20 ޖޫން 2016 - 12:18

ނަސަންދުރަ ޕެލެސް ހޮޓެލް އަލުން އެޅުމުގެ މަސައްކަތް ޗައިނާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ފަށައިފި އެވެ.

ނަސަންދުރަ ހުރި ތަން ސަރުކާރުން ވަނީ މިދިޔަ އަހަރު އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދީފަ އެވެ. އެ ތަން ދިނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮތް ކުންފުންޏަކަށެވެ.

މާލޭގައި ހުރި އެންމެ ބޮޑު ޓޫރިސްޓް ހޮޓަލަށް ވާނެ ނަސަންދުރަ ހަދަނީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އަޅާ ސީސީސީސީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ނަސަންދުރަ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޒޮންޝިއާން ކޮންސްޓްރަކްޝަންއާ އެވެ. އެ ކުންފުނިން މިހާރު ދަނީ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވަމުންނެވެ.
ޒޮންޝިއާން ކޮންސްޓްރަކްޝަނަކީ ޗައިނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޒޮންޝިއާން ޑިވެލޮޕްމަންޓް ހޯލްޑިންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އިމާރާތް ކުރުމުން ފެށިގެން ބްރިޖާއި ރޭލްވޭ ފަދަ ތަންތަން އެޅުމުގައި ހަރަކާތްތެރިވާ މި ކުންފުނިން ޗައިނާގެ އިތުރުން އާސިއާން އާއި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގައި މަޝްރޫއުތައް ހިންގަ އެވެ. ޗައިނާ ސަރުކާރުގެ ކުންފުނިތައް ވެސް ހިމެނޭ ގޮތަށް، އެ ގައުމުގެ އެންމެ ބޮޑު 500 ކުންފުނީގެ ތެރޭގައި ޒޮންޝިއާން ހިމެނެ އެވެ.
އެކަމަކު، މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް އަދި ނުލިބެ އެވެ. ޒޮންޝިއާންއާ މަސައްކަތް ހަވާލުކުރި ގޮތެއް ވެސް ނޭނގެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގެ ފަހު ދުވަސްކޮޅު ނަސަންދުރަ ބަންދުކުރީ އެ ސަރަހައްދުގައި ޕާކަކާއި ޓޫރިސްޓުންނަށް ބޭނުންކުރެވޭނެ ރަނގަޅު ފެންވަރުގެ ފާހާނާތަކެއް ހަދާށެވެ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނަސަންދުރަ އަލުން ހިންގަން ނިންމައި، އެތަން ގެލެކްސީ އެންޓަޕްރައިސަސް އަށް ދިނީ އަށް އަހަރަށެވެ.
ގެލެކްސީ އެންޓަޕްރައިސަސް އަކީ މަނިކުގެ ހިއްސާ އޮތް ކުންފުންޏެކެވެ. އެކަމަކު ފަހުން ނަސަންދުރަ ހިންގުމުގެ ހުރިހާ ކަމެއް ވަނީ އެހެން ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. އެ ކުންފުނީގެ ނަމެއް އޮޑިޓް ރިޕޯޓްގައި ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ މަނިކުގެ ހިއްސާ އޮވެގެން އަލުން އުފެއްދި އެންޕީއެޗު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. އެންޕީއެޗަކީ ނަސަންދުރަ ޕެލެސް ހޮޓެލްގެ ނަން ކުރުކޮށް ކިޔާފައި އޮތް ގޮތެވެ.
ނަސަންދުރަ ދިން ގޮތާ މެދު އޮޑިޓަ ޖެނެރަލް ވަނީ ސުވާލު އުފައްދަވާފަ އެވެ. އޮޑިޓަ ޖެނެރަލް ދެއްވި ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ލާރިއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނެންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިންއިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
އެކަމަކު، ސަރުކާރުން ވަކި ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އޮޑިޓަ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 27، 2015 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެވެ.
ދެން އޭގެ ފަހުން އެ ދެ ބިން ކުއްޔަަށް ދިނީ، އޮޑިޓް ރިޕޯޓްގައި ނަން ޖަހާފައި ނުވި ނަމަވެސް، އެންޕީއެޗު އިންވެސްޓްމަންޓާ ކަމަށް ބެލެވެ އެވެ. އަދި ސްރީ ލަންކާގެ އޮންލައިން ނޫހެއްގައި ޖެހި ޚަބަރަކުން އެނގޭ ގޮތުން ނަސަންދުރަ ހުރި ބިމުގައި 150 ކޮޓަރީގެ ހަތަރު ތަރީގެ ހޮޓަލަކާއި 100 އެޕާޓްމަންޓް ތަރައްގީކުރަން ލަންކާގެ ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު އެންޕީއެޗު އިންވެސްޓްމަންޓުން ސޮއިކުރި އެވެ. އެންޕީއެޗުގެ އިތުރުން މި އިންވެސްޓްމަންޓްގައި، މަނިކުގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ އަލްފާ ކިނަމް ހޯލްޑިން ވެސް ބައިވެރިވެ އެވެ.