އިވަންކާގެ ފަންޑަށް ސައުދީ، ޔޫއޭއީ އިން 100 މިލިއަން ޑޮލަރު
އިވަންކާގެ ފަންޑަށް ސައުދީ، ޔޫއޭއީ އިން 100 މިލިއަން ޑޮލަރު

ރިޔާޒް (މެއި 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕުގެ އިސްނެންގުމަކަށް، ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ތަރައްގީ އަށް އެހީވުމަށް އުފައްދާ ފަންޑަށް ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފި އެވެ.

ގަލްފުގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ދެ ގައުމުން ދޭ އެހީ ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔޮން ކިމް އިއުލާން ކުރެއްވީ އިވަންކާ އާއި ސައުދީ އަންހެނުންގެ ޖަމާއަތަކާ އެކު ރިޔާޒުގައި އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. ކިމް ވިދާޅުވީ އެމެރިކާ އާއި އެހެން ގައުމުތަކުން ދޭ އެހީއާ އެކު އަންހެނުން ބާރުވެރި ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ފަންޑެއް ޖުލައި މަހު އޮންނަ ޖީ-20 ސަމިޓުގައި އިއުލާން ކުރެވޭވަރު ވާނެ ކަމަށެވެ.

ތަރައްގީނުވާ ގައުމުތަކުގެ އަންހެނުންގެ ވިޔަފާރި އަށް މައިކްރޯފައިނޭންސް ފޯރުކޮށް ދިނުމުގެ ފަންޑެއް އުފެއްދުމުގެ ޚިޔާލު އުފަންވެފައި ވަނީ އިވަންކާ އާއި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިދިޔަ މަހު ބާލިންގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާ ވަފުދުގެ ބޭފުޅުން ސައުދީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ.