22 މެއި 2017 - 11:23

ވެނިސް، އިޓަލީ (މެއި 22) - އިޓާލިއަން އޯޕަން ފައިނަލުގެ ނާކާމިޔާބީއަށް ފަހު ނޮވަކް ޖޮކޮވިޗް އަލުން ފަށާއިރު އޭނާގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަންދްރޭ އަގާސީ ހަމަަޖައްސައިފި އެވެ.
ޖޮކޮވިޗް ވަނީ މި މަހު ކުރީކޮޅު އޮތް މެޑްރިޑް އޯޕަންގެ ކުރިން އޭނާގެ ކޯޗިން ޓީމު އެއްކޮށް ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާގެ ކެރިއަރުގެ ބޮޑުބައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މާރިއަން ވައިޑާ ވެސް ހިމެނެ އެވެ.
ޖޮކޮވިޗް ވަނީ އިއްޔެ ކުޅުނު އިޓާލިއަން އޯޕަން ފައިނަލުގައި އުމުރުން 20 އަހަރުގެ އަލެކްސަންޑަ ޒްވެރެވް އަތުން ބަލިވެފަ އެވެ. މި މޮޅާ އެކު ޒްވެރެވް ވެފައިވަނީ ޖޮކޮވިޗަށް ފަހު އޭޓީޕީ މާސްޓާސް މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ.
ފައިނަލަށް ފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ވަނީ އޭނާގެ ކޯޗަކަށް އަގާސީ ހަމަޖައްސާފައިވާކަން އިއުލާން ކޮށްފަ އެވެ.
"މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަހަރެންވާނީ އަގާސީއާ ފޯނުން ވާހަކަ ދައްކާފައި. އޭނާ ފްރެންޗް އޯޕަންގައި އަހަންނާ އެކު މަސައްކަތް ކުރާނެ. އަހަރެންގެ ކޯޗަކަށް އަގާސީ ވެގެންދިއުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ދުނިޔޭގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް ބުންޏެވެ.
ހަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކޮށްފައިވާ އަގާސީ ޓެނިހުން ރިޓަޔަކުރީ 2006 ވަނަ އަހަރު އެވެ. ޖޮކޮވިޗް ބުނީ އަގާސީއާ އެކު މާ ބޮޑު ދުރު ރާސްތާ ޕްލޭންތަކެއް ނެތް ކަމަށާއި ބޭނުންވަނީ ފުރަތަމަ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ.
"އަހަރެން އަގާސީއާ އެކު މަސައްކަތް މި ފެށީ މާ ބޮޑު ޕްލޭންތަކެއް ހަދާއިގެނެއް ނޫން. ފުރަތަމަ އަމާޒަކީ ފްރެންޗް އޯޕަން. އެ މުބާރާތަށް ފަހު ދެން ކުރިއަށްދާނެއް ގޮތެއް ކަނޑައަޅާނީ،" އުމުރުން 29 ޖޮކޮވިޗް ބުންޏެވެ.
ފްރެންޗް އޯޕަން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.