ލޯބި ހާމަކުރާނީ ސޯޝަލް މީޑިއާއަކު ނޫން
ލޯބި ހާމަކުރާނީ ސޯޝަލް މީޑިއާއަކު ނޫން

ބައިވެރިޔާއާ ގުޅޭ ގޮތުން ވަރަށް އުފާވެރި ވާހަކަތައް ސޯޝަލް މީޑިއާގައި ހާމަކޮށްފައި ހުއްޓާ ފެނެ އެވެ. ނަމަވެސް ފަހުގެ ދިރާސާއަކަށް ފަހު ތަޖުރިބާކާރުން ބުނަނީ ސޯޝަލް މީޑިއާގައި އެ މީހެއްގެ ބައިވެރިޔާގެ ވާހަކަ ނުދައްކާ މީހުންގެ ގުޅުން މާ އުފާވެރި ކަމަށެވެ.

ރައްޓެހިވެގެން އުޅޭ މީހަކާ މެދު ފަޚުރުވެރިވެ އެ ގުޅުން އާންމުންނަށް އެންގުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިގޮތަށް ދައްކާފައި ހުންނަ ވާހަކައިގެ ސައްހަކަމެއް ނޭނގެ އެވެ. އެންމެ ދެ މީހުން އެކުގައި ނަގާފައި ހުންނަ ސެލްފީތައް ގިނައިން ޕޯސްޓްކުރާނީ އެންމެ ލޯބިވާ މީހުން ހެއްޔެވެ؟ ނޫނެކެވެ.

ސޯޝަލް މީޑިއާ އެއްގޮތަކަށް ވެސް ބޭނުންނުކުރާ މީހުން ހަގީގީ ދިރިއުޅުމުގައި މާ އުފާވެރި އެވެ. މާ ގިނައިން ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ސަބަބަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދިރިއުޅުމާއި އެހެން މީހުންގެ ދިރިއުޅުމާ އަޅާކިޔޭތީ އެވެ.

އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ނަމަ އަބަދު ސެލްފީ ނަގާފައި ސޯޝަލް މީޑިއާ އަށް ލުން މުހިންމެއް ނޫނެވެ. އަދި އިރުއިރުކޮޅަކާ ސްޓޭޓަސް އަޕްޑޭޓް ކުރުމަކީ ވެސް ބޭނުން ކަމެއް ކަމަކަށް ނުދެކޭނެ އެވެ.

ސޯޝަލް މީޑިއާ އަޕްޑޭޓްކޮށް ފޮޓޯތައް ދައްކައިގެން، ދެ މީހުން ލޯބިވާ މިންވަރު ހާމަކުރަމުން ގެންދިއުމަކީ އެމީހަކަށް ހިތްހަމަޖެހުންތަކެއް ލިބޭ ކަމަކަށް ވެދާނެ އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ އަހަރެމެންގެ ސިކުނޑި އަހަރެމެން އަމިއްލައަށް ދޮވެލައިގެން އެހެން މީހުންނަށް ލޯބީގެ ދިރިއުޅުމުގެ އުފާވެރިކަން ދައްކައިގެން ހިތްހަމަޖެހުން ހޯދުމަކީ ބޭކާރު ކަމެކެވެ.

ހަގީގަތުގައި އެއްވެސް މީހަކު އޭނާގެ ލޯބީގެ ގުޅުން ނުވަތަ ޒަވާޖީ ގުޅުމުގައި މައްސަލައެއް އުޅޭކަމަށް ގަބޫލު ނުކުރާ ނަމަ އެ އިހްސާސްތައް އެހެން މީހުންނަށް ހާމަކޮށް އެމީހުން ބުނާ އެއްޗެއް ބަލާކަށް ނޫޅޭނެ އެވެ. ސަބަބަކީ އެހެން މީހަކަށް އެއްވެސް ކަމެއް ސާބިތުކޮށްދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް އެމީހުން ގަބޫލު ނުކުރާނެތީ އެވެ.

ނަމަވެސް މީގެ މާނައަކީ ތިމާގެ ބައިވެރިޔަކު ނެތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގު ހެދުމެއް ވެސް ނޫނެވެ. އެހެން ދިރާސާއެއް ބުނާ ގޮތުގައި ފޭސްބުކްގައި ރިލޭޝަންޝިޕް ސްޓޭޓަސް އަޕްޑޭޓްކުރާ މީހުންނަކީ، އެގޮތަށް އަޕްޑޭޓް ނުކުރާ މީހުންނަށްވުރެ ލޯބިވެރިޔާއަށް ވަފާތެރި މީހެކެވެ.