23 މެއި 2017 - 09:38

ބާސެލޯނާ (މެއި 22) - ބާސެލޯނާއާ ދެން ހަވާލުވާ ކޯޗަކަށް އޮތީ ބޮޑު ޒިންމާއެއް ކަމަށް އެ ޓީމުގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވާން ނިންމާފައިވާ ލުއިސް އެންރީކޭ ބުނެފި އެވެ.
އެންރީކޭ ވަނީ ބާސެލޯނާގައި ހޭދަކުރި ތިން ސީޒަނުގައި އެ ޓީމަށް އަށް މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ. އަދި މި ސީޒަނުގެ ކޮޕަ ޑެލްރޭ ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ކޮޕަ ޑެލްރޭ ފައިނަލުގައި ބާސެލޯނާ ނުކުންނާނީ ސެލްޓަ ވިގޯއާ ދެކޮޅަށެވެ.
އެންރީކޭ ބުނީ ބާސެލޯނާ އަށް ސްޕެނިޝް ލީގު ގެއްލުނީ ބަލިވާން ނުޖެހޭފަދަ މެޗުތަކެއް ގެއްލުމުންނެވެ.
"އަހަރެމެންނަށް ލީގު ގެއްލުނީ އެއް ފެންވަރެއްގައި ނުކުޅެވިގެން. އަހަރެމެންނަށް ބަލިވާން ނުޖެހޭ ފަދަ މެޗުތަކެއް ގެއްލުނު. އޭގެ ސަބަބުން ލީގު މި ގެއްލުނީ،" އެންރިކޭ ބުންޏެވެ.
ބާސެލޯނާ ވަނީ މި ފަހަރު ލީގުގައި ސެލްޓަ ވިގޯ، ޑިޕޯޓިވޯ، މަލާގާ އަދި އަލަވޭސް އަތުން ބަލިވެފަ އެވެ.
ބާސެލޯނާ އިން ވަނީ ސީޒަން ނިމުނުހާ އަވަަހަކަށް އެ ޓީމަށް ދެން ހަމަޖައްސާނެ ކޯޗެއް އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ. އެންރީކޭ ބުނީ އެ ޓީމަށް ދެން ގެންނަ ކޯޗަަކަށް އޮތީ ބުރަ މަސައްކަތެއް ކަމަށެވެ.
"މި ޓީމުގައި އެބަހުރި މުސްތަގުބަލާ ގުޅޭގޮތުން ސުވާލު އުފެދިފައިވާ ކުޅުންތެރިން. ބައެއް ކުޅުންތެރިންގެ އެއްބަސްވުން އާ ކުރަން ޖެހިފައި ވެސް އެބަހުރި. މި ޓީމު އެކުގައި ބެހެއްޓުން މުހިއްމު. އެއީ ދެން އަންނަ ކޯޗެއްގެ ޒިންމާއެއް،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ އަންނަ ސީޒަނުގައި ވެސް ބާސެލޯނާ އަށް މިހާރު އޮތް ސްކޮޑު ގޮވައިގެން ކާމިޔާބު ހޯދޭނެ ފެންވަރު އެބަހުރި ކަމަށާއި އެހެން ނަމަވެސް ވާދަވެރި އެހެން ޓީމުތަކުން ވެސް ޓީމު ވަރުގަދަ ކުރާތީ ބާސެލޯނާ އިން ވެސް އެ ގޮތަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބާސެލޯނާ އިން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލްގެ ފިލިޕޭ ކޯޓީނިއޯ އާއި ޕީއެސްޖީގެ މާކޯ ވެރާޓީ އަދި މޮނާކޯގެ ބެންޖަމިން މެންޑީ ހިމެނެ އެވެ.