ކުރިއަށް ޖައްސައިގެން ވެސް މާޒިޔާ އިން ދިޔައީ ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ވިކްޓަރީގެ ޑިފެންސް ފެނުނީ އެއަށް ވުރެން ވަރުގަދަ ކޮށެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ ގާތްގާތުގައި މެޗުތަށް ކުޅެން ޖެހުމުގެ ވަރުބަލިކަން މިއަދު ޓީމަށް ވަރަށް ބޮޑަށް ދިމާވި ކަމަށާއި އެހެން ނަމަވެސް ލިބުނު ފުރުސަތުތަކާ ބަލާ މި މެޗުން މޮޅުވެވުނީސް ކަމަށެވެ.
"އެއް މަސް ވެއްޖެ ގާތްގާތުގައި މެޗުތައް ކުޅެމުން އަންނަތާ. އޭރު އަހަރެމެން ކޮޅަށް ނަތީޖާ އޮތް ނަމަވެސް އަހަރެންނަށް އެނގޭ ކޮންމެވެސް އެއް ހިސާބަކުން އަހަރެމެންނަށް ގޯސްކޮށްދާނެހެން. ހަގީގަތުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު މި މެޗުން އަހަރެމެންނަށް ވެސް މޮޅުވެވޭނެ،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާގެ އެޓޭކުގައި މުހިއްމު ދައުރެއް މި ސީޒަނުގައި އަދާކުރި އަސަދުﷲ ނެތްތަން މިއަދުގެ މެޗުގައި އެ ޓީމުން ދެއްކި އެވެ. ސެކުލޮސްކީ ބުނީ އަސަދުﷲ ނުފެނުނީ އަނިޔާގެ ސަބަބުން ކަމަށެވެ.
"އަސަދުﷲ ހުރީ އަނިޔާގައި. ހުރިހާ ކުޅުންތެރިން ވެސް ހުރީ ވަރުބަލިކޮށް. އަހަރެން މެޗުގެ ކުރިން އެހިން ކުޅެވޭނީ ކޮން ކުޅުންތެރިންނަކަށްތޯ. ކުޅެވޭނެޔޭ ބުނި ކުޅުންތެރިން މިއަދު އެ ފެނުނީ. އަސަދުﷲ ނުފެނުނީ ނުވާނެޔޭ ބުނުމުން،" އޭނާ ބުންޏެވެ.
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ކުރިއަށްދާން ބަލާއިރު ވަރަށް މުހިއްމު ތިން ޕޮއިންޓު ކަމަށާއި މި ހާސިލްކުރެވުނީ އެހެން ޓީމުތަކަށް ނުވެފައި އޮތް ކަމެއް ކަމަށެވެ.
"އަނެއް ބުރަށް ދާން ބަލާއިރު މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް. ކުރިއަށްދާން ވަރަށް ބޮޑު ކާމިޔާބެއް މިއީ. އަޅުގަނޑަކީ މީގެ ކުރިން ގަދަ ހަތަރެއް ނޫނީ ގަދަ ހަޔެއްގައި އޮންނަން މަސައްކަތްކުރި ކޯޗަކަށް ނުވާތީ އަލަށް އެކަން ކުރަން ޖެހޭތީ އުނދަގޫވި. އެކަމަކު މިހާރު ހޭނެމުން މިދަނީ،" ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު އިމްރާން އެވެ. ސުޒޭން ވަނީ މި މެޗުގައި އިމްރާންގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފްކޮށްފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. މިއީ ރޭ ކުޅެން ހަމަޖެހިފައި އޮތް މެޗެއް ނަމަވެސް ވިއްސާރައިގެ ސަަބަބުން މިރެއަށް މެޗު ވަނީ ފަސްކޮށްފަ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.