21 މެއި 2017 - 19:48

ސޯލް (މެއި 21) - ނޯތު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށް ސައުތު ކޮރެއާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ވައިޓް ހައުސް އިން ބުނީ ނޯތު ކޮރެއާ އިން ޓެސްޓްކުރި މެދު ރާސްތާ މިސައިލް ކުރިން ޓެސްޓް ކުރި މިސައިލްތަކަށް ވުރެ ރާސްތާ ކުރު ކަމަށެވެ. ނޯތު ކޮރެއާ އިން އިތުރު މިސައިލެއް ޓެސްޓްކޮށްފައި މިވަނީ ނިއުކްލިއާ ވޯހެޑް އުފުލޭ އާ ބާވަތެއްގެ ބެލެސްޓިކް މިސައިލެއް ޓެސްޓްކުރިތާ ހަފުތާއެއް ފަހުންނެވެ. އަދި މިދިޔަ ހޯމަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އިތުރު މިސައިލް ޓެސްޓެއް ނުކުރަން ޕިއޮންޔަން އަށް އަންގައިފަ އެވެ.
ސައުތު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނީ ނޯތު ކޮރެއާ އިން އެންމެ ފަހުން ޖަޕާން ކަނޑަށް ފޮނުވާލި މިސައިލުގެ ރާސްތާ އަކީ 560 ކިލޯ މީޓަރު (350 މޭލު) ކަމަށެވެ. އޭގެ ކުރިން ކުރި މިސައިލް ޓެސްޓުގެ ރާސްތާ އަކީ 700 ކިލޯ މީޓަރެވެ. ޖަޕާނުގެ ނޫސްތަކުން ބުނެފައި ވަނީ އެ މިސައިލް ވެއްޓިފައި ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ބޭރަށް ކަމަށެވެ.
ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިޑާ ސުގާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނޯތު ކޮރެއާ އަށް ރަސްމީކޮށް މިހާރު ޝަކުވާ ހުށަހަޅާފައިވާނެ ކަމަށެވެ.
ނޯތު ކޮރެއާގެ ރަސްމީ މީޑިއާ އިން މިއަދު ބުނީ އެމެރިކާ އަށް ހަމަލާ ދެވޭވަރުގެ މިސައިލްތައް ޓެސްޓް ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. ނޯތު ކޮރެއާ އިން މިހާތަނަށް ވަނީ ފަސް މިސައިލެއް ޓެސްޓް ކޮށްފަ އެވެ.