ޖަޕާނުގައި ބަޔޮލޮޖީ ކިޔަވާ ދަރިވަރުންތަކެއް، ތަޅާލާފައިވާ ކުކުޅުބިހަކުން ފިޔޮކެއް ވިއްސައިފި އެވެ.

ދަރިވަރުން މިކަމަށް ބޭނުންކޮށްފައި ވަނީ ބިއްލޫރި ތައްޓަކާއި ތުނި ރަބަރުގަނޑަކެކެވެ. ބިސް ތަޅާލުމަށް ފަހު އޭގެ އެތެރޭގައިވާ ބައިތައް، ތަށީގެ ތެރޭގައި ހަރުކޮށްފައިވާ ރަބަރުގަނޑުގެ ތެރެއަށް، ކެމިކަލްއަކާ އެކު އަޅާލަނީ އެވެ. މިގޮތަށް ހެދުމަށް ފަހު އިންކިއުބޭޓާގައި ބަހައްޓާތާ ތިން ވަނަ ދުވަހު ބިހުގެ ތެރެއިން ދިރުން ފެންނަން ފަށަ އެވެ. އެންމެ ފުރަތަމަ އުފެދެނީ ހިތެވެ.

ދަރިވަރުން އާންމުކޮށްފައިވާ ވީޑިއޯ ނިމޭ ތަނުން ފެންނަނީ އެ ބިހުން އުފެދުނު ފިޔޮއް ދުވެފައި އުޅެނިކޮށެވެ.

ބިހުގައި ހިތް އުފެދުމަށް ފަހު، އޭގެ ވަށައިގެން ފިޔޮކުގެ ބައިތައް މަޑުމަޑުން އުފެދެމުންދެ އެވެ. އަދި 21 ދުވަހުގެ ތެރޭގައި ފިޔޮއް ފުރިހަމަވެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފަސް ވަނަ ދުވަހު ބިހުގެ ގޮބޮޅިގަނޑުތެރެއިން ލޭނާރުތައް އުފެދި އެކި ދިމަދިމާލަށް ފެތުރިގެންދެ އެވެ. އަދި މަޑުމަޑުން ފިޔޮކުގެ އެކި ގުނަވަންތައް އުފެދެމުންދާ ތަން ފެނެ އެވެ.

މިއީ ތޮށިގަނޑު ނެތް ބިހަކުން ފިޔޮކެއް ވިއްސި ފުރަތަމަ ފަހަރު ކަމަށް ބުނެފައި ވިޔަސް މީގެ ކުރިން ވެސް މިފަދަ ބައެއް އެކްސްޕެރިމެންޓްތައް ކޮށްފައިވާ ކަމަށްވެ އެވެ. ތޮށިގަނޑު ނެތަސް ބިހަކުން ފިޔޮއް ވިއްސިދާނެ ކަމަށް ބުނާ ރިސާޗް ޕޭޕަރެއް ޖަޕާނުގެ ސައިންސްވެރިން 2014 ވަނަ އަހަރު އާންމުކޮށްފައިވެ އެވެ.