ޓެސްޓުގައި މަކަރު ހެދުން ހުއްޓުވުމަށް އަލްޖީރިއާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި
ޓެސްޓުގައި މަކަރު ހެދުން ހުއްޓުވުމަށް އަލްޖީރިއާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި

އަލްޖިއާސް (ޖޫން 20) - ސެކަންޑަރީ ސްކޫލް އިމްތިހާނުގައި މަކަރު ހެދުން ހުއްޓުވުމަށް ޓަކައި އަލްޖީރިއާ އިން ވަގުތީ ގޮތުން ސޯޝަލް މީޑިއާ ބްލޮކް ކޮށްފި އެވެ.

އަލްޖީރިއާގައި ސެކަންޑަރީ ސްކޫލް އިމްތިހާނު ހެދި ދަރިވަރުން އޮންލައިންކޮށް ޓެސްޓްގައި މަކަރު ހަދާފައިވާކަން ފަޅާއަރާފައިވާތީ ކަމާބެހޭ ފަރާތްތަކުން ވަނީ އިމްތިހާނު އަލުން ހަދަން ނިންމައިފަ އެވެ. މި މަހު ކުރީކޮޅު ބޭއްވި އިމްތިހާނުގެ ސުވާލުތައް ދަރިވަރުން ވަނީ ފޭސްބުކާއި އެނޫން ވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހޯދައިފަ އެވެ. އެހެންކަމުން ދެބައިކުޅަ އެއްބައި ދަރިވަރުން ވަނީ ޓެސްޓް އަލުން ހަދަން ޖެހިފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވެސް އަލްޖީރިއާގައި ވަނީ ސެކަންޑަރީ ސްކޫލް އިމްތިހާނުގައި މަކަރު ހެދުމުގެ މައްސަލަތައް ކުރިމަތިވެފަ އެވެ.

އަލްޖީރިއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ސޯޝަލް މީޑިއާ ބްލޮކް ކުރަން ނިންމީ އިމްތިހާނު ހަދާ ދަރިވަރުން އޮންލައިން މެދުވެރިކޮށް ސުވާލުތައް ހޯދާ މަކަރު ހެދުން ހުއްޓުވުމަށް ޓަކައި ކަމަށެވެ.