ލަންކާގެ ކެބިނެޓަށް ސިރިސޭނާ ބޮޑު ބަދަލެއް ގެންނަވައިފި
ލަންކާގެ ކެބިނެޓަށް ސިރިސޭނާ ބޮޑު ބަދަލެއް ގެންނަވައިފި

ކޮލަމްބޯ (މެއި 22) - ސްރީ ލަންކާގެ ކެބިނެޓަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ބޮޑު ބަދަލެއް މިއަދު ގެންނަވައިފި އެވެ.

ކެބިނެޓުގެ ނުވަ މަގާމަކަށް ސިރިސޭނާ ވަނީ ބަދަލު ގެންނަވައިފަ އެވެ. އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރާ ފިނޭންސް އެންޑް މާސް މީޑިއާ މިނިސްޓަރު ކަމަށް ބަދަލު ކުރުމެވެ. ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކަ ވަނީ ޚާރިޖީ ވަޒީރު ކަމަށް ބަދަލު ކުރައްވައިފަ އެވެ. ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ އިތުރުން ސިރިސޭނާ ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވެސް ބޭފުޅަކު ހަމަޖައްސަވައިފަ އެވެ.

އެވަންޓް ގާޑް ކޮރަޕްޝަނުގެ މައްސަލައިގައި ލޯ އެންޑް އޯޑާ މިނިސްޓަރުކަމުން ކުރިން އިސްތިއުފާ ދެއްވި ތިލަކަ މަރަޕަނާ އަށް ވަނީ ޑިވެލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރުކަން ދެއްވައިފަ އެވެ.

ކެބިނެޓަށް މިއަދު ގެންނެވި ބަދަލުތަކުގެ ކުރިން ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ކެބިނެޓަށް ގެންނަ ބަދަލަށް ޔުނައިޓެޑް ނޭޝަނަލް ޕާޓީން ވަނީ އެއްބަސްވެފަ އެވެ. އެ ޕާޓީގެ ޝަރުތަކީ ކުރިން ވެސް ކެބިނެޓުގައި ހިމެނުނު އަދަދަށް ޕާޓީ އަށް ޖާގަ ދިނުމެވެ.