22 މެއި 2017 - 07:24

މަލާގާ (މެއި 22) – މަލާގާ އަތުން 2-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑް ރޭ ހޯދައިފި އެވެ.
ލީގުގެ ފަހު މެޗަށް ރޭ ނުކުތްއިރު މެޑްރިޑަށް ލީގު ގެއްލެން އޮތީ އެ ޓީމު ބަލިވެ އަދި އެއިބާ އަތުން ބާސެލޯނާ މޮޅުވެގެންނެވެ. ރޭގެ މޮޅާ އެކު މެޑްރިޑް ލީގު ކަށަވަރުކުރީ 93 ޕޮއިންޓާ އެކު އެވެ. އެއީބާ އަތުން ފަހަތުން އަރައި 4-2 އިން މޮޅުވި ބާސެލޯނާ އަށް ހާސިލްކުރެވުނީ 90 ޕޮއިންޓެވެ. ރެއާލް މެޑްރިޑް އަތުން ހޯދި މޮޅާ އެކު ބާސެލޯނާ އިން ލީގުގެ ފަހު ބައިގައި އޮތީ ލީޑެއްގަ އެވެ. އެކަމަކު މެޑްރިޑް ކުރިން ނުކުޅެ އޮތް މެޗެއް މިދިޔަ ހަފުތާގައި ކުޅެ އެ ޓީމު ވަނީ އެ މެޗުން މޮޅުވެ ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެއާ އެކު ރޭގެ މެޗަށް ނުކުތްއިރު އެ ޓީމަށް ލީގު ކާމިޔާބުކުރަން ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ.
މި ސީޒަނުގައި ދެ ތަށި ހޯދުމަށްޓަކައި، މެޑްރިޑަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ބާސެލޯނާ އަށް އަދި ސްޕެނިޝް ކަޕް ކާމިޔާބުކުރެވެން އެބައޮތެވެ. އެ މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ އެ ޓީމު ނުކުންނާނީ އަލަވެސްއާ ދެކޮޅަށެވެ.
މިއީ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބުކުރި 33 ވަނަ ވަނަ ފަހަރެވެ. ލީގުގެ އެންމެ ކާމިޔާބު ކްލަބުގެ ގޮތުގައި އެ ޓީމު އޮތްއިރު ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހޯދިފައިވަނީ 24 ތަށްޓެވެ.
މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ހުރިހާ ވެސް އެއްޗަކީ ލީގު ކަމަށާއި ލީގު ކާމިޔާބުނުކުރެވި ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ.
"އެހެންވެ ލީގު ކާމިޔާބުކުރެވުމަކީ ވަރަށް މުހިއްމު ކަމެއް. ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް، އެހެންކަމުން ލީގު އެބަޖެހޭ ހޯދަން،" ޒިދާން ބުންޏެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ރޭ ކުޅުނު ދެ ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 55 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ އެވެ.
ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓާއި 61 ވަނަ މިނެޓުގައި އެއިބާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ ފަހު ބަޔަށް އެޅިއިރު ބާސެލޯނާ އޮތީ ފަހަތުގަ އެވެ. އެކަމަކު 63 ވަނަ މިނެޓުގައި އެއިބާގެ ޔުންކާ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ތަފާތު ކުޑަވި އެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިނީ 73 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒެވެ. އޭގެ މިނެޓެއް ފަހުން އެއިބާގެ އަންދްރޭ ކަޕާ އަށް ރަތްކާޑު ދެއްކިއިރު ބާސެލޯނާ އާށް ލީޑު ނަގައިދިނީ އެ ކުށަށް ލިބުނު ޕެނަލްޓީއާ އެކު ލިއޮނަލް މެސީ އެވެ. އަދި 90 ވަނަ މިނެޓުގައި ފަހު ލަނޑު ޖަހައިދިނީ ވެސް މެސީ އެވެ.