ޗެމްޕިއަންސް ލީގަށް ވުރެ ލީގު ލިބުމުން އުފާވޭ: ޒިދާން
ޗެމްޕިއަންސް ލީގަށް ވުރެ ލީގު ލިބުމުން އުފާވޭ: ޒިދާން

މެޑްރިޑް (މެއި 23) - މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަށް ވުރެ ރެއާލް މެޑްރިޑަށް މި ފަހަރުގެ ސްޕެނިޝް ލީގު ހޯދައިދިނުމުން ލިބުނު ހިތްހަމަ ޖެހުން މާ ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަފައެލް ބެނިޓޭޒް ދުރުކުރުމަށް ފަހު ޒިދާން ވަނީ އެ ޓީމާ ހަވާލުވެ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުު ކާމިޔާބު ކޮށްފަ އެވެ. ރެއާލާ އެކު ހޭދަކުރި ފުރަތަމަ ފުރިހަމަ ސީޒަނުގައި ޒިދާން ވަނީ އެ ޓީމަށް މި ފަހަރުގެ ސްޕެނިޝް ލީގު ހޯދައިދީފަ އެވެ.

"ހަގީގަތުގައި މިއީ ހުރިހާ ގޮތަކުން ވެސް ހާއްސަ ކާމިޔާބީއެއް. އެއީ ފަސް އަހަރު ކޮށްފައި އަހަރެމެންނަށް ލީގު މި ލިބުނީ. ކުޅުންތެރިއެއްގެ ގޮތުގައި އަހަންނަށް ރެއާލްގައި ހުރެގެން ލިބުނު ކާމިޔާބީ އާއި މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ލިބުމަށް ވުރެ މި ފަހަރު ލީގު ހޯދުމުން ލިބުނު އުފާ މާ ބޮޑު،" ޒިދާން ބުންޏެވެ.

ރެއާލުގެ ކޯޗެއްގެ މަގާމުގައި ދެމިހުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ދެމިހުންނަން ތަށި ހޯދުން މަޖުބޫރު ކަމަށް ޒިދާން ވަނީ ބުނެފަ އެވެ.

"އަހަރެން ކުޅުންތެރިއެއްގެ ގޮތުގައި ރެއާލުގައި ހުރެ ވެސް ގިނަ ކޯޗުންނާ އެކު މަސައްކަތް ކުރިން. އަހަންނަށް އެނގޭ ރެއާލުގެ ކޯޗެއްގެ ގޮތުގައި ދެމިހުންނައިރު ޕްރެޝަރު އަންނާނެ މިންވަރު. މި މަގާމު ޔަގީންކުރެވޭނެ ހަމަ އެކަނި މަގަކީ ތަށި ހޯދުން. އަހަރެން މިހުރީ އެ ފިޔަވަޅު މަތީގައި،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ކާމިޔާބީ ދަަމަހައްޓަން ރެއާލުގައި މިހާރު ތިބި ގިނަ ކުޅުންތެރިން އެ ޓީމުގައި މަޑުކުރުވުން މުހިއްމު ކަމަށާއި އިތުރު ކުޅުންތެރިން ވެސް ބޭނުންވާ ކަމަށެވެ.

ރެއާލް ދެން ކުޅޭ މެޗުގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނުކުންނާނީ ޒިދާން ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ކްލަބް ޔުވެންޓަސްއާ ދެކޮޅަށެވެ. ވޭލްސްގެ ކާޑިފްގައި ކުޅޭ ފައިނަލް އޮންނާނީ އަންނަ މަހު 3 ވަނަ ދުވަހު އެވެ.