22 މެއި 2017 - 13:38

ރާއްޖެ އަށް މިހާރު ލައްވާލާފައިވާ ހުޅަނގު މޫސުމުގެ ފުރަތަމަ ވިއްސާރައިގައި މެދު ރާއްޖޭގެ އަތޮޅުތަކަށް އަދިވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.
މެޓުން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެހެން ހިސާބުތަކަށް ވުރެ މެދު ރާއްޖެތެރޭ ސަރަހައްދަށް ވައި ޖެހޭލެއް ވެސް ބާރުވާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ވިއްސާރައާ ގުޅިގެން މެޓުން ނެރެފައިވާ ވައިޓް އެލާޓް އަދިވެސް ކެންސަލެއް ނުކުރެ އެވެ. އަދި ރޭ ވަނީ ވަކި ވަގުތެއްގައި ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
މި ވިއްސާރައިގައި ކަނޑު ގަދަވެ، މާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާ ފެރީ ދަތުރުތަކަށް ރޭ ބުރޫއެރި އެވެ.
ރޭ މާލެއަށް އެރި ކޮޅިގަނޑެއްގައި ހ. ސޯސަންމީޑުގެ ފުރާޅު ހަލާކުވެ އެ ގޭގައި މީހުން ނޫޅެވޭ ވަރުވި އެވެ. އެހެންކަމުން އެގޭގެ 18 މީހަކަށް ޑިޒާސްޓާ ސެންޓަރުން ވަނީ ވަގުތީ ހިޔާ ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން މާލޭ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ބައެއް ބިލްބޯޑްތަކާއި ބައެއް ފެންސްތައް ވެސް ވެއްޓުނެވެ.